އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވި ތާރީހުގެ ތެރެއަށް ވަނީ ވަޑައިގެންފި އެވެ. ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ ރޭ ބޭއްވި އިންތިހާބުގެ ވޯޓްގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ. ރާއްޖޭގެ ހާރިޖީ ދާއިރާގައި މިވަގުތު ހުންނެވި އެންމެ ބޮޑު ތަޖުރިބާކާރު، ޝާހިދު އެ އިންތިހާބު ކާމިޔާބު ކުރެއްވިއިރު މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ދިނެވެ.
ޝާހިދު އިންތިހާބުވެ ވަޑައިގަތީ އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށާނީ ސެޕްޓެމްބަރު 14، 2021 ގަ އެވެ.
މިނިސްޓަރު ޝާހިދުގެ ތާރީހީ ކާމިޔާބަށް ފަހު ނިއުޔޯކުގައި ހުންނަވާ އަވަސްއަށް ވަނީ ރޭ އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ އެމަނިކުފާނަކީ ވަރަށް ބޮޑު ނަސީބުވެރިއެއް ކަމަށެވެ. ނަމަވެސް ރޭގެ ކާމިޔާބީއަކީ ވަކި ފަރުދަކަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެ ކާމިޔާބަކީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބެއް ކަމަށާ ކާމިޔާބުގެ ފަހަތުގައި ވަނީ ސަރުކާރުގެ ހަރުދަނާ ލީޑާޝިޕް ކަމަށެވެ.
"އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ދެކެނީ އަޅުގަނޑަކީ ވަރަށް ބޮޑު ނަސީބުވެރި އެއް ކަމަށް. އެއީ ރާއްޖެއަށް މިފަދަ މަތިވެރި ކާމިޔާބީއެއް ޝަރަފެއް ފަހުރެއް ހޯދާ ދިނުމުގައި މެދުވެރިއަކަށް މިވަގުތުވާން ﷲ ސުބުހާނަހޫވަތައާލާ އަޅުގަނޑު މިންވަރު ކުރައްވާފައި ހުރީމަ. އެހެންވީމަ އަޅުގަނޑަކީ ވަރަށް ބޮޑު ނަސީބުވެރިއެއް. އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ކާމިޔާބު މި ހޯދީކީއެއް ވަކި ފަރުދެއް ނޫން. މި ކާމިޔާބު މި ހޯދީ ދިވެހި ރައްޔިތުން. އަދި މި ކާމިޔާބު ލިބިގެން މި ދިޔައީ ދިވެހި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން އަދި ލީޑާޝިޕްގެ ވަރުގަދަ ކަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ނިމިދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި އދ. ގެ މައި މަރުކަޒު ހުންނަ ނިއުޔޯކްގައި ހުންނަވާ 193 ގައުމުގެ ސަފީރުންނާއެކު އެކި ގޮތްގޮތުން އެމަނިކުފާނު ބައްދަލުކޮށް މަޝްވަރާ ކުރެއްވެވި އެވެ. އަދި މުޅި ދުނިޔެ މިހާރު، ދެކެ ތަޖުރިބާ ކުރަމުންދާ ހިތްދަތި ކަމާއި ކެކުޅުމަށް އދ ގެ މަޖިލީސް މެދުވެރިކޮށް މުޅި ދުނިޔެއަށް އުންމީދު ގެނެސްދޭން ޖެހޭ ކަމަށް ދެކެވަޑައިގެން ކެންޕެއިން ބިނާ ކުރެއްވީ "އުންމީދުގެ ރިޔާސަތު" އެ ނަމަށެވެ. އަދި އެ "އުންމީދުގެ ރިޔާސަތު ބިނާކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށެވެ.
"އުންމީދުގެ ރިޔާސަތު ބިނާ ކުރަން ގަސްތުކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށް. އެއްވަނަ ދޯދި އެއީ ކޮވިޑް ވަބާއިން އަރައިގަތުން. ދެވަނަ ދޯދި އެއީ ދެމެހެއްޓެނިވި ތަރައްގީ. ތިންވަނަ ދޯދި އެއީ ތިމާވެށީ ނުރައްކަލުން ދިމާވަމުންދާ ކަންތައްތަކާއި ކުރިމަތިލެވޭނެ ގޮތްތައް ހަމަޖެއްސުން. ހަތަރުވަނަ ދޯދި އެއީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުން. ފަސްވަނަ ދޯދި އެއީ އދ މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުން. އެހެންވީމަ މި ފަސް ދޯދީގެ މައްޗަށް އަޅުގަނޑުގެ ރިޔާސަތު އެއީ 'އުންމީދުގެ ރިޔާސަތު' ބިނާވެގެން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފަސް ދޯދީގެ އަމާޒަކީ ވަރަށް ގިނަ ގައުމުތަޖުގެ މެންބަރުންގެ ވިސްނުމާ އެއްގޮތަކަށެވެ. އަދި ރޭގެ ވޯޓުން ފެނުނީ އެ ވިސްނުމަށް ދުނިޔޭގެ ތާއީދު އޮތް މިންވަރެވެ.
އުންމީދުގެ ރިޔާސަތު ބިނާކުރަން ގަސްތުކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށް. އެއްވަނަ ދޯދި އެއީ ކޮވިޑް ވަބާއިން އަރައިގަތުން. ދެވަނަ ދޯދި އެއީ ދެމެހެއްޓެނިވި ތަރައްގީ. ތިންވަނަ ދޯދި އެއީ ތިމާވެށީ ނުރައްކަލުން ދިމާވަމުންދާ ކަންތައްތަކާއި ކުރިމަތިލެވޭނެ ގޮތްތައް ހަމަޖެއްސުން. ހަތަރުވަނަ ދޯދި އެއީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުން. ފަސްވަނަ ދޯދި އެއީ އދ މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުން. އެހެންވީމަ މި ފަސް ދޯދީގެ މައްޗަށް އަޅުގަނޑުގެ ރިޔާސަތު އެއީ 'އުންމީދުގެ ރިޔާސަތު' ބިނާވެގެން ދަނީއަބްދުﷲ ޝާހިދު | އދ. ގެ އާއްމު މަޖިލީހުގެ އާ ރައީސް
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން ހޯދި ކާމިޔާބަކީ ރާއްޖެ ދުނިޔެ ބަލައިގެންފައިވުމުގެ ސާފު ހެއްކެކެވެ. އަދި ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމާއި ފުރިހަމަ ކަމެވެ.
"އަޅުގަނޑު ދެކެނީ މިއިން ފެނުނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ފުރިހަަމަ ކަމާއި ދުނިޔެ ބަލައިގެންފައިވާ މިންވަރު. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަރުދަނާ ލީޑާޝިޕް،"
ސްކޫލް ނިންމެވި ގޮތަށް އަބްދުﷲ ޝާހިދު ފުރަތަމަ ވަދެވަޑައިގެންނެވީ ވެސް ފޮރިން މިނިސްޓްރީއަށެވެ. އޮފީހުގެ "ޕިއޯނު" ކަމާއި ސިޓީ ޗާޕް ކުރުމާއި ފޮށިތަންމަތި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ރާއްޖޭގެ ހާރިޖީ ހަރުގަނޑުގެ އެންމެ ތިރިން މައްޗަށް ވަޑައިގެންނެވިއިރު މިހާރު އެއީ ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެވެ. ފޮރިން މިނިސްޓްރީ އަތުރާލާފައިވާ ގޮތާއި މެނޭޖްކުރާ ގޮތް ޝާހިދު ހިތުދަހެވެ. ފޮރިން މިނިސްޓްރީގެ އިންސްޓިޓިއުޝަނަލް މެމޮރީއަކީ ނޫނީ މުޅި މިނިސްޓްރީގެ ވަތުއޮޑިއަކީ ވެސް ޝާހިދެވެ. ހުުރިހާ ޒަމާނެއްގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ މުވައްޒަފުންގެ ޝުއޫރުތަކާއި އިހުސާސާއި ގޮތް ފޮތް ޝާހިދަށް ރީއްޗަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅަކީ ޝާހިދެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.
ޝާހިދު ވަނީ ރޭގެ ކާމިޔާބީ ތަފާތު ގޮތަކަށް މާނަ ކުރައްވާ ރައްޔިތުންނަށްވެސް ހާއްސަ މެސެޖެއް ދެއްވާފައެވެ. އަދި ރޭގެ ކާމިޔާބުން ރާއްޖެއަށް ލިބޭނީ ކޮން ފައިދާއެއްތޯ ކުރާ ސުވާލަށްވެސް ވަރަށް ތަފްސީލުކޮށް ޖަވާބު ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ވެރިންގެ ބައްދަލްވުންތައްވެސް ކުރިއަށް އޮތް އަހަރު ކުރިއަށްދާއިރު ރިޔާސަތު ބަލަހައްޓާނީ ރާއްޖޭގެ ފަރާތުން ދިވެއްސެކެވެ. ރާއްޖެއަށް ލިބުނު މި ފުރުސަތުން ކުރީން ހުޅުވިފައި ނުވާ ކިތަންމެ ދޮރެއް ހުޅުވޭނެ އެވެ. އަދި ރާއްޖޭގެ ވެރިން ގުޅުއްވުމުން ފޯނު ނުގަންނަވާ ކިތަންމެ ގައުމަކުން ފޯނަށް ޖަވާބު ދެއްވާނެ އެވެ. އާންމު މަޖިލީހުގެ ކޮންމެ ބައްދަލްވުމެއްގައި ރާއްޖޭގެ އަޑު އުފުލޭނެ އެވެ. ރާއްޖެ ތަމްސީލުވާނެ އެވެ.
"ދިވެހިރާއްޖެ މި ހޮވުނީ 193 ގައުމުގެ ރިޔާސަތަށް. އެއީ ގައުމުތަކުގެ އެންމެ މަތީވެރިންގެ ބައްދަލުވުންވެސް އޮންނަ ތަން. އެ ތަނުގެ ރިޔާސަތުގައި ދިވެއްސަކު މި އިންނަނީ ދިވެހިރާއްޖެ މި ތަމްސީލުވަނީ. އެހެންވީމަ އެކަން އެެގޮތަށް ހަމަޖެހިގެންދިޔައީމާ ދިވެހިރާއްޖެއަށް ކުރީން ނުހުޅުވޭ ކިތަންމެ ދޮރެއް ދިވެހިރާއްޖެއިން ގުޅާލީމާ ކުރީން ފޯނު ނުނަގާ ކިތަންމެ ބައެއްގެ ފޯނު ކޯލުތައް އަދި ދިވެހިރާއްޖޭގެ އަޑު ނީވޭ ކިތަންމެ ސަރަހައްދެއްގައި ދިވެހިރާއްޖޭގެ ނަން، ދިވެހިރާއްޖޭގެ މީހަކު ރިޔާސަތުގައި އިންނައިރު މަންޒަރު ބަލާ ކޮންމެ މީހަކަށް އަބަދުވެސް ދިވެހިރާއްޖޭގެ މީހަކުކަން އެނގި، އެ އަޑު މުޅި ދުނިޔެއަަށް ފެތުރިގެން ދާނެ. އެހެންވީމަ އެއީ ދިވެހިރާއްޖެއަށް ލިބޭނެ އެންމެ ބޮޑު އެއް ފުރުސަތު މި ހޯދާ ދެވުނީ،" ޝާހިދު ވިދާޅުވިއެވެ.
