އދ. ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސްގެ މަގާމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެއިން ހޯދި ފަހުރުވެރި އެއް ކާމިޔާބީ އެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު އެ މަގާމަށް ޝާހިދު އިންތިހާބުވެވަޑައިގަތުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ބޮޑު ކާމިޔާބެއް ވެސް މެއެވެ. އެއީ ރާއްޖެއިން ދުނިޔޭގެ އެހެން ގައުމުތަކާއެކު ހަރުދަނާ އަދި ވަރުގަދަ ގުޅުމެއް އޮތްކަން ރަމުޒުކޮށްދޭ ހެއްކެކެވެ. ބޮޑު ކާމިޔާބަށް ފަހު ޝާހިދުގެ ދައުރު އެބަ ހިނގަ އެވެ. ނަމަވެސް އެއަށް ވުރެ ބޮޑު ގާނޫނީ ބަހުސެއް ވަނީ ހުޅުވި އެބަ ހިނގަ އެވެ. އެއީ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ޝާހިދަށް ހުންނެވޭނެތޯ ކުރާ ބަހުސެވެ. އެ ބަހުސު ކުރަން ވެސް ޖެހެއެވެ. އެއީ ގާނޫނު އަސާސީގައި ވަޒީރު ކަމުގައި ހުންނަވައިގެން ކޮށްގެން ނުވާނެ ކަންކަން ވަރަށް ސާފުކޮށް ބަޔާންް ކޮށްފައިވާތީ އެވެ.
ގާނޫނު އަސާސީގެ 136 ވަނަ މާއްދާއަކީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެން ނުވާނެ ކަންކަން ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގައި (ހ) ގައި ބުނެފައިވާ ގޮތުގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެ ނޫންވެސް މަގާމެއް ފުރައިގެން ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ އާމްދަނީ ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ އެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަަށް ހިފައިގެން ނުވާނެ އެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެ މެންބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންވެސް ނުވާނެ އެވެ.
ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުން މި މާއްދާ މިހާ ސާފުކޮށް ލިޔެފައި ވަނީ އެ ދުވަސްވަރު ބައެއްް ވަޒީރުން ދިހަ ބާރަ މަގާމުގައި ތިއްބަވާތީ އެވެ. އެތައް ކުންފުންޏެއް ހިންގަވާ ވިޔަފާރީގައި ޝާމިލުވެ އުޅުއްވާތީ އެވެ. ބައެއް އެހެން ވަޒީފާތައް އަދާކޮށް އާމްދަނީ ހޯދުމަށް ބައެއް ފަންނީ މަސައްކަތްތަކުގައި ވެސް ޝާމިލުވެ އުޅުއްވާތީ އެވެ.
އެހެން ކަމުން ޝާހިދަށް ފޮރިން މިނިސްޓަރު ކަމުގައި ހުންނަަވައިގެން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވޭނެތޯ ސުވާލު ކުރުމަށް ނުވަތަ ސުވާލު އުފެއްދުމަށް ގާނޫނީ ނަޒަރަކުން ފުރުސަތު އެބައޮތެވެ. މިހާރު އެ ބަހުސް ހުޅުވި ބޮޑުވެ ފުޅާވެފައި ވަނީ އެ ސަބަބާއި ގުޅިގެނެވެ. މި ބަހުސްގައި ބޮޑަށް ބައިވެރިވެ ވާހަކަ ދައްކަވަމުން ގެންދަވަނީ ވެސް ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރަސްމީ ދައުވަތަށް ޝާހިދު ވަނީ ދާދި ފަހުން ރާއްޖެ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން ބައެއް ނޫސްވެރިން ވަނީ ދެ މަގާމުގައި ހުންނެވޭނެތޯ ކުރެވޭ ސުވާލު މިނިސްޓަރު ޝާހިދަށް އަމާޒު ކޮށްފަ އެވެ.
ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ގިނަ ބޭފުޅުން އެކަމުގެ ގާނޫނީ ހުއްޖަތު ދެއްކެވި ނަމަވެސް އެ ސުވާލަށް ޖަވާބު ދެއްވަން ޝާހިދު ފެއްޓެވީ ސިޔާސީ ވާހަކަފުޅެއްގެ ގޮތުގައި އެކަން ސިފަ ކުރައްވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުގައި "ދެ މަގާމު ނުފުރޭނެ ކަމަށް" ބުނާ ބުނުމަކީ ދައްކާނެ ވާހަކައެއް ނެތިގެން ވާދަވެރިން ދައްކަމުންދާ ދެކޮޅު ނުޖެހޭ ސިޔާސީ ވާހަކައެކެވެ. އަދި ދެ މަގާމުގައި އޭނާ ހުންނެވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
ރާއްޖޭގެ ގާނޫނު އަސާސީގައި އޮތް އެއްޗެއް ވިދާޅު ނުވެ ޝާހިދު ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ދުނިޔޭގެ ކިތަންމެ ގައުމެއްގެ ފޮރިން މިނިސްޓަރުން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިފި އެވެ. ރައީސްކަން ކުރައްވައިފި އެވެ. އަދި ރާއްޖޭގެ އެކި ބޭފުޅުން ވެސް ބޮޑެތި މަގާމުތަކުގައި ތިއްބަވައިގެން އެކި މަގާމުތައް ފުރުއްވާފައި ވެއެވެ.
"ދެން ދައްކާނެ އެހެން ވާހަކައެއް ނެތިއްޔާ ކޮންމެވެސް ވާހަކައެއް ދައްކާލަން ޖެހޭނެތާ! އަޅުގަނޑު ދެން އެ ވާހަކަ ދައްކަވާ ބޭފުޅުންނަށް ވެސް ހިތުގައި ބުރަކަމެއް ނެތް. އެއީ ދެން އެ ނޫން ވާހަކައެއް ނެތިއްޔޭ އިންގޭތޯ! ސިޔާސަތެއް ވެސް ނެތީ. ބުނާނެ އެއްޗެއް ވެސް ނެތީ. އެހެންވެ ދެން ކޮންމެވެސް ވާހަކައެއް ދައްކަނީ،" ޝާހިދު ވިދާޅުވި އެވެ.
ދެން ދައްކާނެ އެހެން ވާހަކައެއް ނެތިއްޔާ ކޮންމެވެސް ވާހަކައެއް ދައްކާލަން ޖެހޭނެތާ. އަޅުގަނޑުދެން އެ ވާހަކަ ދައްކަވާ ބޭފުޅުންނަށްވެސް ހިތުގައި ބުރަކަމެއް ނެތް. އެއީ ދެން އެ ނޫން ވާހަކައެއް ނެތިއްޔޭ އިންގޭތޯ. ސިޔާސަތެއްވެސް ނެތީ. ބުނާނެ އެއްޗެއްވެސް ނެތީ. އެހެންވެ ދެން ކޮންމެވެސް ވާހަކައެއް ދައްކަނީއަބްދުﷲ ޝާހިދު | އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު
ޝާހިދުގެ މި ވާހަކަތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޑީޑީ ވިދާޅުވި ގޮތުގައި ދެ މަގާމުގައި ހުންނަވާތީ ކަންބޮޑުވުން ފާހަގަކުރާ ބޭފުޅުން އެކަން ކުރަނީ ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫނެވެ. ސައްހަ ދުސްތޫރީ އަދި ގާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި އދ. އާންމު މަޖިލީހުގެ ރައީސްކަން ވަރަށް ގިނަ ގައުމުގެ ތަކުގެ ފޮރިން މިނިސްޓަރުން އެ މަގާމުގައި ދެމިތިބެ ކުރައްވާފައިވާ ކަމަށް ދޭހަވާ ގޮތަށް ޝާހިދު ވިދާޅުވި ވިދާޅުވުމަކީ ހަގީގަތާއި ހިލާފު ވާހަކައެކެވެ.
"ހާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުރެ އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިފައި ވަނީ ދެެތިން ގައުމެއްގެ ހާރިޖީ ވަޒީރުން. އެ ބޭފުޅުން އެ މަގާމަށް ހޮވި ވަޑައިގަތުމުން ހާރިޖީ ވަޒީރުކަމުގެ މަގާމަށް 'އެކްޓިން' ވަޒީރުން އެ ގައުމުތަކުގެ ދުސްތޫރީ ނިޒާމުތަކާ އެއްގޮތަށް އައްޔަން ކުރެވުނުކަން އެނގެން އޮވޭ،" ޑީޑީ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި މަގާމުތަކުގައި އެކި ދުވަސްވަރު ތިއްބެވި ބޭޭބޭފުޅުން ބޭރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ކަމަށް ޝާހިދު ވިދާޅުވި ވިދާޅުވުމަށް ވެސް ޑީޑީ ރައްދު ދެއްވައެވެ. ޑީޑީ ވިދާޅުވި ގޮތުގައި ދައުލަތުގެ މަގާމެއް ފުރުއްވާ ބޭފުޅަކު ބައިނަލް އަގުވާމީ އިދާރާ ނުވަތަ ކޮމިޓީ އެއްގެ ދާއިމީ ކޮށް ހާޒިރުވެ ހުންނަން ނުޖެހޭ ޕްރޮފެޝަނަލް މަގާމެއްގައި ހުރުމަކީ ދުސްތޫރީ ގޮތުން ފުށު އަރާ ކަމެއް ނޫނެވެ. ނަމަވެސް ޝާހިދުގެ މަގާމު އެފަދަ އެއް ނޫނެވެ.
ހާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުރެ އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިފައިވަނީ ދެެތިން ގައުމެއްގެ ހާރިޖީ ވަޒީރުން. އެ ބޭފުޅުން އެ މަގާމަށް ހޮވި ވަޑައިގަތުމުން ހާރިޖީ ވަޒީރުކަމުގެ މަގާމަށް 'އެކްޓިން' ވަޒީރުން އެ ގައުމުތަކުގެ ދުސްތޫރީ ނިޒާމުތަކާ އެއްގޮތަށް އައްޔަން ކުރެވުނުކަން އެނގެން އޮޑރ. އަހުމަދު އަބްދުﷲ ދީދީ | ކުރީގެ އުއްތަމަ ފަނޑިޔާރު
ކުރީގެ ޖަސްޓިސް މިނިސްޓަރު އަދި އިސް ގާޒީކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ޝާހިދު ފޮރިން މިނިސްޓަރު ކަމުން އެކަހެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވަ އެވެ. ނޫން ނަމަ ރައީސް އެމަނިކުފާނު މަގާމުން ދުރުކުރަން ޖެހެއެވެ. ގާނޫނު އަސާސީ އޮތްގޮތުން އެކަން ސައްހަ ކުރެވޭނެ އެ ނޫން އެއްވެސް މަގެއް ނެތެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިހާރުން މިހާރަށް ވެސް އެބަޖެހޭ އޮނަރަބަލް ޝާހިދު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ. ނޫނީ އެމަނިކުފާނު އެބަޖެހޭ އިސްތިއުފާ ދެއްވަން. އެ ނޫން އެއްވެސް ގޮތަކަށް މިކަމެއް ސައްހައެއް ނުވާނެ. ސައްހަ ކުރެވޭނެ މަގެއް ނެތީ ގާނޫނު އަސާސީގައި. މާނައަކީ އެ މަގާމުގައި ހުންނަވައިގެން މިކަން ރަނގަޅު ކުރެވޭނެ ތަރުތީބެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް ނުއެއް ދަނޭ. އެއީ ވަރަށް ސާފު ސަރީހަކޮށް އޮތް ވާހަކައެއް،"
މި މައްސަލާގައި އިތުރު ކަންކަން ވެސް ޖަމީލު ފާހަގަ ކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީވެވަޑައިގަތުމަކީ ލާޒިމު ކަމެކެވެ. ނަމަވެސް އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރިއަށް އޮތް އަހަރު ދުވަހު ޝާހިދު ހުންނަވާނީ އެމެރިކާގައި ކަމުން ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައިވާ އަދި ރިޔާސީ ނިޒާމުގެ އެންމެ އަސާސީ އެއް ސިފަ ކަމަށްވާ "ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން" ދެމެހެއްޓޭނެ ގޮތެއް ވެސް ނެތެވެ.
