ރިޕޯޓް

ހައްލު ނުހޯދުނީ "ބާރު" ދައްކަން ހަދައިގެން!

ކައުންސިލް އިންތިހާބު ބާއްވަން އޮތް މުއްދަތެއް އޮތެވެ. ވަގުތުލައިގެން އެއަށް ތާރީހު ކަނޑައެޅި އެވެ. ނަމަވެސް ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން އެގޮތަށް ނުބޭއްވޭނެކަން ޔަގީންވުމުން އިލެކްޝަންސް ކޮމިޝަނުން އެ މައްސަލައަށް ގާނޫނީ ފަރުވާ ހޯދަން ފުރަތަމަ ވެސް ރަނގަޅު މަގުން ހިނގި އެވެ. ގޮތެއް ހޯދަން މައްސަލަ ފުރަތަމަ ހައިކޯޓަށް ވެއްދި އެވެ. އަދި ފަހުން އެ މައްސަލަ ހައިކޯޓުން ނަގާ ސުޕްރީމް ކޯޓުގެ ދޮރުން އެތެރެކުރި އެވެ. އެހެން ނަމަވެސް އެ މައްސަލައަށް ދުސްތޫރީ އަދި ގާނޫނީ ފަރުވާއެއް ހޯދައިދޭން ސުޕްރީމް ކޯޓަށް ބަހެއް ނުބުނެވި އުޅެނިކޮށް އެ މައްސަލައިގެ ހައްލު އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށް އެ މަޖިިލީހުގެ ރިޔާސަތުން އިއުލާނުކޮށްފި އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ދެން ހެދޭނެ އެއް ގޮތެއް ވެސް ނެތެވެ. "ގަންނާ ކުރައްވާ ބިރަށް" ސުޕްރީމް ކޯޓަށް ވެސް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އަދި ސުޕްރީމް ކޯޓަށް ވުރެ ވެސް ބިރުގެންފައިވާ އިލެކްޝަންސް ކޮމިޝަން އޮތީ "ސުޕަ 65" ދެކެ ބިރަށް ރޯމަހެއް ތެޅޭހެން ތެޅި ތެޅި އެވެ. އެހެންވެ ހިނދެއްވެސް ނަގައި ނުލައި މައްސަލައިގެ ފައިލު ސުޕްރީމް ކޯޓުން "ދަމައިގަނެގެން" މައްސަލަ މަޖިލީހަށް ގެންދިޔައީ "އާދޭހޭ ތިޔަ ވިދާޅުވީ މުޅީން ރަނގަޅަށޭ އަޅުގަނޑުމެނަށް އޮޅުމެއް އެރީއޭ" ބުނަމުންނެވެ.

އެ މައްސަލަ މަޖިލީހަށް ހުށައެޅި ފަހުން ދެ މަސް ދުވަސް ފާއިތު ވެގެން ދިޔައީ އެވެ. އެކަމުގައި މަޖިލީހަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ. އެންމެ ކުޑަމިނުން ދައުލަތުގެ ބަންޑާރަ ނާއިބު ހުށައެޅުއްވި ގޮތަށް މައްސަލަ ނިންމުމުގައި ވެސް މަޖިލީސް އޮތީ ފޭއްޔަކުން ފޭލިވެފަ އެވެ. މަޖިލީހުގެ މެންބަރުންގެ މެދުގައި ބޮޑުތަނުން ހިޔާލުތަފާތުވީ އެވެ.

ބައެއް ބޭފުޅުންގެ ނަޒަރުގައި މި ގޮތަށް މި މައްސަލަ ޑްރެގް ވަމުން އައިސް މި ހާރު އޮތް ހިސާބުގައި "އަތަށް ގޮވީ" މަޖިލީހާ ނުބެހޭ ކަމެއްގެ ތެރެއަށް ގަދަބާރުން ވަދެ ބެހި ކުޅެން އުޅެގެން ހަދައިގެނެވެ.

އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާއާއެކު ބަންޑާރަ ނާއިބުގެ އޮފީހުން ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލެއް ހުށަހަޅައި އެ ބިލް ފާސް ކޮށްފައި ވެއެވެ. ދިހަ މާއްދާގެ މައްޗަށް އެކުލެވޭ އެ ބިލު ފަރުމާ ކޮށްފައި ވަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020" ގައި ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން ގާނޫނުވ އުވިގެންދާ ގޮތަށެވެ.

ނަމަވެސް ދުނިޔެވެސް އަދި ތަޖުރިބާ ކޮށްފައި ނުވާ ހާލަތެއް، ކޮވިޑްގެ ބަލާއާފާތާއެކު އުފަންވުމުން އެ ހާލަތާ ގުޅިގެން ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ގެންދިޔަ ގެންދިއުމަށް މެންބަރުންނަށް އެއްބަސްވުމަކަށް ނާދެވުނެވެ.

މި މައްސަލަ ފުރަތަމަ ވެސް ފެންމަތި ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ރާއްޖޭގައި އޮތީ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްތޯ، ނޫނީ ކުއްލި ނުރައްްކަލުގެ ހާލަތެއްތޯ ބަލައި ރަނގަޅަށް ސާފު ކުރުމަކާ ނުލައި މި ހާލަތުގައި ގާނޫނު އަސާސީގައި އަތްލައި އެއާ ނުކުޅެވޭނެ އެވެ.

ރައީސް ނަޝީދު އަޅުއްވައި ދެއްވި އެ ސުރުހީއަށް ބޮޑު ބަހުސެއް އުފެދިފައި އޮއްވާ އެ ބަހުސް ހުއްޓުނީ ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު، މިހާރު ގައުމުގައި އޮތް ހާލަތު ބަޔާންކޮށް ގާނޫނުން ހުއްޖަތް ދެެއްކުމުންނެވެ.

އޭގެ ފަހުން އަނެއްކާވެސް އަނެއް މައްސަލައެވެ؛ ބައެއް މެންބަރުންގެ ނަޒަރުގައި މިއީ ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމެއް ނޫނެވެ. މަޖިލީހަށް ހުށައަޅާ ބިލަކުން އެކަމަށް ހައްލު ހޯދޭނެ އެވެ. އެެހެންވެ އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ގާނޫނީ ވަކީލް އަދި މެންބަރު ހަސަން ލަތީފު މަޖިލީހަށް ބިލެއް ހުށައެޅުއްވި އެވެ. ނަމަވެސް ދެން ތިއްބެވި މެންބަރުންނަށް ފެނިވަޑައިގެންނެވީ ބަންޑާރަ ނާއިބުގެ ހުށައެޅުމާއި އެއްގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނާށެވެ. މީގެ ތެރެއިން ފެންނަނީ ދެބައެކެވެ.

އެއް ބަޔަކީ "ސުޕަ 65" ގައި ހިމެނޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއެކެވެ. އަނެއް ބަޔަކީ އޭގެ ތެރޭގައި ހިމެނޭ ރައީސް މުހައްމަދު ނަޝީދުގެ ކޭމްޕެވެ. ސިޔާސީ މި ދެ ގޮފީގެ ވާދަވެރި ކަމުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އަބަދުވެސް އޭރެއްގެ ހާލަތަށް ބައްލަވައިގެން ސިޔާސީ ޓެސްޓްތައް ހައްދަވަމުންނެވެ. އެ މަނިކުފާނު ކުރިޔަށް ވަޑައިގަތުމަށްޓަކައި "ސިޔާސީ ބިންގަނޑު ޖެއްސެވުމަށް" ހަދަން ޖެހި ވަޑައިގަންނަވާ ޓެސްޓްތައް ހެއްދުވުމުގައި އަންނަ ދުސްތޫރީ މައްސަލައަކަށް އަދި ހުސް ކަމަކަށް އެ މަނިކުފާނު ބައްލަވާކަށް ބޭނުންފުޅެއް ނުވެއެވެ.

އަދި ރައީސް ސޯލިހުގެ ފަޅީގައި "ސުޕަ 65" ގެ ސާފު މެޖޯރިޓީ މުތުލަގަށް އެ ފަޅިއަށް އޮތް ކަން ޔަގީނާއެކު ރައްޔިތުންނަށް ދައްކާފައި ބޭއްވުމުގެ ސިޔާސީ ސަބަބުގެ މުހިއްމު ކަމުން ހަމަ ހަދާނެހާ އެއްޗެއް ހަދަން ދޫކޮށްލާފައި ބާއްވާކަށް ބޭނުމެއް ނުވެއެވެ. -- ސިޔާސީ ހަރަކާތާއި މަސައްކަތުގައި އެއީ މައްސަލައެއް ވެސް ނޫނެވެ.

ނަމަވެސް އެ ދެ ގޮތުން ކުރެ އެއްގޮތަކަށް ވެސް މި މައްސަލަ ނިންމާކަށް މެންބަރުންނަކަށް ނުފެނުނެވެ. އެހެން ބައެއް މެންބަރުންގެ ނަޒަރުގައި އަދި ވަރަށް ގިނަ އާންމުންގެ ދެކޭ ގޮތުގައި މިއީ މަޖިލީހާބެހޭ ވެސް މައްސަލައެއް ނޫނެވެ. މި މައްސަލައިގެ ހައްލު އޮތީ ސުޕްރީމް ކޯޓްގަ އެވެ. ނަމަވެސް "ސުޕަ65" ގެ ބާރު ދައްކާލަން ބޭނުންވާތީ ގަދަފައި ވިއްދާފައި މައްސަލަ މަޖިލީހުން ނިންމަން މަސައްކަތް ކުރަނީ އެވެ.

މި މައްސަލާއަކީ ސުޕްރީމް ކޯޓާ ބެހޭ މައްސަލައެއް ނޫން ކަމަށް ގަބޫލު ކުރައްވާ މެންބަރުން ވެސް މަޖިލީހުގައި އެބަތިއްބެވި އެވެ. އެ ބޭފުޅުން އެހެން ވިދާޅުވާން ޖެހޭ ސަބަބު، އެ ބޭފުޅުންނާ ގުޅިފައިވާ ސިޔާސީ އަދި ވިޔަފާރީ ލިންކްތަކަށް ވިސްނާލީމާ ސާފުވާނެ އެވެ. އެފަދަ މެންބަރުން މި މައްސަލާގައި އެންމެ ކުޑަމިނުން ކޮންސަލްޓޭޓިވް އޮޕީނިއަން އަކަށް ސުޕްރީމް ކޯޓުގައި އެދެން ޖެހޭނެ ކަަމަށްވެސް އެފަދަ މެންބަރުން ގަބޫލެއް ނުކުރައްވަ އެވެ.

އެހެން ނަމަވެ ބޯޅަ އެ ކޮޅަށް މިކޮޅަށް ޖަހަމުން ގޮސް ވާންވީ ގޮތެއް، ދާންވީ ދިމާއެއް ވެސް އޮޅޭ ހިސާބަށް ދެވުމާއެކު މިހާރު އަނެއްކާވެސް މައްސަލަ އެ އެއްލީ ސުޕްރީމް ކޯޓުގެ ލަފަޔަކަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ހެނދުނު ފެށި ޖަލްސާ އަދިވެސް ނުނިމި މި ބަހުސްގައި އެއޮށް ހިނގަނީ އެވެ. ރޭވެސް ޖަލްސާގެ ބައެއް ކުރިއަށް ދިޔައެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރުމާމެދު ސުޕްރީމް ކޯޓަށް ފެންނަ ލަފައެއް ހޯދަން މަޖިލީހުގެ ރޭ ވަނީ ފާސް ކޮށްފަ އެވެ. އެ ނިންމުން ނިންމުމަށްފަހު ވަނީ ސުޕްރީމް ކޯޓަށް ވަނީ މުހުލަތެއް ވެސް ދީފަ އެވެ. އެއީ ދެތިން ދުވަހެއްގެ ތެރޭ އެންމެ ލަސްވެގެން ސުޕްރީމް ކޯޓުގެ ލަފާ ލިބުމެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓްގެ ލަފަޔަކަށް އެދުމަށް މަޖިލީހަށް ހުށައެޅުމުގެ ކުރިން ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ވަނީ މި މައްސަލައާއި ގުޅޭގޮތުން އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ބައެއް ކަންކަން ހާމަ ކުރައްވާފަ އެވެ.

އަވަސް މަގުން މަގާމުން ދުރުކުރެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މައިގަނޑު ފަސް ކަމެއް ފާހަގަ ކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ކައުންސިލް އިންތިހާބު ފަސްވުމާއި ގުޅިގެން މިހާރު މަގާމުގައި ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމި ތިބުމުގެ މައްސަލައަށް ދުސްުތޫރީ ހައްލު ދިނުމުގެ އިހުތިސާސް ލިބިގެން ވަނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އެއީ "އެއްވެސް ޝައްކެއް އަދި ވަސްވާހެއް ވެސް ނެތް" ކަމެކެވެ.

"... ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މި މައްސަލާގައި ދެ ބަޔަކަށް ބެހިފައި. ބައެއް މެންބަރުން ދެކެނީ އާންމު ގާނޫނަކުން، ދުސްތޫރީ މުއްދަތު ހަމަވާ ކައުންސިލަރުން އަލުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އާ ކައުންސިލަރުން ހޮވެން ދެން މަގާމުގައި ދެމިތިބުމަށް ކަނޑައެޅުމަށް. އަނެއްބައި މެންބަރުން ދެކެނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން މެނުއީ މުއްދަތު ހަމަވާ މެންބަރުން މަގާމުގައި ދެމިތިބުން ސައްހަ ނުވާނެ ކަމަށް. ސަބަބަކީ އެ މެންބަރުންގެ ރައުޔުގައި ގާނޫނު އަސާސީން ކަނޑައަޅާފައިވާ މުއްދަތު ނުވަތަ ދައުރު އާންމު ގާނޫނަކުން ބަދަލު ކުރެވޭނެ ގާނޫނީ ހަމައެއް ނެތުން. މި މައްސަލާގައި ދުސްތޫރީ ނަޒަރަކުން ބަލާއިރު ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރެވުމާއި ގުޅިގެން އުފެދޭ ދުސްތޫރީ ސުވާލަކީ ކައުންސިލަރުގެ މުއްދަތު އިތުރު ކުރުމެއް ނޫން. ނުވަތަ ދައުރު ދެއްމުމެއް ވެސް ނޫން." ދީދީ ވިދާޅުވި އެވެ.

މުއްދަތު ހަމަވާ ކައުންސިލަރުން މަގާމުގައި ދެމިތިބުމާބެހޭ މައްސަލައަކީ ވެސް އޭގެ ޒާތުގައި ކޮންސިޓިޓިއުޝަނަލް ޑިސްޕިއުޓަކަށް ވީހިނދު އެއަށް ދުސްތޫރީ ހައްލު ދިނުމުގެ އިހުތިސާސް ދުސްތޫރީ ގޮތުން ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމާމެދު ޝައްކެއް ވަސްވާހެއްވެސް ނެތް
ޑރ. އަހުމަދު އަބްދުﷲ ދީދީ | ކުރީގެ އުއްތަމަ ފަނޑިޔާރު

އޭނާ ދެކެ ވަޑައިގަންނަވާ ގޮތުގައި އިމަޖަންސީ ނުވަތަ ނެސެސިޓީ ހާލެތެއްގެ ސަބަބުން ކައުންސިލްތަކުގެ ދުސްތޫރީ މުއްދަތު ނިމުމަކަށް އަންނައިރު އާ ކައުންސިލަރުން އިންތިހާބު ނުކުރެވޭ ހާލަތުގައި ކުރީގައި ތިބި ކައުންސިލަރުންގެ މަގާމުގެ ބާރުތައް އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން ދެމިގެން ދާނެ އެވެ. އަދި މިއީ ދައުރު ދެންމުމާ ބެހޭ މައްސަލައެއް ނޫނެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުުރުމުގެ އެެއްވެސް ޒަރޫރަތެއް ވެސް ނެތެވެ. އަދި މި ހާލަތުގައި ހައްލު ދިނުމުގެ އަސްލީ އިހުތިސާސް އޮތް ފަރާތަކީ ސުޕްރީމް ކޯޓެވެ. މަޖިލީހަށް އޮތް ބާރަކީ އިމަޖެންސީ ހާލަތެއްގައި އިންތިހާބު ފަސް ކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ދުސްތޫރީ އަދި ގާނޫނީ އާންމު އުސޫލުތައް ޝާމިލްވެގެންވާ ނައްސުތައް އެކުލެވޭ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުމެވެ.

ހަގީގަތުގައި މަޖިލީހަށް އޮޅުނީ އެވެ. ނުވަތަ ގަސްތުގައި އޮޅުވާލީ އެވެ. ބާރު ލިބުނު މިންވަރުން އޮޅުނީކަމަށް ވެސް ވެދާނެއެވެ. ނުވަަތަ އެހެން މުއައްސަސާތަކަށް ބާރު ދައްކަން ބޭނުންވާ މިންވަރު ބޮޑު ކަމުން އޮޅުވާލީ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވާ ގޮތުގައި އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާނޫނު އަސާސީ އިސްލާހު ކުރަން ދިމާކޮށްފައިވާ ދިމާކުރުމެވެ. އޭނާ ދެކެ ވަޑައިގަންނަވާ ގޮތުގައި ކުރިމަތިވާ ވަގުތީ ގާނޫނީ ހުސް ކަމެއްގައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ކުރަންޖެހޭނެ ކަމެއް ނޫނެވެ. ވަގުތީ ހައްލު ހޯދަން ގާނޫނުއަސާސީއަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު ދުސްތޫރީ ހަޔާތަށް ލޮޅުންއަރާ އެވެ.

ފާއިޒު ވިދާޅުވި ގޮތުގައި ދުސްތޫރީ ހުސްކަމާއި، ގާނޫނީ ހުސްކަމަކީ ވަގުތީ ހާލަތްތައް ކަމަށްވާއިރު ވަގުތީ ހާލަތްތަކަށް ދުނިޔޭގެ އެހެންތަންތަނުގައި ހޯދަނީ އިންތިގާލީ އިންތިޒާމެއްގެ ދަށުން ހޯދާ ހައްލެކެވެ.

"ކުރިމަތިވާ ކޮންމެކަމެއްގައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ދިވެހި ދުސްތޫރީ ހަޔާތް ދިރާސާ ކުރާއިރު ފެންނަ ހަގީގަތެއް. ކައިރި މަޒީގައި ވެސް އެކަން ކޮށްފައިވޭ. ވަގުތީ ހައްލު ހޯދަން ގާނޫނުއަސާސީއަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު ދުސްތޫރީ ހަޔާތަށް ލޮޅުން އަރާ." ފާއިޒު ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އޮތީ ގާނޫނުއަސާސީގެ ދަށުން އިއުލާނު ކޮށްފައިވާ ކުއްލި ހާލަތެއް ނޫން ނަމަވެސް ގާނޫނުއަސާސީ ފަދަ މުހިއްމު އަސާސީ "ގާނޫނެއް" އިސްލާހު ކުރުމުގެ މަސައްކަތް ކުރާނެ މާހައުލު އޮތް ކަމަކަށް ނުބެލޭ ކަމަށް ފާއިޒުވެސް ގަބޫލު ކުރައްވަ އެވެ.

ކުރިމަތިވާ ކޮންމެކަމެއްގައި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަކީ ދިވެހި ދުސްތޫރީ ހަޔާތް ދިރާސާ ކުރާއިރު ފެންނަ ހަގީގަތެއް. ކައިރި މަޒީގައި ވެސް އެކަން ކޮށްފައިވޭ. ވަގުތީ ހައްލު ހޯދަން ގާނޫނުއަސާސީއަށް ބަދަލު ގެންނަ ކޮންމެ ފަހަރަކު ދުސްތޫރީ ހަޔާތަށް ލޮޅުން އަރާ.
އަހުމަދު ފާއިޒު ހުސައިން | ކުރީގެ އުއްތަމަ ފަނޑިޔާރު

އިދިކޮޅު ބައެއް މެންބަރުން އަދި ބައެެއް ގާނޫނީ ވަކީލުން ދެކެ ވަޑައިގަންނަވާ ގޮތުގައި ފަސޭހަ ހައްލު އޮތް މައްސަލައެއްގައި މި ހިސާބަކަށް ކަންކަން ގެންދިޔައީ މަޖިލީހުންނެވެ. އަދި މަޖިލީހުން ކުރަން ނުޖެހޭ ކަމެއްގެ ތެރެއަށް މަޖިލި ވަނީ އެވެ. އަދި މިކަމުގައި ސުޕްރީމް ކޯޓްގެ އިހުމާލެއް އޮތް ކަމަށް ވެސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ކުރީގެ ނާއިބު ރައީސް އަދި ޖަސްޓިސް މިނިސްޓަރު ކަމާއި، އިސް ގާޒީކަން ވެސް ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓްގެ ނުވަތަ ޖުޑިޝަރީގެ ދައުރެއް މިވަގުތު ރާއްޖެއަކު ނެތެވެ. އަދި އެހެން ވެފައި ވަނީ ރައްޔިތުންގެ މަޖިލީސް "އަމިއްލައަށް ފަނޑިޔާރުގެއަށް ވެގެން" އެކަމަކު މާ ބޮޑަށް އުޅޭތީ އެވެ.

އޭނާ ވަޑައިގަންނަވާ ގޮތުގައި ޖުޑިޝަރީ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް މަޖިލީހުގައި އުފައްދައިގެން ކުރަމުން ގެންދާ ކަންކަމަކީ ނުފޫޒު ފޯރުވާ ބިރު ދެއްކުމެވެ. އެ ނޫން ކަމެއް ނުހިނގަ އެވެ.

ސުޕްރީމް ކޯޓްގެ ދައުރު ގާނޫނު އަސާސީގައި ވަރަށް ސާފެވެ. އެ ކޯޓަކީ ހަމައެކަނި މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ފަރާތް ނޫން ކަމަށް ޖަމީލު ނޫން އެހެން ގިނަ ބޭފުޅުން ވެސް ގަބޫލުފުޅު ކުރައްވަ އެވެ.

"ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް މަތިކުރާ ކަންތައްތަކެއްވޭ. އެކަންކަން މި ފެންނަނީ ފަހަރަކު ކަމެއް ފަަހަރަކު ކަމެއް މަޖިލީހަށް ނަގަމުންދާތަން. ދެން ކިހިނެއްތޯ ސުޕްރީމް ކޯޓްގެ ދައުރު ފެންނާނީ." ޖަމީލް ވިދާޅުވި އެވެ.

ގާނޫނު އަސާސީން ސުޕްރީމް ކޯޓަށް މަތިކުރާ ކަންތައްތަކެއްވޭ. އެކަންކަން މި ފެންނަނީ ފަހަރަކު ކަމެއް ފަަހަރަކު ކަމެއް މަޖިލީހަށް ނަގަމުންދާތަން. ދެން ކިހިނެއްތޯ ސުޕްރީމް ކޯޓްގެ ދައުރު ފެންނާނީ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

މި ހާލަތު މިއޮތީ އައިސްފަ އެވެ. ދެން އޮތީ ރައީސް ނަޝީދު އެ ވިދާޅުވާ ގޮތަށް މިހާރު ކުރާ މައްސަކަތުގެ ތެރެއިން "ރަނުން ރަނަށް" ހައްލެއް ހޯދާން ކުރާ މަސައްކަތް ނިންމުމެވެ. އެކަމަކު މި ފަދަ މައްސަލަތައް ކުރިއަށް އޮތްތާނގައި ދިމާވާން ނޭދޭނަމަ "ސުޕަ 65" ދެކެ ބިރުން ނުތިބެ ސުޕްރީމް ކޯޓުން ބަސް ބުނަން ނުޖެހެ އެވެ. އަދި ސުޕްރީމް ކޯޓުން އެ ކޯޓްގެ ހަގީގީ ދައުރު އަދާކުރަން ޖެހޭނެ އެވެ.

މި މައްސަލަ މިހާ ހިސާބަކަށް ދިޔަ އިރު ވެސް ސުޕްރީމް ކޯޓުން ބަހެއް ނުބުންޏެވެ. އަދި ސުޕްރީމް ކޯޓަށް މިކަމުގައި ކޮށްދެވޭނެ ކަމެއްވެސް ނުބުންޏެވެ. މިހާރު މަޖިލީހުން އެ އޮތީ ސުޕްރީމް ކޯޓަށް ބޯޅަ ފޮނުވާލާފަ އެވެ. އެހެންވީމަ ކުރިއަށް ގަޑިތަކުގެ ތެރޭގައި އެ ކޯޓުން ބަހެއް ބުނާނެ އެވެ. އަދި އެކަމުން ބައެއް ކަންކަން ޔަގީންވެސް ވާނެ އެވެ. އެއީ ސުޕްރީމް ކޯޓުން ބަސް ބުނުމުގައި ހުރި ހިތްވަރެވެ. ގާނޫނުގައި އޮތް އެއްޗެއް މިހާރުގެ ބެންޗުން މާނަ ކުރާ ގޮތެއް ރީއްޗަށް އެނގޭނެ އެވެ. އަދި ސުޕްރީމް ކޯޓުން ދޭ ލަފަޔަށް މަޖިލީހުން އަމަލު ކުރާ ގޮތެއް ވެސް ފެނިގެންދާނެ އެވެ.