އަބްދުﷲ ޝާހިދު

ލަސްނުކޮށް އެންޓި-ޑިފެކްޝަން ބިލް ތަސްދީގުކުރަން އެމްޑީޕީން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި-ޑިފެކްޝަން ބިލް ލަސްނުކޮށް ތަސްދީގުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރިހުން އިދިކޮޅު އެމްޑީޕީން އެދިއްޖެ އެވެ.

އެންޓި-ޑިފެކްޝަން ބިލް މަޖިލީހުން ފާސްވުމާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބިލަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއް ކަމަށެވެ.

"ރައްޔިތުން އިންތިހާބުކުރާ މަންދޫބުން އެ އިންތިހާބު ކުރި ޕާޓީގައި ދެމިތިބޭނެކަމުގެ ޔަގީންކަން ލިބި، އަދި ބަދަލުކޮށްފިނަމަ އެރައްޔިތުންނަށް އެކަމުގައި އިތުރަށް ބަސްބުނެވޭނެކަމުގެ ޔަގީންކަން ލިބުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެެއް،" ޝާހިދު ވިދާޅުވި އެވެ.

އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓްގައި ވަނީ ލަސްނުކުރައްވާ މި ބިލް ތަސްދީގު ކުރެއްވުމަށް ރައީސް މުއިއްޒު އަރިހުން އެދިވަޑައިގެންފަ އެވެ.

މަޖިލީހަށް އެންޓި-ޑިފެކްޝަން ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކުރަން ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.