މަޖިލީހަށް ޖަވާބުދާރީނުވާ އަދި މަސްއޫލިއްޔަތެއް ނެތް ގޮތަށް ވަޒީރަކު ބެހެއްޓުން ގާނޫނު އަސާސީ ތަނެއް ނުދެއެވެ.
"މިހާރު މި ދައްކަނީ ދިވެހިރާއްޖޭގައި ނުވެސް ހުރެވޭ މަގާމެއްގެ ވާހަކަ. ހުންނަން ވެސް މި ޖެހެނީ އެކޮޅު [އެމެރިކާ] ގައި. އެހެންވީމަ މިއީ ރަމުޒީ ގޮތަކަށް އޮތް މަގާމެއް ވެސް ނޫން. ދެން އެބައޮތް އެއަށްވުރެ މުހިންމު ސުވާލެއް އިނގޭތޯ. އެ ސުވާލަކީ އަޅުގަނޑުމެންގެ މި ރިޔާސީ ނިޒާމުގައި އޮތް ޖަވާބުދާރީ ކުރުވުން އަދި ހިންގުން. ރައްޔިތުންގެ މަޖިލީހަށް މާދަމާވެސް ޖަވާބުދާރީވާން ޖެހިދާނެ. ދެން ކިހިނެތްހޭ ހަދާނީ. ކޮބައިހޭ އެވަޒީރު،"
އަޅުގަނޑު ދެކޭ ގޮތުގައި މިހާރުން މިހާރަށްވެސް އެބަޖެހޭ އޮނަރަބަލް ޝާހިދު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ. ނޫނީ އެމަނިކުފާނު އެބަޖެހޭ އިސްތިއުފާ ދެއްވަން. އެ ނޫން އެއްވެސް ގޮތަކަށް މިކަމެއް ސައްހައެއް ނުވާނެ. ސައްހަ ކުރެވޭނެ މަގެއް ނެތީ ގާނޫނު އަސާސީގައި. މާނައަކީ އެ މަގާމުގައި ހުންނަވައިގެން މިކަން ރަނގަޅު ކުރެވޭނެ ތަރުތީބެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް ނުއެއް ދަނޭ. އެއީ ވަރަށް ސާފު ސަރީހަކޮށް އޮތް ވާހަކައެއްޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ޖަސްޓިސް މިނިސްޓަރު
ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ވިސްނުން މި މައްސަލާގައި ތަފާތެވެ. ހައިލަމް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި މިހާރު ލިޔެފައި އޮތް ގޮތުން ދެ ކޮޅަށް ވެސް ގާނޫނީ ބަހުސް ހިންގި ދާނެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އެ ބަހުސް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ބުރަވާ ހާލަތްތައް ދިމާވެއެވެ.
އެއް ކަމަކަށް ހައިލަމް ފާހަގަ ކުރެއްވީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެ ނޫންވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށް ބުނާ ބުނުމެވެ. އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ޝާހިދަށް ކިހާވަރެއްގެ ސިޔާސީ މަންފާއެއް ލިބިވަޑައިގަންނަވާނެ ކަމެއްތޯ ސުވާލު ކުރެވިދާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލުވެ އާމްދަނީ ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ބުނާއިރު އެ މަގާމުގައި ހުންްނަވައިގެން ލިބިވަޑައިގަންނަވާ މާލީ މަންފާއެއް ނުވަތަ އެ މަގާމުގެ ސަބަބުން މާލީ މަންފާތަކެއް ލިބުމަށް މަގުފަހިވަނީ ކިހާވަރަކަށްތޯ އެއީވެސް އުފެދޭނެ ސުވާލެއް ކަމަށެވެ.
"އެފަދަ މަގާމެެއްގައި ހުންނަވައިގެން ދުނިޔޭގެ އެކި ގައުމުގެ ލީޑަރުންނާއެކު ކުރަވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަކަކީ ސިޔާސީ ގޮތުން އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާ ކިހާ ވަރެއްގެ ފައިދާއެއްތޯ ބަޔަކު ސުވާލު އުފައްދާފާނެ. އެއީ ނުކުރެވޭނެ ސުވާލެއް ވެސް ނޫން،"
ހައިލަމް ވިދާޅުވި ގޮތުގައި މިފަދަ ހާލަތެއްގައި ދުސްތޫރީ މައްސަލައެއްގެ ގޮތުގަައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅިދާނެ އެވެ. އަދި ގާނޫނުގެ އެ މާއްދާ ސުޕްރީމް ކޯޓްގެ މެދުވެރިކޮށް ތަރުޖަމާ ކުރެވިދާނެ އެވެ. އަދި އެއީ ކުރުން ރަނގަޅު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ބަރުލަމާނީ ކެންޕެއިންގައި އިސްކޮށް ހުންނެވި ޒުވާން ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ނަޒަރުގައި ޝާހިދު ދެ މަގާމުގައި ހުންނެވުން ގާނޫނު އަސާސީއާ ތައާޒު ވެއެވެ. އަދި އަހަރު ދުވަހު އެމެރިކާގައި ހުންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅަކު ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވޭނެ ގޮތެއް ނެތުމަކީ ވަޒީރެއްގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އޮތް ހުރަހެވެ. މަސްއޫލިއްޔަތު އަދާ ނުކުރެވޭ ފަދަ ހާލަތެއްގައި ވަޒީރަކަށް ނުހުރެވޭނެ އެވެ.
"އަޅުގަނޑުގެ ގާނޫނީ ރައުޔަކީ ފޮރިން މިނިސްޓަރު ކަމުން އެކަހެރިވާން ޖެހުން. ފަހުން ޝާހިދަށް މަގާމު ދެެއްވަން ވިޔަސް މި ވަގުތަށް އަހަރު ދުވަހަށް ޖެހިވަޑައިގަންނަވާނީ ދުރަށްވަޑައިގަތުމަށް،"
ނިޝާންގެ ނަޒަރުގައި ވެސް މިއީ ކުރަން ޖެހޭ ބަހުސެެކެވެ. އަދި ގާނޫނީ ގޮތުން މި ބަހުސަށް ފަރުވާ ހޯދަން ވެސް ޖެހެއެވެ. އެކަމަށް އޮތް މަގަކީ ސުޕްރީމް ކޯޓަށް ދިއުމެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މާއްދާ ތަރުޖަމާ ކުރަން ހުށައެޅުމަށެވެ. އެކަމުގައި އެންމެ ރީތި ގޮތަކީ ވެސް ދައުލަތުން އިސްވެ އެކަން ސުޕްރީމް ކޯޓަށް ހުށައެޅުމަށެވެ.
