ބައެއް މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބް ރައީސުން އަދި ބައެއް މެންބަރުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބް ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް އަލީ ނަޝާތު އާއި އެކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އޭސީސީގެ ނައިބްރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 17 ހ. އަދި ށ އާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ކޮމިޓީއަށް ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
ސީއެސްސީގެ ރައީސް ނާސިހްއާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ނާސިހް، ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި ކޮމިޝަންގެ މެންބަރުކަމުގެ މަގާމާއި އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އީސީގެ ނައިބްރައީސް އަލީ ނަޝާތު އާއި ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފްއަށް ކުރަނީ ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކެއް ކޮށްފައިވާކަމުގެ ތުހުމަތެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އަލީ ނަޝާތު އާއި މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފް އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާއި ހިލާފު އަމަލުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޮކްޓޫބަރު 22 ގައި ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މި ކޮމިޝަންތަކުން މެންބަރުން ވަކިކުރުމަށް އެދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރުމަށް ފެންނަ ކަމަށް މިމަހުގެ ހަވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ހާޒިރުވެ ވޯޓު ދިން މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.
ބައެއް މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބް ރައީސުން އަދި ބައެއް މެންބަރުން ވަކިކުރަން ނިންމާފައިވަނީ މިވަނީ އޭސީސީއާއި އީސީގެ ރައީސް އާއި ނައިބް ރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅުންގެ ގޮތުގައި ހަމަޖެއްސުމަށް މަޖިލީހުގައި މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައެވެ.