ރައްޔިތުންގެ މަޖިލިސް

ރިފްއަތު އާއި ޝާހިދުގެ މައްސަލަ ބޭރުކޮށްލައިފި

ކުރީގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަތު އާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގެ ދައުރު 17 ނޮވެމްބަރަށް ހަމަވެފައިވާ ކަމަށާއި އެމަނިކުފާނު އައްޔަންކުރެއްވި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ނިމިފައިވާތީ އެ ދެ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ކުރީގެ ބަންޑާރަނައިބު ރިފްއަތު އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ތުހުމަތުކޮށެވެ.

ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 13 މެންބަރުންގެ ސޮޔާއެކު މޭ 11 ވަނަ ދުވަހު އެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 13 މެންބަރުންގެ ސޮޔާއެކު މޭ 18 ވަނަ ދުވަހު އެވެ.