އަބްދުﷲ ޝާހިދު

ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލާ: ޝާހިދު

ރާއްޖެ ބަލައިގެންފައިވާ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވުމުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ އިސްލާހަކީ 2008 ގައި ޢަމަލުކުރަން ފެށި ގާނޫނުއަސާސީން ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލާ އިސްލާހެކެވެ. އޭގެ ސަބަބުން ވެރިމީހާގެ މުށުތެރެއަށް ބާރުތައް ޖަމާވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"[ހުށަހަޅާފައިވާ އިސްހާލަކީ] ހުދްމުހްތާރުވެރިކަމެއް މި ރާއްޖޭގައި ގާއިމް ކުރުމަށް މިސަރުކާރުންް ގެންގުޅޭ ނުރައްކާތެރި ސިއްރު އެޖެންޑާގެ ބައެއް،" ޝާހިދު ތުހުމަތު ކުރެއްވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީހެއްގައި ކުރިމަތި ވަމުންދާ އެންމެ ބޮޑު ނުރައްކާ ކަމަށާއި އެ މަސައްކަތް ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތަކަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ތައާރަފުކޮށްފައިވަނީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.


އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައި މިހާރު އޮތް ގޮތުން އެ ކޮމިޝަންތަކަށް ރައީސަކާއި ނައިބުރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުންނެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އީސީ އާއި އޭސީސީއަށް ރައީސް އާއި ނައިބުރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.