ދިވެހިރާއްޖެ މި ހޮވުނީ 193 ގައުމުގެ ރިޔާސަތަށް. އެއީ ގައުމުތަކުގެ އެންމެ މަތީވެރިންގެ ބައްދަލުވުންވެސް އޮންނަ ތަން. އެ ތަނުގެ ރިޔާސަތުގައި ދިވެއްސަކު މި އިންނަނީ ދިވެހިރާއްޖެ މި ތަމްސީލުވަނީ. އެހެންވީމަ އެކަން އެެގޮތަށް ހަމަޖެހިގެންދިޔައީމާ ދިވެހިރާއްޖެއަށް ކުރީން ނުހުޅުވޭ ކިތަންމެ ދޮރެއް ދިވެހިރާއްޖެއިން ގުޅާލީމާ ކުރީން ފޯނު ނުނަގާ ކިތަންމެ ބައެއްގެ ފޯނު ކޯލުތައް އަދި ދިވެހިރާއްޖޭގެ އަޑު ނީވޭ ކިތަންމެ ސަރަހައްދެއްގައި ދިވެހިރާއްޖޭގެ ނަން، ދިވެހިރާއްޖޭގެ މީހަކު ރިޔާސަތުގައި އިންނައިރު މަންޒަރު ބަލާ ކޮންމެ މީހަކަށް އަބަދުވެސް ދިވެހިރާއްޖޭގެ މީހަކުކަން އެނގި، އެ އަޑު މުޅި ދުނިޔެއަަށް ފެތުރިގެން ދާނެ. އެހެންވީމަ އެއީ ދިވެހިރާއްޖެއަށް ލިބޭނެ އެންމެ ބޮޑު އެއް ފުރުސަތު މި ހޯދާ ދެވުނީފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު | އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް
ރާއްޖެއިން ރޭ ހޯދި ކާމިޔާބަކީ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ހޯދަން އެދޭނެ ކާމިޔާބެކެވެ. އެހެން ކަމުން ރޭގެ ކާމިޔާބަކީ ޝާހިދުގެ ނަޒަރުގައި ހުރިހާ ދިވެހިން ފަހުވެރިކަމާއެކު ފާހަގަކުރަން ޖެހޭ ކާމިޔާބެކެވެ. އަދި މި ކާމިޔާބަށް އެކަކު އަނެކަކަށް މަރުހަބާ އާއި ތަހުނިޔާ ފޮނުވާ އުފާފާޅު ކުރަން ޖެހެއެވެ.
ދުނިޔޭގެ ފަހުރުވެރި މަގާމެއް ހޯދުމަށް ކާބަފައިން ފެށި މަަސައްކަތުގެ ހަގީގީ ނަތީޖާ ފެނުނު މި ވަގުތަކީ ރާއްޖެއަށް ހާއްސަ ޝަރަފަކާއި ފަހުރެއް އަދި ރީތި ނަމެއް ލިބިގެންދިޔަ ކާމިޔާބެއް ކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.
"މިއަދަކީ ދިވެހިރައްޔިތުން ފަހުރުވެރިވާންވީ، އުފާފާޅުކުރަންވީ ދުވަހެއް. އެކަކު އަނެކަކަށް ތަހުނިޔާ ކިޔަންވީ ދުވަހެއް. އަޅުގަނޑުމެންގެ ކާބަފައިން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުތައް އެ ކަންތައްތައް އަޅުގަނޑުމެންގެ ހަޔާތުގައި އަޅުގަނޑުމެންނަށް މި އޮތީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ދިވެހިރާއްޖެއަކީ އެ ގައުމުތަކުގެ ރިޔާސަތަކަށް ދިވެހިރާއްޖެ ވުމުގެ އިތުބާރާއި ޔަގީންކަން އޮތް ގައުމެއްގެ ގޮތުގައި ސާބިތުކޮށްދެވިފައި. އެހެންވީމަ މިދަނޑިވަޅަކީ މިއީ ފަރުދީ ގޮތުން އެކަކު އަނެކަކަށް މަރުހަބާ ކިޔަންވީ ވަގުތު. މިއީ ވަކި މީހަކަށް ލިބުނު ކަމެއް ނޫން. މިއީ ދިވެހިރައްޔިތުންނަށް ލިބުނު ކާމިޔާބެއް، ރީތި ނަމެއް، ޝަރަފެއް އަދި ފަހުރެއް އިނގޭތޯ،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.