ބޭނުންވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުކޮށްދިނުމާއެކު އެމްޑީޕީގެ ވެރިކަން އެތައް ޒަމާނަކަށް ކުރިއަށް ގެންދަން ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަގަހަ ހަރަކާތް މިރޭ ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިޖަލްސާގައި ޝާހިދު ވަނީ ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ހޫނު ހަމަލާތަކެއްވެސް ދެއްވާފަ އެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނަކީ ތަފާތު ހިޔާލުތަކަށް ޖާގަދެއްވައިގެން ކެތްތެރިކަމާ އެކު ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ވިދާޅުވީ މިވެރިކަން ނިމޭއިރު ސާފު ބޯފެއް ނުލިބޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ.
ރަށްޔިތުން ރަށު ބަންދުން ފިލުވާ ވާހަކަ ދެއްކީ އެމްޑީޕީން ކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު އާރްޓީއެލް ފެރީގެ ނިޒާމުން މުޅި ރާއްޖެ ގުޅާލައި އަގުހެޔޮކޮށް ދަތުކުރެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ކުރިއަށް ނެރުނު ސިޔާސަތަކީ ހިލޭ ޑިގްރީއަށް ކިޔެވޭނެ ގޮތް ހަދައިދިނުން ކަމަށާއްި މިހާތަނަށް 15،000 ކުދިންނަށް ހިލޭ ޑިގްރީ އަށް ކިޔަވައިދީފި ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެތައް ރަށަކަށް ކުރިމަތިވެފައި އޮތް ބަނދަރުގެ މައްސަލަ މިސަރުކާރުން ހައްލުކޮށްދީފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެތްތެރި ކުޅަދާނަ ވެރިކަން ބާއްވަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިމަސައްކަތް ނިންމާނީ އަނެއްކާވެސް ރައީސް އިބްރާހީމް މުހައެްމަދު ސޯލިހް ނަގާ ވެރިކަމުގައި ބައިންދާފައި. އަޅުގަނޑުމެން މިކަން ގެންދާނީ ބާރަށް ކުރިއަށް ގެންދާނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ވާހަކަފުޅުގައި ރައީސް ޔާމީނާއި އިދިކޮޅު ޕާޓީން މިހާރު ކުރަމުންދާ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ހޫނު ހަމަލާތަކެއް ވެސް ދެއްވި އެވެ. އެގޮތުން ރައީސް ޔާމީންގެ ނަން ވިދާޅުވެ ޝާހިދު ވަނީ ރައީސް ޔާމީންގެ އަމިއްލަފުޅު ގެ -- ހ. ދޫވެހި ހައްދަވަނީ ދައުލަތުގެ ފައިސާ އިން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ދަރުމަވަންތަ ހޮސްޕިޓަލް އަޅަންވެގެން ދެ އިމާރާތް ދެއްކެވި ކަމަށާއި ނަމަވެސް "އެއް ޓަވަރު އޮޅާލާފައި ލެއްވީ ފަހަތަށް" ކަމުގައި ވިދާޅުވި އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން ހިންގަވާ އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ "ފެލާލައިފި"ގެ ނަމުގައި ބާއްވަން އިއުލާންކޮށްފައިވާ ބޮޑު ޖަލްސާ އަށް ވެސް ޝާހިދު ވަނީ ފާޑުވިދާޅުވެފަ އެވެ.
"ފެލާލައިފިއޭ، ނޮޅާލައިިފިއޭ ކިޔާފައި ޖަލްސާ ބާއްވަން ހަދާނެ ކަމެއް ނެތް. ދިވެހި ރައްޔިތުންނަށް އެނގޭ ފެލާލީ ކޮން ބައެއް ކަން. ފެލާލީ މިދިޔަ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެ ފެލަމުން ގެންދިޔަ މީހުން،" ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގެވި ކަމަށް ތުހުމަތުކުރައްވާ ޝާހިދު ވިދާޅުވި އެވެ.
ރައީސް ސޯލިހްގެ ވެރިކަމުގައި ދިވެހި ދައުލަތަށް ލިބޭ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ބުނެ ކަމުގެ ހަގީގަތް ސާފުކުރުމަށް އިދިކޮޅު ކޯލިޝަނުން ދައުލަތުގެ ބައެއް އިދާރާތަކަށް ޒިޔާރަތް ކުރާތީ އެކަމަށްވެސް ޝާހިދު ރައްދު ދެއްވި އެވެ. ޝާހިދު ވިދާޅުވީ އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް ދައުލަތުގެ ފައިސާއަށް ވާގޮތް މިހާރު ނޭނގިގެން އުޅެނީ ކުރިން އެބޭފުޅުންގެ ޖީބަށް ދިޔަ ފައިސާ މިސަރުކާރުން ރައްޔިތުންނަށް ހަރަދުކުރާތީ ކަމަށެވެ.
"[އިދިކޮޅު ބޭފުޅުން] ފައިސާއަށް ވީގޮތް ނޭނގެއޭ ބުނެ ތަންތަނަށް އެބަދެއެއް ނޫންތޯ؟ ބޭންކް އޮފް މޯލްޑިވްސް ދޮށަށް ގޮސް ސުވާލު އެބަކުރޭ ފައިސާއަށް ވީކިހިނެއްތޯ؟ ބަލަ ފައިސާއަށް ވީގޮތް އެނގޭނީ އެބޭފުޅުންނަށޭ. އެބޭފުޅުންނޭ އެ އެއްޗެހި ނަންގަވައިގެން ޖީބަށް ޖައްސަވައިގެން ތިއްބެވީ. ބަލަ ނޭނގިގެން މިއުޅެނީ މިހާރު ރައްޔިތުންނަށް އެ ފައިސާ ދާތީ. އެއްކަލަ ބޭފުޅުންގެ ޖީބަކަށް ނޫންތާ މިދަނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރު ފަދައިން ބޭނުންވަނީ ގާނޫނާއި ގަވައިދުތަކަށް އިހުތިރާމްކުރާ އަދި ތަފާތު ހިޔާލަށް ޖާގަދޭ ވެރިއެއް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓާއި މަޖިލިސް ތެރޭގައި ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު ހިސޯރުކުރާނެ ވެރިކަމެއް ބޭނުން ނުވާ ކަމަށެވެ.