އަބްދުﷲ ޝާހިދު

ޝާހިދު ވާދަކުރައްވާ އދގެ އާންމު މަޖިލީހުގެ އިންތިހާބު މިރޭ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަ ކުރައްވަމުން ގެންދަވާ އދ. ގެ އާންމު މަޖިލީހުގެ ރައީސް ހޮވުމުގެ އިންތިހާބު މިރޭ އޮންނާނެ އެވެ.

މިއިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެވެ. އާންމު މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވަނީ ޝާހިދުގެ އިތުރުން އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލެވެ.

އިންތިހާބު ކާމިޔާބު ކުރަން ކެމްޕޭން ކުރެއްވުމަށްޓަކައި އދ. ގެ މައި މަރުކަޒު ހުންނަ ނިއުޔޯކުގައި ޝާހިދު ހުންނަވާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މިއިންތިހާބުގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމުގެ މެދުގައި ލާނީ ސިއްރު ވޯޓެކެވެ.

އދ. ގެ އާންމު މަޖިލީހުގައި ހިމެނޭ ބޮޑެތި އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ލިބިފައިވާތީ ޝާހިދު އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ. ޝާހިދަށް ތާއީދު ކުރާނެ ކަން ހާމަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުން އިންޑިއާ އަދި މެދުއިރުމަތިން ސައުދީ އަރަބިއްޔާ ހިމެނެ އެވެ. މީގެއިތުރުން އިނގިރޭސިވިލާތާއި އެމެރިކާގެ ތާއީދު ވެސް ރާއްޖެއަށް އޮތް ކަމަށް މައުލޫމާތު ލިބެ އެވެ.

އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އެެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވަނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ. މިރޭ ބާއްވާ އިންތިހާބަކީ އދ. ގެ 76 ވަނަ އާއްމު މަޖިލީހަށް ރައީސަކު ހޮވަން ބާއްވާ އިންތިހާބެވެ.

އާންމު މަޖިލީހުގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމާއި، މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި، ބަހުސްތަކުގައި ގައުމުތަކަށް ވަގުތު ދިނުމުގެ ކަންކަން ހަމަޖެއްސުން ފަދަ ބާރުތައް ލިބިގެންވެ އެވެ.

އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ޝާހިދު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 އިގެ ނުރައްކަލުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމާއި، މޫސުމީ މައްސަލަތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދަން މަސައްކަތް ކުރުމާއި، ދެމެހެއްޓެނިވި ގޮތަކަށް ގައުމުތައް ތަރައްގީކޮށް އާރާސްތު ކުރަން މަސައްކަތް ކުރުމެވެ.

ޝާހިދު ރާއްޖެއިން ބޭރުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވުމުން އިދިކޮޅު ސިޔާސީ ބޭފުޅުން ގެންދަވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ޝާހިދު ކުރައްވަމުން ގެންދަވާ ކެމްޕޭނަކީ ރާއްޖެއަށް މިވަގުތު މުހިއްމު ކެމްޕޭނެއް ނޫން ކަމަށްވެސް އިދިކޮޅު ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.