ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާ ގުޅޭގޮތުން ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައާއި ގުޅިގެން ބަންޑާރަނައިބާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މޮރިޝަސް އިން އެ މީހުންގެ ކަނޑުގެ ސަރަހައްދު ކަމަށް ބުނެ ހޯދަން މަސައްކަތް ކުރާ ސަރަހައްދުގެ މައްސަލަ ނިމޭ ގޮތަކުން ރާއްޖެ އަށް ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެ މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އަލުން ކަނޑައަޅައި ކުރަހަން ވެސް ޖެހިދާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މައްސަލައިގެ ސީރިއަސް ކަމަށް ބަލާއިރު އެ މައްސަލައާ ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި، މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ ހައްގުތައް ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ހޯދަންޖެހޭ ކަމަށެވެ. އެހެންކަމުން ބަންޑާރައިނައިބާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނަށް ސިޓީ ފޮނުވައިގެން ނުވަތަ ހާޒިރުކޮށްގެން ނަމަވެސް އެ މައުލޫމާތު ހޯދަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ ދިވެހިރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ބައެއް ދިވެހިންނަށް ގެއްލިގެންދާނަމަ އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި އޮތް މައްސަލައިގައި މަޖިލީހާ ހިއްސާކުރެވެން އޮތް މައުލޫމާތެއް ހިއްސާކުރެވެން އޮތް މިންވަރަކަށް މަޖިލީހުން ހޯދަން ވާނެ ކަމަށް ވިދާޅުވި އެވެ.
އީސަ ވަނީ އެ މައުލޫމާތު ސާފުކުރުމަށް ބަންޑާރަނައިބާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރަން ހުށަހަޅުއްވާފަ އެވެ. ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވި އެވެ. އެހެންވެ ކޮމިޓީން ނިންމީ މާދަމާ ބަންޑާރަނައިބާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރެވޭނަމަ އެކަން ކުރާށެވެ. މާދަމާ ކުރެވެން ނެތް ނަމަ ހޯމަ ދުވަހު އެ ބޭފުޅުން ހާޒިރުކުރުމަށެވެ.
އައްޑޫ ސިޓީގެ ދެކުނުން 510 ކިލޯމީޓަރުގެ ދުރުގައި އޮންނަ ޗާގޯސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށް އދގެ އާންމު މަޖިލީހުން 2019 ގައި ފާސްކޮށްފައިވެ އެވެ. އެ ވޯޓުގައި ރާއްޖެއިން ވޯޓު ދިނީ 1965 ވަނަ އަހަރުން ފެށިގެން ޗާގޯސް އިސްތިއުމާރު ކޮށްގެން އުޅޭ އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބޭއްވުމަށެވެ.
ރާއްޖެއިން އެގޮތަށް ވޯޓު ދިނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައެޅުމަށް ދިވެހި ސަރުކާރުން 2010 ވަނަ އަހަރު "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް'ގައި އެދިފައިވާ މައްސަލާގައި އަދި އެންމެ ފަހުގެ ނިންމުން ނިންމާފައި ނުވާތީ ރާއްޖޭގެ މަސްލަހަތު ހިމާޔާތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގެ ހުށަހެޅުމަށް މޮރިޝަސް އިން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އައްޑޫ ސިޓީގެ ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަނޑައަޅާފައިވަނީ ޗާގޯސް ހިމެނޭ ސަރަހައްދާ ފުށުއަރާ ގޮތަށް ކަމަށް ބުނެ މޮރިޝަސް އިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019 ވަނަ އަހަރު މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. މޮރިޝަސްގެ ހުށަހެޅުންތަކަށް ރާއްޖޭން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ގައި ޖަވާބު ދީފަ އެވެ. އަދި އެ މައްސަލާގައި ރާއްޖެއިން ނަގާފައިވާ އިޖުރާއީ މައްސަލަތައް ބަލައިނުގަތުމަށް މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ޓްރައިބިއުނަލުން ނިންމާފައިވެ އެެވެ. އެ މައްސަލަ މޮރިޝަސް ކޮޅަށް ނިމިއްޖެނަމަ ކަނޑުތަކާ ބެހޭ އދ.ގެ މުއާހަދާގައިވާ ގޮތުން އަލުން ރާއްޖެއާއި މޮރިޝަސްގެ 200 މޭލުގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން ނުވަަތަ ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ކަނޑައަޅާއިރު ރާއްޖޭގެ ކަނޑު ސަރަހައްދުގެ ބައެއް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އިނގިރޭސިވިލާތުން މޮރިޝަސްއަށް އަރައި އެ ގައުމުން ޗާގޯސް ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވެސް މީގެކުރިން ކަނޑައަޅާފައިވެ އެވެ. އެކަމަކު ޗާގޯސް ހިސޯރުކޮށްގެން އުޅޭ އިނގިރޭސިވިލާތުން ވަނީ އެ ތަނުގައި ހިމެނޭ ފޯޅަވަހި 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ. އެމެރިކާ އިން އެތަނުގައި ހިންގަނީ އަސްކަރީ މަރުކަޒެކެވެ.