"މި އޮތީ މި މައްސަލާގައި ވަރަށް ބޮޑު ގިލަންވެރި ކަމެއް [ސުވާލުތަކެއް] އުފެދިފައި. އެހެންވީމަ އެކަން ފިލުވައި ދިނުމަކީ ދައުލަތުން ކުރަން ޖެހޭނެ ކަމެއް. އެކަމުގެ ޒިންމާ އޮތީ އެޓާނީ ޖެނެރަލްގެ ކޮނޑުގައި. އެހެންވީމަ ގާނޫނީ ގޮތުން ވެސް އެންމެ ރީތި ގޮތަކީ އަދި މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ސުޕްރީމް ކޯޓަށް ދައުލަތުން މައްސަލަ ހުށައެޅުން،"
ނަމަވެސް ހައިލަމް ވިދާޅުވި ގޮތުގައި މި މައްސަލާގައި ދައުލަތުން ކޯޓަށް ނުދާނެ އެވެ. ޝާހިދު ދެ މަގާމުގައި އެ ހުންނަވަނީ ދައުލަތުން އެ ގޮތަށް އެކަން ކުރެވޭނެ ކަމަށް ގަބޫލު ކުރާތީ އެވެ. ނަމަވެސް މި މައްސަލަ އިތުރަށް ސާފުވުން މުހިންމެވެ. އެއީ ކުރިއަށް އޮތްތާ މިފަދަ އިތުރު ބަހުސަކަށް ފުރުސަތު ނުދޭށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އޭޖީ އެކަމެއް ނުކުރައްވާނެ. އޭޖީ މިހާރު ވެސް އޮންނާނީ ލަފާ ދެއްވާފައި ނޫންތޯ. އެކަމަކު ސުޕްރީމް ކޯޓަށް މި މައްސަލާގައި ދިއުމަކީ ކިތަންމެހާ ވެސް ރަނގަޅު ކަމެއް. އަދި ސުޕްރީމް ކޯޓުން ރަނގަޅު ގޮތެއް ނިންމުންވެސް މުހިންމު،"
އާހިރުގައި ކުށްވެރިވާނީ ރައީސް
މި މައްސަލާގައި ވާހަކަ ދެއްކެވި ބައެއް ގާނޫނީ ވަކީލުން ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފު ކަމެއް ހިނގާނަމަ އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެއީ އެކަންކަން ހުއްޓުވުމުގެ އެންމެ މަތީ ޒިންމާއެއް އޮތީ އެމަނިކުފާނަށް ކަމަށްވާތީ އެވެ.
އެގޮތަށް އެންމެ ބޮޑަށް ވިދާޅުވާ އެއް ބޭފުޅަކީ ކުރީގެ ނާއިބު ރައީސް ޖަމީލެވެ. ޖަމީލް ވިދާޅުވި ގޮތުގައި ރައީސް މިހާރު އެ ހުންނެވީ ގާނޫނު އަސާސީ ފުނޑުފުނޑުކޮށްލައްވައިގެނެވެ. އަދި ޝާހިދު ދެ މަގާމު އަދާ ކުރައްވާ މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ އެވެ. މައްސަލަ ބެލޭނީ ރައީސް ސޯލިހު އިސް ގާނޫނު އަސާސީ ފުނޑާލި މައްސަލައެއްގެ ގޮތުގައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ކަނޑައެޅިގެން އެ މަގާމުގައި ޝާހިދަށް ނުހުންނެވޭނެ. އެއީ ޣައިރު ދުސްތޫރީ އަމަލެއް. އިބްރާހިމް އިސްމާއީލްމެން ފަދަ ބޭފުޅުން އެ ވިދާޅުވާ ފަދައިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ފުނޑާލާފައި ސަސްޕެންޑްކޮށްފައި އެ އޮތީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި މައްސަލާގައި ގާނޫނު އަރާ ހަމަ ކުރާނެ،" ޖަމީލް ވިދާޅުވިއެވެ.
ވަކީލު ނިޝާމް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީއާ ހިލާފު ކަމެއް ހިނގާއިރު އެކަމުގައި ރައީސް ސޯލިހު އިސްވެ އޭޖީގެ ލަފައެއް ހޯއްދަވަން ޖެހިވަޑައިގަންނަވަ އެވެ. އަދި އޭޖީ މެދުވެރިކޮށް އެ މައްސަލަ ރައްޔިތުންނަށް ސާފު ކޮށްދެއްވަން ޖެހިވަޑައިގަންނަވައެވެ. އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ސުޕްރީމް ކޯޓަށް ދުސްތޫރި މައްސަލަ ހުށައަޅައިގެން ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ދެ މަގާމުގައި ހުންނެވުން ގާނޫނާއި އެއްގޮތްތޯ ކުރެވޭ ބަހުސް އަދިވެސް އޮތީ ކުރިއަށެވެ. އަދި އެ ބަހުސް އިތުރަށް ފުޅާ ވެސް ވާނެ އެވެ. އެހެން ކަމުން މިއީ މުޅި ރައްޔިތުންނަށް އިތުރަށް ސާފުކޮށްދޭން ޖެހޭ މައްސަލައެކެވެ.