ގައުމު ބަނގުރޫޓުވާން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމާއި ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ޝާހިދު ވިދާޅުވީ މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަސް ނުވެވޭނެ ކަމަށެވެ.
"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާވެސް ރަށްރަށުގެ އާންމު ހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެފިނިކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ކަންކަން ހިންގަން ނޭނގިގެން ގައުމު ބަނގުރޫޓުވާން ފެށުމުން ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން ކަމަށެވެ.
ވެރިކަން ކުރާ ޕީއެންސީ އިން ރޭ ބޭއްވި ހަރުގެ ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މުޅި ގައުމުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ ބޭފުޅަކު ހޮވާއިރު މަދު މީހުންކޮޅެއް އުޅޭ ރަށެއް ހިންގުމަށް ފަސް ކައުންސިލަރުން ހޮވުމަކީ ހަރަދު ބޮޑު ގޮތެއް ކަމަށެވެ.
ލާމަރުކަޒީ ނިޒާމު މިވަގުތު އޮތީ ދައުލަތަށް ނުކަތާ ވަރަށް ބޮޑުކޮށް ކަމަށާއި އެހެންކަމުން އެހެންކަމުން ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުދިކުދި ރަށްތަކަށް ކުރިން ތިއްބަވާ ގޮތަށް ކަތީބެއް ނުވަތަ އެ ރަށަކަށް ރައީސަކާއި ނައިބް ރައީސެއް ހޮވިދާނެ ކަމަށެވެ. އަދި އެއަށް ވުރެ ތަންކޮޅެއް ބޮޑެތި ރަށްތަކާއި ސިޓީ ތަކަށް އެ ތަންތަނުގެ އާބާދީއަށް ބަލައިގެން އެތަނަކަށް ފުދޭ އަދަދަކަށް ކައުންސިލަރުން ހޮވިދާނެ ކަމަށެވެ.
"މިހާރަށް ވުރެ އެތައް ގުނައަކުން، ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ރައްޔިތުންގެ ވިންދާ ގުޅޭ ގޮތް،" ރައީސް ވިދާޅުވި އެވެ.