އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ މަގާމުގައި ދެއްވާ ވަދާއީ ތަގުރީރު މާދަމާ އޮންނާނެ އެވެ.
އދ. ރައީސް ކަމަށް ޝާހިދު އިންތިހާބުވީ މިއަހަރުގެ ޖޫން ހަތްވަނަ ދުވަހު އދ.ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 143 ގައުމުގެ ބޮޑު އަގުލަބިއްޔަތަކާ އެކު އެވެ. ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
ޝާހިދު މަގާމާ ހަވާލުވެވަޑައިގެން އެއް އަހަރު ދައުރު ފެއްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.
ޝާހިދު އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ކުރިމަތިލެއްވީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ފަރާތުންނެވެ.
އދ.ގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ ދައުރުގައި މަސައްކަތް ކުރައްވާނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށް ކަމަށެވެ.
"އުންމީދުގެ ރިޔާސަތު ބިނާކުރަން ގަސްތުކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށް. އެއްވަނަ ދޯދި އެއީ ކޮވިޑް ވަބާއިން އަރައިގަތުން. ދެވަނަ ދޯދި އެއީ ދެމެހެއްޓެނިވި ތަރައްގީ. ތިންވަނަ ދޯދި އެއީ ތިމާވެށީ ނުރައްކަލުން ދިމާވަމުންދާ ކަންތައްތަކާއި ކުރިމަތިލެވޭނެ ގޮތްތައް ހަމަޖެއްސުން. ހަތަރުވަނަ ދޯދި އެއީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުން. ފަސްވަނަ ދޯދި އެއީ އދ މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުން. އެހެންވީމަ މި ފަސް ދޯދީގެ މައްޗަށް އަޅުގަނޑުގެ ރިޔާސަތު އެއީ 'އުންމީދުގެ ރިޔާސަތު' ބިނާވެގެން ދަނީ،" ޝާހިދު ވިދާޅުވެފައިވެ އެވެ.
އދ.ގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މަސައްކަތް ފެއްޓެވީ "ޕްރެޒިޑެންސީ އޮފް ހޯޕް" ސްލޯގަންގެ ދަށުން ގައުމުތަކުގެ މައްސަލަތައް ދެނެގަނެ އެ ގައުމުތަކުގެ މައްސަލަތައް ހައްލުކޮށްދިނުމަށެވެ. މަގާމުގައި ހުންނަވައިގެން ކުރެއްވި ފަހު ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަތީ ގުޔާނާ އަށެވެ.