ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ބަންޑާރަނައިބް އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެޖެންޑާކޮށްފި އެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ 50 މެންބަރުންގެ ސޮޔާ އެކު ހުށަހެޅީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އީވާ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅީ އޭނާ އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އަމަލީ މަސައްކަތުގައި އިސްކޮށް އުޅުއްވަން ފެއްޓެވުމުންނެވެ.
ބަންޑާރަނައިބް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެންބަރުންނާއި ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާ އެކު ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު މެންބަރުން މަޖިލީހަށް ހުށަހެޅުއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.
ރިފްއަތާއި ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލަ އިޓްލޮސް އިން ނިންމިއިރު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައި މި ދެ ބޭފުޅުން މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކާއި ގުޅިގެން ރިފްއަތުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ. ޝާހިދުގެ މައްސަލަ ކުރިއަށް އޮތް ޖޫން ހަވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާއިރު އީވާގެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ޖޫން 11 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބެވިއިރު މީގެތެރެއިން 54 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގެ އަގުލަބިއްޔަތު އަދިވެސް އެމްޑީޕީން ކޮންޓްރޯލް ކުރަމުން ގެންދާތީ އެއްވެސް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ހަނި އަގުލަބިއްޔަތަކުން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.