ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ހިދުމަތްދޭއިރު ހިނިތުންވުމާއި އޯގާތެރިކަން އިސްކުރަން އެދިވަޑައިގެންފި

ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކުވެސް ހިދުމަތްދޭއިރު ހިނިތުންވުމާއި އޯގާތެރިކަން އިސްކުރެއްވުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެދިވަޑައިގެންފި އެވެ.

ނައިބް ރައީސް މިކަމަށް އެދިވަޑައިގެންނެވީ ހަތަރުވަނަ ދިވެހި ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ހުސައިން ވިދާޅުވީ ހިދުމަތް ދިނުމުގައި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކުވެސް ހިނިތުންވުމާއި އޯގާތެރިކަން އިސްކުރުމަކީ ހިދުމަތް ހޯދާ މީހުންނަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ހިދުމަތްތައް ބައްޓަންކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މީގެ ތެރޭގައި އޮންލައިންކޮށް ހިދުމަތް ދިނުން ފަދަ ކިޔޫގައި ޖެހެން ނުޖެހި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދެންހުރި ކަންކަމަށް ހައްލު ހޯދުންފަދަ ކަންކަން ކުރަން އެބަޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު އަދި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހިދުމަތް ދިނުމުގައި ކޮންމެ މުވައްޒަފަކުވެސް ހިކުމަތްތެރިކަން އިސްކުރުމަށް އެދިވަޑައިގެންނެވި އެވެ.

ސަރުކާރު ހިންގުމުގައި ސިވިލް ސާވިސްގެ މުވައްޒަފުން ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ އެހީތެރިކަމާ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.

"ސްމާޓް ގަވާނަންސް ފޯ ސިވިލް ސާވިސް އެކްސެލެންސް" މި ތީމުގެ ދަށުން މިއަދު ފެށި ހަތަރުވަނަ ދިވެހި ސިވިލް ސާވިސް ކޮންފަރެންސްގައި ޖުމްލަ ތިން ދާއިރާއަކުން 15 ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 250 އަށް ވުރެ ގިނަ ބައިވެރިވެރިން މި ކޮންފަރެންސްގައި ބައިވެރިވެ އެވެ.