ފާއިތުވި ފަސް އަހަރަކީ ރާއްޖޭގެ ތާރީހުގައި ހާރިޖީ ގުޅުން، ބައިނަލްއަގްވާމީ ދުނިޔެއާ އެންމެ ބޮޑަށް ބަދަހިކުރެވުނު ފަސް އަހަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ހާރިޖީ ދާއިރާ އިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ، ބައިނަލްއަގްވާމީ ދުނިޔެއާ އެންމެ ބޮޑަށް ގުޅުން ބަދަހިކުރީ މި ފަސް އަހަރު ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ގުޅުމާއި ޑިޕްލޮމެޓިކް ފުޓްޕްރިންޓް، ދުނިޔޭގެ 185 ގައުމަށް ފުޅާކުރެވި، 101 ގައުމަށް ވިސާ ނެތި ދިވެހިންނަށް މިހާރު ދަތުރުކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއިން އދގައި ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކޮށްފައިވާ ކަމުގައި ވކިދާޅުވި އެވެ.
"ނަތީޖާއެއްގެ ގޮތުން އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއިން ބެލެހެއްޓި،" ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދގެ ރައީސްކަން ކުރެއްވުން ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް މިއަދު ވަނީ ދުނިޔޭގެ ސަމާލުކަން މިވަގުތު އެންމެ ބޮޑަށް އޮތް އިޒްރޭލު ފަލަސްތީން މައްސަލައިގައިވެސް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ދިވެހިންގެ ހިތްތައް މިއަދު ބަރުވެފައިވަނީ ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚްތުންނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުން ކަމަށެވެ. އެކަމަކު ފަލަސްޔީނުގެ މިނިވަންކަމަށް ދިވެހިން ކުރާ ތާއީދު ދުވަހަކުވެސް ބަދަލު ނުވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
މިސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވިއިރު އެމަނިކުފާނުގެ މިވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް އަސަރުކުރާ ގޮތަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރާ ދެ މައްސަލަ އަކީ އިންޑިއާ އާއި އެކު އަޑިނޭނގޭ އެއްބަސްވުންތަކެއް ހަދައި ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބާފައިވާ ކަމަށް ބުނާ މައްސަލަ އާއި ރާއްޖޭގެ ދެކުނު ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ކަމަށް ބުނާ ބައެއް ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެވެ.