ރައްޔިތުންގެ މަޖިލިސް

ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން ރުހުން ދީފި

ދިވެހިރާއްޖެއިން ތިން ގައުމަކަށް އައްޔަންކުރަން ބޭނުންވާ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދީފައިވަނީ ޗައިނާ، ބަންގްލަދޭޝް އަދި ސައުދީ އަރަބިއްޔާގެ ސަފީރު ކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ނަންތަކަށެވެ.

މި ނަންތައް ދިރާސާ ކުރި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވެސް ނިންމާފައިވަނީ މި ބޭފުޅުންނަށް ރުހުން ދިނުމަށެވެ.

މަޖިލީހުން މިއަދު ރުހުން ދިނީ ޗައިނާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ކުރީގެ ގަވަރުނަރު މ. ފަށަލަ، ފަޒީލް ނަޖީބަށާއި، ސައުދި އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ނ. ހޮޅުދޫ، އުފަންވެލި، މުހައްމަދު ތޯހާ އަށާއި އަދި ބަންގްލަދޭޝްއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދު އަށެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގައިވެސް ވަނީ ދިވެހިރާއްޖެ އިން އަށް ގައުމަކަށް ސަފީރުން ކަނޑައެޅުމަށް ރުހުން ދީފަ އެވެ.