ރައްޔިތުންގެ މަޖިލިސް

ޗާގޮސް މައްސަލައިގައި ބައެއް ލިޔުންތަކެއް ނުލިބޭ: މަޖިލިސް

ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ ގުޅޭ ބައެއް ލިޔުންތައް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައި ނުވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ ގޮތުން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގެ މައުލޫމަތު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވި ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޗާގޮސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވެވި ސިޓީ އާއި ޗާގޮސް މޮރިޝަސްއާ ހަވާޅުކުރުމަށް ގޮވާލާ ގަރާރަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާކަން ރައްޔިތުންގެ މަޖިލީހަށް މިހާތަނަށްވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ނޫސްބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ރާޢްޖެއިން ދެކެމުން އައިގޮތް ބަދަލުވެއްޖެކަން ހަބަރުތަކުން އެނގޭ ކަމަށެވެ. މައްސަލަ ދިރާސާކުރުމަށް އެޓާނީ ޖެނެރަލާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށް އެދި މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެޓާނީ ޖެނެރަލް އޮފީހަށް މިއަހަރުގެ ފެބްރުއަރީ މަހު ދެ ސިޓީއެއް ފޮނުވި ކަމަށެވެ.

ސިޓީތަކުގެ ޖަވާބުގައި ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއާރާ ސަރަހައްދާ ގުޅޭ ގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުޅޫމާތު ހިމަނައި ދެ ސިޓީއެއް އެޓާނީ ޖެނަރަލްގެ އޮފީހުން މަޖިލީހަށް ފޮނުވި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ކަންކަމަކީ ހުޅުވާލެވިގެން ބޭއްވޭނެ އެ މައްސަލައިގެ އަޑުއެހުން ބޭއްވުމާއި ހަމައަށް ސިއްރު ހިފަހައްޓަންޖެހޭ ކަންކަން ކަމަށާއި އެ ތަފުސީލުތައް ހާމަނުކުރުމަށް ރާއްޖެ ތަމްސީލުކުރުމަށް އައްޔަންކުރި ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ލަފާދީފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ. މައުލޫމާތުތައް ހާމަކޮށްފިނަމަ މައްސަލައަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބުނެ ފޮނުވި ސިޓީތަކަށްފަހު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާޙިދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ޗާގޮސް މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ ލިޔުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ ޖަރުމަނުގައި ހުންނަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅީ މޮރިޝަސްގެ ފަރާތުންނެވެ.

އިޓްލޮސްގައި މިހާރު ހިނގަމުންދަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިފާތީ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ މައްސަލަ އެވެ.

ރާޢްޖެއިން މިހާރު ވަނީ ޑިކޮލޮނައިޒޭޝަނާއި ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައި އޮތް ނިންމުން ތަންފީޒުކުރުމަށް އދގެ އާންމު މަޖިލީހުގެ ވޯޓަކަށް އަލުން ގޮސްފިނަމަ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖެއިން ވޯޓުދޭނެ ކަމަށް ބުނެފަ އެވެ. އެކަން ރާއްޖެއިން ހާމަކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅެއްގަ އެވެ.

މިކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޗާގޮސް އާކިޕެލާގޯގެ މައްޗަށް ސިޔާދަތީ ބާރު ހިންގާ ގައުމުގެ މައްސަލައަކީ މޮރިޝަސް އާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށާއި ރާއްޖޭގެ ސީދާ ބައިވެރިވުން އެ މައްސަލައިގައި ނެތް ކަމަށެވެ.