ރާއްޖޭގައި ގާނޫނީ ހާރިޖީ ވަޒީރެއް މިހާރަކު ނެތް ކަމަށާ ގާނޫނުއަސާސީއާ ހިލާފަށް ހާރިޒީ ވަޒީރު އަބްްދުﷲ ޝާހިދު އދ. ގައި ހުންނަވާއިރު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަށް ހައްގު ބަސް ވިދާޅުނުވެވެނީ ވަޒީފާގެ ބިރަށް ކަމަށް ކުރީގެ ނާއިބު ރަައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި އަބްދުﷲ ޝާހިދަށް ހުންނެވޭނެތޯ ގާނޫނީ ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. ބައެއް ގާނޫނީ ވަކީލުންނާއި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ގާނޫނީ ހުއްޖަކު ދައްކަވަމުންނެވެ.
އެ ކަމުގައި ހުރި ގާނޫނީ ކަންބޮޑުވުންތައް އެންމެ ފުރަތަމަ އާންމުންގެ ސަމާލު ކަމަށް ގެންނެވި ކުރީގެ ނާއިބު ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް ހާރިޒީ ވަޒީރު އަބްްދުﷲ ޝާހިދު އދ. ގައި ހުންނަވާއިރު އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަށް ހައްގު ބަސް ވިދާޅުނުވެވެނީ ވަޒީފާގެ ބިރަށް ކަމަށެވެ.
ޖަމީލް ވިދާޅުވީ އެހެން ތަނެއްގައި ވަޒީފާގައި ހުރެގެން ދިވެހި ރައްޔިތުންގެ ފައިސާ އިން ހާރިޖީ ވަޒީރުގެ ނަމުގައި މުސާރަ ނަގަނީ ލަދެއް ނެތުމުން ކަމަށެވެ.
"ގާނޫނީ ހާރިޖީ ވަޒީރެއް މިހާރަކު ނެތް،" ޖަމީލްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޑރ. ޖަމީލް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ވަޒީރަކަށް ހުންނަވައިގެން ނުކުރެއްވޭނެ ކަންކަން ސާފުކޮށް ލިޔުނީ ވަރަށް ބޮޑު ބޭނުމެއްގައި ކަމަށެވެ. އެ އިސްލާހު ގެނައުމުގެ ކުރީން ވަޒީރުންގެ މަޖިލީހުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން ދިހަ ބާރަ ވަޒީފާ އަދާ ކުރައްވަމުން ގެންދެވި ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް އުޖާރައެއް ލިބޭ ނުވަތަ އުޖޫރައެއް ނުލިބޭވެސް އެހެން މަގާމެއް ނުފުރުއްވޭނެ ކަމަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ޝާހިދު މިހާރު ހުންނެވި މަގާމުން އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިހާރުން މިހާރަށްވެސް އެބަޖެހޭ އޮނަރަބަލް ޝާހިދު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ. ނޫނީ އެމަނިކުފާނު އެބަޖެހޭ އިސްތިއުފާ ދެއްވަން. އެ ނޫން އެއްވެސް ގޮތަކަށް މިކަމެއް ސައްހައެއް ނުވާނެ. ސައްހަ ކުރެވޭނެ މަގެއް ނެތީ ގާނޫނު އަސާސީގައި. މާނައަކީ އެ މަގާމުގައި ހުންނަވައިގެން މިކަން ރަނގަޅު ކުރެވޭނެ ތަރުތީބެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް ނުއެއް ދަނޭ. އެއީ ވަރަށް ސާފު ސަރީހަކޮށް އޮތް ވާހަކައެއް،" އަވަސްގެ ޓޯ ޝޯއެއްގައި ވާހަކަ ދައްކަވަމުން ޖަމީލް ކުރީން ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީވެވަޑައިގަތުމަކީ ލާޒިމު ކަމެއް ކަމަށެވެ. ނަމަވެސް އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރިއަށް އޮތް އަހަރު ދުވަހު ޝާހިދު ހުންނަވާނީ އެމެރިކާގައި ކަމުން ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައިވާ އަދި ރިޔާސީ ނިޒާމުގެ އެންމެ އަސާސީ އެއް ސިފަ ކަމަށްވާ "ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން" މި އަސާސު ދަމަހައްޓާނީ ކިހިނެތްތޯ ސުވާލު އުފެދޭ ކަމަށެވެ.
"މިހާރު މި ދައްކަނީ ދިވެހިރާއްޖޭގައި ނުވެސް ހުރެވޭ މަގާމެއްގެ ވާހަކަ. ހުންނަންވެސް މި ޖެހެނީ އެކޮޅު [އެމެރިކާ] ގައި. އެހެންވީމަ މިއީ ރަމުޒީ ގޮތަކަށް އޮތް މަގާމެއްވެސް ނޫން. ދެން އެބައޮތް އެއަށްވުރެ މުހިންމު ސުވާލެއް އިނގޭތޯ. އެ ސުވާލަކީ އަޅުގަނޑުމެންގެ މި ރިޔާސީ ނިޒާމުގައި އޮތް ޖަވާބުދާރީ ކުރުވުން އަދި ހިންގުން. ރައްޔިތުންގެ މަޖިލީހަށް މާދަމާވެސް ޖަވާބުދާރީވާން ޖެހިދާނެ. ދެން ކިހިނެތްހޭ ހަދާނީ. ކޮބައިހޭ އެވަޒީރު،"
އަދި ވިދާޅުވީ ކޮވިޑްގެ ބަލާއާފާތާއެކު މުޅި ދުނިޔެ ހުއްޓި ދުނިޔޭގެ "ސަޕްލައިޗޭން" ބޮޑު ބަދަލެއްގައިވާއިރު ކޮންމެ ގައުމެއްގެ ފޮރިން މިނިސްޓަރުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މިފަދަ ހާލަތެއްގައި ރާއްޖޭގެ ފޮރިިން މިނިސްޓަރު ދުނިޔޭގެ އާންމު މަޖިލީސް ހިންގަވަން އިންނެވުމުން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ މި ދެނީ ޔޫއެންގައި ހިދުމަތް ކުރާކަށް ނޫން. ދުނިޔޭގެ ހުރިހާ ގައުމަކަށް ހިދުމަތް ކުރާކަށް ނޫން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން،" ޝާހިދަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ގާނޫނީ މިފަދަ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ސަރުކާރު ވެއްޓެމުން ދަނީ ރައީސް ސޯލިހުގެ ނާގާބިލު ކަމުގެ ސަބަބުން ކަމަށެވެ. ވަކިން ހާއްސަކޮށް އެކި ކަންކަމުގައި އެމަނިކުފާނަށް ފައިސަލާ -- ޑިޒިޝަން -- ނަންގަަވަން ކެރިވަޑައިގަތުމުން ކަމަށެވެ.