ސިވިލްސާވިސް ކޮމިޝަން

ސީއެސްސީގެ މެންބަރު ކަމަށް ފާތުން އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ ފާތިމަތު ހަބީބާއެވެ.

މި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ފަތިމަތި ހަބީބައަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަދި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާތިމަތު ހަބީބާއާ ހަވާލުކުރައްވާފަ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރީލް 29 ވަނަ ދުވަހު ރުހުން ދިން ފާތިމަތު ހަބީބާ އަކީ ސެޕްޓެމްބަރު 1، 2015 އިން ފެށިގެން ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އިސްވެރިޔާ އެވެ.

ފާތިމަތު ހަބީބާ އަކީ ޔުނިވަސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓާސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.

ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި އިތުރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.