ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް އަބްދުﷲ ޝާހިދު، ދިވެހިރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ފުރާވަޑައިގެންފިއެވެ. އާންމު މަޖިލީހުގެ ރައީސަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.
މިނިސްޓަރު ޝާހިދަށް ދިވެހި ސަރުކާރުން ވަނީ ރަސްމީ ގޮތުން މަރުހަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގެ ބައެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއިއެކު ރަސްމީ ވާހަކަތައް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޝާހިދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފައެވެ.
މީގެ އިތުރުން މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޝާހިދު ކޮށްދެއްވި ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި ފުޓްބޯޅަ މެޗު ބައްލަވާލައްވާފައެވެ. އަދި މިއަދު މެންދުރުކުރި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް ޝާހިދުގެ އަނބިކަނބަލުން އާއިޝަތު ސުއިޒާ ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
ރަސްމީ ދަތުރުފުޅެއްގައި ޝާހިދު ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާނަށް އެ ދެ މަގާމުގައި ހުންނެވޭނެތޯ ގާނޫނީ ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. ބައެއް ގާނޫނީ ވަކީލުންނާއި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ގާނޫނީ ހުއްޖަކު ދައްކަވަމުންނެވެ.
އަވަސްއިން އިއްޔެ ގެނެސްދިން "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޑރ. ޖަމީލް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ވަޒީރަކަށް ހުންނަވައިގެން ނުކުރެއްވޭނެ ކަންކަން ސާފުކޮށް ލިޔުނީ ވަރަށް ބޮޑު ބޭނުމެއްގައި ކަމަށެވެ. އެ އިސްލާހު ގެނައުމުގެ ކުރީން ވަޒީރުންގެ މަޖިލީހުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން ދިހަ ބާރަ ވަޒީފާ އަދާ ކުރައްވަމުން ގެންދެވި ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް އުޖާރައެއް ލިބޭ ނުވަތަ އުޖޫރައެއް ނުލިބޭވެސް އެހެން މަގާމެއް ނުފުރުއްވޭނެ ކަމަށް ސާފުކޮށް ލިޔެފައިވާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ޝާހިދު މިހާރު ހުންނެވި މަގާމުން އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިހާރުން މިހާރަށްވެސް އެބަޖެހޭ އޮނަރަބަލް ޝާހިދު ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ. ނޫނީ އެމަނިކުފާނު އެބަޖެހޭ އިސްތިއުފާ ދެއްވަން. އެ ނޫން އެއްވެސް ގޮތަކަށް މިކަމެއް ސައްހައެއް ނުވާނެ. ސައްހަ ކުރެވޭނެ މަގެއް ނެތީ ގާނޫނު އަސާސީގައި. މާނައަކީ އެ މަގާމުގައި ހުންނަވައިގެން މިކަން ރަނގަޅު ކުރެވޭނެ ތަރުތީބެއް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް ނުއެއް ދަނޭ. އެއީ ވަރަށް ސާފު ސަރީހަކޮށް އޮތް ވާހަކައެއް،"
އެކަމާއި ގުޅިގެން މިނިސްޓަރު ޝާހިދު ވިދާޅުވީ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އާންމު މަޖިލީހުގެ ރަައީސްގެ މަގާމުގައި ހުންނެވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އެ ގޮތަށް އަމަލު ކުރައްވާފައިވާ ކަަމަށް ވިދާޅުވިއެވެ. އަދި މިނިސްޓަރުން ގޮތުގައި ތިއްބަވައިގެން ރާއްޖޭގެ އެހެން ބޭފުޅުންވެސް އެކި މަގާމުތައް ފުރުއްވާފައިވާ ކަމަށެވެ.
ޝާހިދު ސިފަ ކުރެއްވި ގޮތުގައި ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅުން އެކަން ކުރައްވަނީ ދައްކަވާނެ ވާހަކައެއް ނެތިގެންނެވެ.
"ދެން ދައްކާނެ އެހެން ވާހަކައެއް ނެތިއްޔާ ކޮންމެވެސް ވާހަކައެއް ދައްކާލަން ޖެހޭނެތާ. އަޅުގަނޑުދެން އެ ވާހަކަ ދައްކަވާ ބޭފުޅުންނަށްވެސް ހިތުގައި ބުރަކަމެއް ނެތް. އެއީ ދެން އެ ނޫން ވާހަކައެއް ނެތިއްޔޭ އިންގޭތޯ. ސިޔާސަތެއްވެސް ނެތީ. ބުނާނެ އެއްޗެއްވެސް ނެތީ. އެހެންވެ ދެން ކޮންމެވެސް ވާހަކައެއް ދައްކަނީ،" ޝާހިދު ވިދާޅުވިއެވެ.
ހިދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ ދެ މަގާމުގައި ހުރެގެން ކަންބޮޑުވުން ފާހަގަކުރާ ފަރާތްތަކުން އެކަން ކުރަނީ ސައްހަ ދުސްތޫރީ އަދި ގާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫން ކަމަށެވެ. އދ. އާންމު މަޖިލީހުގެ ރައީސްކަން ވަރަށް ގިނަ ގައުމުގެ ތަކުގެ ފޮރިން މިނިސްޓަރުން އެ މަގާމުގައި ދެމިތިބެ ކުރައްވާފައިވާ ކަމަށް ދޭހަވާ ގޮތަށް ޝާހިދު ވިދާޅުވި ވިދާޅުވުމަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށްވެސް ވިދާޅުވިއެވެ.
"ހާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުރެ އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ހޮވިފައިވަނީ ދެެތިން ގައުމެއްގެ ހާރިޖީ ވަޒީރުން. އެ ބޭފުޅުން އެ މަގާމަށް ހޮވި ވަޑައިގަތުމުން ހާރިޖީ ވަޒީރުކަމުގެ މަގާމަށް 'އެކްޓިން' ވަޒީރުން އެ ގައުމުތަކުގެ ދުސްތޫރީ ނިޒާމުތަކާ އެއްގޮތަށް އައްޔަން ކުރެވުނުކަން އެނގެން އޮވޭ،" ޝާހިދަށް ރައްދު ދެއްވާ ޑީޑީ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރާއްޖޭގެ އެކި މަގާމުތަކުގައި އެކި ދުވަސްވަރު ތިއްބެވި ބޭޭބޭފުޅުން ބޭރުގެ އެކި މަގާމުތައް ފުރުއްވާފައިވާކަން ފާހަގަ ކުރައްވާފައިވާ އިރު ދައުލަތުގެ މަގާމެއް ފުރުއްވާ ބޭފުޅަކު ބައިނަލް އަގުވާމީ އިދާރާ ނުވަތަ ކޮމިޓީ އެއްގެ ދާއިމީ ކޮށް ހާޒިރުވެ ހުންނަން ނުޖެހޭ ޕްރޮފެޝަނަލް މަގާމެއްގައި ހުރުމަކީ ދުސްތޫރީގޮތުން ފުށު އަރާކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝާހިދުގެ މަގާމު އެފަދަ ނޫން ކަމަށް ވިދާޅުވިއެވެ.