ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޝާހިދު ވަކިކުރަން ޖެހޭ، ގާނޫނު އަރާ ހަމަކުރާނެ ދުވަސް އަންނާނެ: ޖަމީލް

އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި އަބްދުﷲ ޝާހިދަށް ނުހުންނެވޭނެ ކަމަށާ އެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ގާނޫނުގެ ހުކުމް ތަންފީޒު ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ކުރިން ޖަސްޓިސް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދަށް ދެ މަގާމުގައި ހުންނެވޭނެތޯ ގާނޫނީ ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. ބައެއް ގާނޫނީ ވަކީލުންނާއި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ގާނޫނީ ހުއްޖަކު ދައްކަވަމުންނެވެ.

އަވަސްއިން މިއަދު ގެނެސްދިން "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޑރ. ޖަމީލް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ވަޒީރަކަށް ހުންނަވައިގެން ނުކުރެއްވޭނެ ކަންކަން ސާފުކޮށް ލިޔުނީ ވަރަށް ބޮޑު ބޭނުމެއްގައި ކަމަށެވެ. އެ އިސްލާހު ގެނައުމުގެ ކުރީން ވަޒީރުންގެ މަޖިލީހުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން ދިހަ ބާރަ ވަޒީފާ އަދާ ކުރައްވަމުން ގެންދެވި ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް އުޖާރައެއް ލިބޭ ނުވަތަ އުޖޫރައެއް ނުލިބޭވެސް އެހެން މަގާމެއް ނުފުރުއްވޭނެ ކަމަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ޝާހިދު މިހާރު ހުންނެވި މަގާމުން އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިހާރުން މިހާރަށްވެސް އެބަޖެހޭ އޮނަރަބަލް ޝާހިދު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ. ނޫނީ އެމަނިކުފާނު އެބަޖެހޭ އިސްތިއުފާ ދެއްވަން. އެ ނޫން އެއްވެސް ގޮތަކަށް މިކަމެއް ސައްހައެއް ނުވާނެ. ސައްހަ ކުރެވޭނެ މަގެއް ނެތީ ގާނޫނު އަސާސީގައި. މާނައަކީ އެ މަގާމުގައި ހުންނަވައިގެން މިކަން ރަނގަޅު ކުރެވޭނެ ތަރުތީބެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް ނުއެއް ދަނޭ. އެއީ ވަރަށް ސާފު ސަރީހަކޮށް އޮތް ވާހަކައެއް،"

ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޖަވާބުދާރީވެވަޑައިގަތުމަކީ ލާޒިމު ކަމެއް ކަމަށެވެ. ނަމަވެސް އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރިއަށް އޮތް އަހަރު ދުވަހު ޝާހިދު ހުންނަވާނީ އެމެރިކާގައި ކަމުން ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައިވާ އަދި ރިޔާސީ ނިޒާމުގެ އެންމެ އަސާސީ އެއް ސިފަ ކަމަށްވާ "ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުން" މި އަސާސު ދަމަހައްޓާނީ ކިހިނެތްތޯ ސުވާލު އުފެދޭ ކަމަށެވެ.

"މިހާރު މި ދައްކަނީ ދިވެހިރާއްޖޭގައި ނުވެސް ހުރެވޭ މަގާމެއްގެ ވާހަކަ. ހުންނަންވެސް މި ޖެހެނީ އެކޮޅު [އެމެރިކާ] ގައި. އެހެންވީމަ މިއީ ރަމުޒީ ގޮތަކަށް އޮތް މަގާމެއްވެސް ނޫން. ދެން އެބައޮތް އެއަށްވުރެ މުހިންމު ސުވާލެއް އިނގޭތޯ. އެ ސުވާލަކީ އަޅުގަނޑުމެންގެ މި ރިޔާސީ ނިޒާމުގައި އޮތް ޖަވާބުދާރީ ކުރުވުން އަދި ހިންގުން. ރައްޔިތުންގެ މަޖިލީހަށް މާދަމާވެސް ޖަވާބުދާރީވާން ޖެހިދާނެ. ދެން ކިހިނެތްހޭ ހަދާނީ. ކޮބައިހޭ އެވަޒީރު،"

އަދި ވިދާޅުވީ ކޮވިޑްގެ ބަލާއާފާތާއެކު މުޅި ދުނިޔެ ހުއްޓި ދުނިޔޭގެ "ސަޕްލައިޗޭން" ބޮޑު ބަދަލެއްގައިވާއިރު ކޮންމެ ގައުމެއްގެ ފޮރިން މިނިސްޓަރުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މިފަދަ ހާލަތެއްގައި ރާއްޖޭގެ ފޮރިިން މިނިސްޓަރު ދުނިޔޭގެ އާންމު މަޖިލީސް ހިންގަވަން އިންނެވުމުން ރައްޔިތުން ހަވާލުކުރި ޒިންމާ އަދާ ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ މި ދެނީ ޔޫއެންގައި ހިދުމަތް ކުރާކަށް ނޫން. ދުނިޔޭގެ ހުރިހާ ގައުމަކަށް ހިދުމަތް ކުރާކަށް ނޫން. އެއީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން،" ޝާހިދަށް ފާޑުވިދާޅުވެ ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ގާނޫނީ މިފަދަ ބޮޑެތި މައްސަލަތަކެއްގެ ތެރެއަށް ސަރުކާރު ވެއްޓެމުން ދަނީ ރައީސް ސޯލިހުގެ ނާގާބިލު ކަމުގެ ސަބަބުން ކަމަށެވެ. ވަކިން ހާއްސަކޮށް އެކި ކަންކަމުގައި އެމަނިކުފާނަށް ފައިސަލާ -- ޑިޒިޝަން -- ނަންގަަވަން ކެރިވަޑައިގަތުމުން ކަމަށެވެ.

ރައީސް ސޯލިހުގެ ކެބިނެޓްގެ އެއް ވަޒީރަކު ސަސްޕެންޝަންގައި ހުންނަވާތާ 120 ދުވަސްވާން ކައިރިވެފައިވާއިރު އެ ވަޒީރަށް މަނަލީ ހަމައެކަނި އޮފީހަށް ވަޑައިގެންނެވުން ކަމަށް ވިދާޅުވިއެވެ. އަދި އަނެއް ވަޒީރަކު މުސާރަ ނަންގަވައިގެން ހިދުމަތެއް ނެތި އަދި ޖަވާބުދާރީވާން ނުޖެހި އެ މަގާމުގައި ހުންނެވުމަކީ ރައީސް ސޯލިހަށް ގާނޫނު ނޭންގޭ މިންވަރު ކަމަށް ވިދާޅުވިއެވެ.

ވަޒީރަކު ސަސްޕެންޝަންގައިވެސް ނުބެހެއްޓޭނެ ކަމަށާ އަދި ދެ މަގާމެއްގައި އެއް ފަހަރާ ނުހުންނެވޭނެ ކަމަށްވެސް ޖަމީލް ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަސްލު ބޮޑު މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުދު އެނގިވަޑައެއް ނުގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީވެސް ކޮބައިކަމެއް. މި ވާހަކަ ދައްކަންވެސް އަޅުގަނޑު ބޭނުމެއް ނުވޭ. ނަމަވެސް ހަގީގަތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޝާހިދު. އިބްރާހިމް މުހައްމަދު ސޯލިހަކީ ރައީސް ޝާހިދުގެ ދަށުން މަސައްކަތް ކުރައްވާ ތުއްތު ތުއްތު ކުއްޖެއް، އެ ގޮތަށް މި ފެންނަނީ. ކޮޅަށް ތެދުވެގެން ވަރަށް ކުޑަކުޑަކޮށް ވަރަށް ބިރުފުޅުން ހުންނަވާ މަންޒަރު. ޝެހެންޝާހު ހެދިފައި މި ހުންނަވަނީ ޝާހިދު. ހަގީގަތުގައި މިއީ ވަޒީފާ ދިން ފަރާތް. އެއީ [ޝާހިދުއަކީ] މުވައްޒިފެއް. ރާއްޖޭގައި ހުންނަވަން ޖެހޭ. ހިދުމަތް ކުރަންޖެހޭ. ކެބިނެޓަށް ހާޒިރުވާން ޖެހޭ. މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ. ނަމަވެސް އަޅުގަނޑުމެން މި ސުވާލަކީ ކޮބައިހޭ އެ މީހާ،" ޖަމީލް ވިދާޅުވިއެވެ.

އަސްލު ބޮޑު މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުދު އެނގިވަޑައެއް ނުގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަކީވެސް ކޮބައިކަމެއް. މި ވާހަކަ ދައްކަންވެސް އަޅުގަނޑު ބޭނުމެއް ނުވޭ. ނަމަވެސް ހަގީގަތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޝާހިދު. އިބްރާހިމް މުހައްމަދު ސޯލިހަކީ ރައީސް ޝާހިދުގެ ދަށުން މަސައްކަތް ކުރައްވާ ތުއްތު ތުއްތު ކުއްޖެއް، އެ ގޮތަށް މި ފެންނަނީ. ކޮޅަށް ތެދުވެގެން ވަރަށް ކުޑަކުޑަކޮށް ވަރަށް ބިރުފުޅުން ހުންނަވާ މަންޒަރު. ޝެހެންޝާހު ހެދިފައި މި ހުންނަވަނީ ޝާހިދު. ހަގީގަތުގައި މިއީ ވަޒީފާ ދިން ފަރާތް. އެއީ [ޝާހިދުއަކީ] މުވައްޒިފެއް. ރާއްޖޭގައި ހުންނަވަން ޖެހޭ. ހިދުމަތް ކުރަންޖެހޭ. ކެބިނެޓަށް ހާޒިރުވާން ޖެހޭ. މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ. ނަމަވެސް އަޅުގަނޑުމެން މި ސުވާލަކީ ކޮބައިހޭ އެ މީހާ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ޖަސްޓިސް މިނިސްޓަރު

ޖަމީލް ވިދާޅުވީ ގައުމީ ދުވަހުގެ އެފަދަ ބޮޑު ޖަލްސާއެއް "ޝާހިދުގެ ޖަލްސާ"އަކަށް ބަދަލުކޮށް ލެއްވުމަކީ ރައީސް ސޯލިހުގެ އެއްވެސް ބާރެއް އަދި ހިންގުމުގެ ތަޖުރިބާއެއް ނެތް ކަމުގެ ހެއްކެއް ކަމަށެވެ. އަދި މިފަދަ އެމަނިކުފާނު ކުރައްވާ ޣައިރު ގާނޫނީ ކަންކަމާ އިންސާފު އަރާ ހަމަ ކުރާނެ ދުވަސް އަންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކަނޑައެޅިގެން އެ މަގާމުގައި ޝާހިދަށް ނުހުންނެވޭނެ. އެއީ ޣައިރު ދުސްތޫރީ އަމަލެއް. އިބްރާހިމް އިސްމާއީލްމެން ފަދަ ބޭފުޅުން އެ ވިދާޅުވާ ފަދައިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ފުނޑާލާފައި ސަސްޕެންޑްކޮށްފައި އެ އޮތީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި މައްސަލާގައި ގާނޫނު އަރާ ހަމަ ކުރާނެ،" ޖަމީލް ވިދާޅުވިއެވެ.