ރައީސް އޮފީސް

ލިތުއޭނިއާ އިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅައިފި

ލިތުއޭނިއާ އިން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅައިފި އެވެ.

ލިތުއޭނިއާ އިން ރާއްޖެއަށް ކަނޑައެޅީ ނޮން-ރެސިޑެންޓް ސަފީރެކެވެ. އެހެންވެ އޭނާ ހުންނަވާނީ އަވަށްޓެރި އިންޑިއާ ގައެވެ.

ލިތުއޭނިއާ އިން ރާއްޖެއަށް ކަނޑައެޅި ސަފީރު ޑަޔާނާ މިކެވިޗިއެނޭ މިއަދު ވަނީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވާފަ އެވެ.

ލިތުއޭނިއާ ސަފީރަށް ފަތްކޮޅު އެރުވުމަށްފަހު ރައީސް މުއިއްޒުއާއި ސަފީރު ޑަޔާނާ ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ވިޔަފާރިތަކާއި، އިގްތިސާދީ ގޮތުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެއްވި އެވެ.

ދިވެހިރާއްޖެއާއި ލިތުއޭނިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޑިސެމްބަރު 2، 1999 ގައެވެ.