މެންބަރު ހުސައިން މުހައްމަދު ލަތީފް

އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރާއި ހުސައިން ބައްދަލުކުރައްވައިފި

ނައިބް ރައީސް ހުސައިން މުހައްމަދު ލަޠީފް، އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވޮލްކަ ޓާކްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި އިންސާނީ ހައްގުތައް ނެގެހެއްޓުމުގެ ގައުމީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުގެ އެންމެހާ އިދާރާތަކާއި ރަސްމީ އޮފީސްތައް ހިމެނޭހެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރުމުގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހާއި އަދި އެ މަޖިލީހާ ގުޅިފައިވާ ނިޒާމުތަކަށް އެއްބާރުލުން ދީގެން ރާއްޖެއިން ބިނާކުރަނިވި މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

‎މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް އާއި ވޮލްކަ ވަނީ ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ. ހާއްސަ ގޮތެއްގައި ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންޖެހިފައިވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ޔަޤީންކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި މިއަދާއި މާދަމާ ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.