ހުސައިން މުހައްމަދު ދީދީ

ނައިބް ރައީސް ހުސައިން ޔުގަންޑާއަށް ފުރާވަޑައިގެންފި

ޔުގަންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ފުރާވަޑައިގެންފި އެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި އާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77)ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ދެސަމިޓުގައި ވެސް ނައިބް ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޖުމްލަ 120 މެންބަރު ގައުމު ހިމެނޭ ނާމްގެ މެންބަރު ގައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ގައުމެކެވެ.

ދިވެހިރާއްޖެ އިން ޖީ77 އެންޑް ޗައިނާގައި ބައިވެރިވީވެސް 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުހިއްމު ބައެއް މައްސަލަތައް ކަމުގައިވާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި އަދި ހާއްސަ ގޮތެއްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ތަމްސީލުކުރުމާއި އެ ގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމަށް އެ ޖަމާއަތުގެ ތެރެއިން އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.