އަބްދުﷲ ޝާހިދު

އދ.ގެ މައި މަރުކަޒުގައި ޝާހިދު އިމާމުވެ ހުކުރު ކުރައްވައިފި

Apr 29, 2022

ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިމާމުވެ ހުކުރު ނަމާދު ކުރައްވައިފި އެވެ.

އދ.ގެ މައި މަރުކަޒުގައި ކޮންމެ ހުކުރު ދުވަހަކު އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި، އދ. ގައި މަސައްކަތްކުރައްވާ މުސްލިމް މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރެ އެވެ.

ނިއުޔޯކްގައި ހުކުރު ނަމާދުކުރާ ގަޑި ދިމާވަނީ ރާއްޖެ ގަޑިން ހުކުރު ދުވަހުގެ ރޭ 10:00 ޖަހާއިރު އެވެ.

ޝާހިދު އިމާމުވެ ހުކުރު ނަމާދު ކުރެއްވިއިރު ދައުލަތުގެ މީޑިއާ -- ޕީއެސްއެމް އިން އެ މަންޒަރުތައް ވަގުތުން ގެނެސްދީފައިވެ އެވެ.

ޝާހިދު ވިދާޅުވި ހުތުބާ ހާއްސަ ކުރައްވާފައިވަނީ ރޯދަ މަހުގެ މާތްކަމާއި ކީރިތި ރަސޫލާގެ ހަޔާތްޕުޅުން ފެނިގެންދިޔަ ކެތްތެރިކަމުގެ މަތިވެރި ސިފަފުޅަށެވެ.

މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސަކު އެ ޖަމިއްޔާގެ މައި އިދާރާގައި އިމާމުވެ ހުކުރު ކުރެއްވެވި ފުރަތަމަ ފަހަރެވެ.