އަބްދުﷲ ޝާހިދު

އިދިކޮޅުން ވިއްކާ ހަމައެކަނި އެއްޗަކީ ފިތުނަ: ޝާހިދު

ޕީޕީއެން ޕީއެންސީގެ ބޭފުޅުންނަން ވިއްކޭނެ ހަމައެކަނި އެއްޗަކީ ފިތުނަ ކަމަށާއި އެބޭފުޅުންގެ އިސްތަށިފުޅުގައި ހަމައެކަނި ހުރިއެއްޗަކީ ފިތުނައިގެ ދޮލަނގު ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން އުފައްދާ ފިތުނައިގައި ބައެއް ރައްޔިތުން ބައިވެރިވުން މިއީ ހިތާމައެއް ކަމަށެވެ.

"އެފިތުނަ ދޮލަނގުގެ އެންމެ އިސްސަފުގައި އޮތީ އިންޑިއާ ސިފައިންގެ ވާހަކަ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް ދެ ހެލިކޮޕަޓަރަކީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ގެނެސްފައިވާ ހެލިކޮޕްޓަރުތަކެއް ކަމަށެވެ.

"އަޅާފައި އޮތް ސޮއެއް އަޅާފައި އޮތީ ކުރީގެ ސަރުކާރުން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ދިވެހި ފުލުހުންނަށް ހަދަމުން ދިޔަ ތަމްރީން މަރުކަޒަކީވެސް އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ އިދިކޮޅު ފިތުނަވެރި ވާހަކަތަކެއް ފެތުރި ކަމަށެވެ. އެމަސައްކަތް ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެށިއިރު ހޯމް މިނިސްޓަރަކަށް ހުންނެވީ ޑރ. މުހައްމަދު ޖަމީލް ކަމުގައިވެސް ވިދާޅުވި އެވެ.

އުތުރު ތިލަފަޅާ ގުޅުވައިގެންވެސް އިދިކޮޅު ފަރާތްތަކުން ދައްކަނީ ފިތުނަވެރި ވާހަކަތަކެއް ކަމަށް ޝާހިދު ތުހުމަތުކުރެއްވި އެވެ. އެ މަޝްރޫއު ހިންގަން ސޮއިކޮށްފައިވާ އޮތީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވި އެވެ. އުތުރު ތިލަފަޅު އެއްބަސްވުމުގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކޯލިޝަން ޕާޓްނަރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ.