އަބްދުﷲ ޝާހިދު

މިއީ ދޮގާއި މަކަރާއި އަނިޔާވެރި ފިކުރުގެ ސަރުކާރެއް: ޝާހިދު

މިއީ ދޮގާއި މަކަރާއި އަނިޔާވެރި ފިކުރުގެ ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް -- ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި އޮތީ ދެ ފިކުރު ކަމަށެވެ.

"ރާއްޖޭގައި މިއޮތީ ދެ ފިކުރު. އެއީ މިނިވަންކަމުގެ ފިކުރާއި އަޅުވެތިކަމުގެ ފިކުރު. ލާމަރުކަޒީ ފިކުރާއި މަރުކަޒުކޮށް ބާރުތައް އެއްތަންކުރުމުގެ ފިކުރު. އެކުވެރިކުރުމާއި އެއްބައިވަންތަކުރުމުގެ ފިކުރާއި ފިތުނަކުރުމާއި ނަފުރަތުކުރުމާއި ގަނޑުބަނޑުކުރުމުގެ ފިކުރު. ތެދުވެރިކަމާއި ހާމަކުރުމުގެ ފިކުރާއި ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ ފިކުރު،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ މިނިވަންކަމާއި ލާމަރުކަޒީ ކުރުމުގެ ފިކުރު ކަމަށާއި އެކަން ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ ފިކުރަކީ އޭގެ އިދިކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"ވާދަވެރި ފިކުރަކަށް މި އޮތީ މިއަދު މި އޮތް ސަރުކާރު ނިސްބަތްވާ ފިކުރު. ދޮގާއި އޮޅުވާލުމާއި މަކަރާއި ނަފުރަތު އުފެއްދުމާއި އަޅުވެތިކުރުމާއި ބާރުތައް ޖަމާކޮށް އޭގެ މައްޗަށް ވެރިވެގަތުމުގެ ފިކުރާއި އަނިޔާވެރިކަމުގެ ފިކުރު،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ހާލަތުގައި ރާއްޖެ އޮތް ނަމަވެސް އެމްޑީޕީ ފަހަށް ނުޖެހޭނެ ކަމަށާއި ޕާޓީ ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށެވެ.