ރައްޔިތުންގެ މަޖިލިސް

އޭސީސީ އާއި އީސީގެ ރައީސް އާއި ނައިބު އައްޔަންކުރަން ރައީސްއަށް ބާރު ދެނީ

އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގައި މިހާރު އޮތް ގޮތުން އެ ކޮމިޝަންތަކަށް ރައީސަކާއި ނައިބުރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުންނެވެ.

މި ގޮތުން ކޮމިޝަނުގެ ރައީސަކާއި ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އީސީ އާއި އޭސީސީއަށް ރައީސް އާއި ނައިބުރައީސް އއްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.