ކޮވިޑް19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވަން ނިންމި މުއްދަތުގައި ނުބޭއްވޭނެތީ ކޮމިޝަނުން ނިންމީ މިމަހުގެ 18 ވަަނަ ދުވަހަށް އިންތިހާބު ފަސްކުރުމަށެވެ. ނަމަވެސް އަދިވެސް ހާލަތު ބަދަލުވެފައިނުވާތީ މި މުއްދަތުގައިވެސް އިންތިހާބު ނުބޭއްވޭނެ އެވެ.
އެހެން ކަމުން ޝަރުއީ މަރުހަލާއިން އެކަމަށް ގާނޫނީ ހައްލެއް ހޯދުމަށް މައްސަލަ ހައިކޯޓާއި، ސުޕްރީމް ކޯޓަށް ހުށައެޅިއެވެ. އެ މައްސަލަތައް ޝަރުއީ ނިޒާމުން ނެގުމަށްފަހު މަޖިލީހަށް ހުށައެޅީ އެ މައްސަލަތަކަށް ހައްލު އޮތީ މަޖިލީސްތެރެއިން ކަމަށް އެ މަޖިލީހުގެ ރައީސް ވިދާޅުވުމުންނެވެ.
މައްސަލަ ސުޕްރީމް ކޯޓުން ނަގާ، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނަށް އެ މަޖިލީހުން އެންގީ އެކަމާ ގުޅޭ ބިލެއް ހުށައެޅުމަށެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަންގެ މަޝްވަރާއާއެކު ބަންޑާރަ ނާއިބްގެ އޮފީހުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 ގެ ނަމުގައި ބިލެއް ހުށައަޅާފައެވެ.
ދިހަ މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020އިން ހޮވޭ މެމްބަރުން މަގާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.
މި ބިލްގައި ހިމެނިފައިވާ މުހިންމު ކަންކަމަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލަށް އަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބު ފަސްކުރެވުނީ ކަމަށާ އެ އިންތިހާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިހާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުން ކަމަށް ވަނީ ބުނެފައެވެ. އަދި ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020، ލަސްވެގެން، ޖަނަވަރީ 6، 2021 ގެ ނިޔަލަށް ބާއްވައި ނިންމަން ވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ޖެހޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދެމިގެންދާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިއެވެ.
ނަމަވެސް މަޖިލީހުގަައި ބަހުސަށް ހުޅުވާލުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރު މައްސަލައެއް ފެންމަތި ކުރެއްވިއެވެ. އެއީ މިހާރު އޮތީ ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ފަދަ ހާލަތެއް ކަމަށެވެ. މިހާރު ރާއްޖޭގައި އިއުލާން ކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތެއް ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެ ކަމާ މެދު ބަހުސް ކުރުމުގެ ފުރުސަތު އެބަ އޮތް ނަޝީދު ވިދާޅުވިއެވެ.
އެންމެ ފަހުން މަޖިލީހުގެ އެ މައްސަލާގައި ބޮޑު ބަހުސެއް ހިނގިއެވެ. އެކި މެންބަރުން އެކި ވާހަކަތައް ދައްކަވަމުންނެވެ. އެންމެ ފަހުން އެ ބަހުސް ހުއްޓުނީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުރަހެއް ނެތް ކަމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލަރު ޖެނެރަލް ވިދާޅުވުމުންނެވެ.
އެ މައްސަލައަށް ހައްލެއް ލިބުމުން ދެންވެސް ކުރިއަށް ދެވޭނެ މަގެއް ނުފެނުނެވެ. ސަރުކާރު ހިންގާ މައި ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އަނެއްކާވެސް ފެށީ އެހެން ބަހުސެކެވެ. އެއީ ކައުންސިލަރުންގެ ދައުރު ހަމަވުމުން އައު ކައުންސިލަރުން އިންތިހާބު ކުރެވެންދެން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ މެންބަރުންތަކެއް އައްުޔަން ކުރެއްވުމެވެ. ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ބޭއްވުނު ފުރަތަމަ އިންތިހާބުގެ ކުރިން އޭރުގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވިހެން، ރައީސަށް ފެނިވަޑައިގަންނަވާ ބަޔަކު ކައުންސިލްތައް ހިންގެވުމަށް ލެއްވުމެވެ.
ނަމަވެސް ބަހުސްވެސް މަޖިލީހުގައި ހިނގާގޮތެއް ނުވިއެވެ. އެހެން ކަމުންދެން ގެންނެވީ ބިލެކެވެ. ގާނޫނު އަސާސީ އިސްލާހު ނުކޮށް އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ލޯކަލް ކައުންސިލަރުންގެ ދައުރު ދެމިގެންދާނެ ގޮތަކަށް އަމަލު ކުރާނެ އުސޫލުތައް ހިމަނައި ކައުންސިލް އިންތިހާބު ފަސްކުރުމުގެ ވަގުތީ ބިލެކެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ މިހާރު ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ނިމި ކައުންސިލް އިންތިހާބު ބޭއްވެން ދެން މިހާރު ތިބި ހުރިހާ ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ.
ނަމަވެސް ވަގުތީ އަދި ދާއިމީ ގާނޫނަކުން ވިޔަސް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން މިފަހަރުވެސް ފެއްޓެވި މަސައްކަތް ކުރިއަށް ދާނެ ކަމަކަށް ނުބެލެވެއެވެ.
ސުވާލަކީ މަޖިލީހުން ކުރަން މިއުޅެނީ ކޮންކަމެއްތޯއެވެ. ނުވަތަ ކަންކުރަންވީ ގޮތް މަޖިލީހަށް އޮޅިގެން ނުވަތަ ނޭންގިގެން އުޅެނީ ބާއްވައެވެ.
މަޖިލީހަށް ސަރުކާރުން އެ އޮތީ ދެ ބިލެއް ހުށައަޅާފައެވެ. ގާނޫނީ ވަކީލުން އަދި މަޖިލީހުގައި ތިއްބެވި ގާނޫނު އަސާސީއަށް ފަރިތަ ގިނަ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައިވެސް ސަރުކާރުން ހުށައަޅާފައި ވަނީ މިހާރު އޮތް ހާލަތުގައި މި މައްސަލައަށް އޮތް ހަގީގީ ހައްލެވެ. އެހެން ކަމަށްވީއިރު އެ މަގުން ނުހިނގާ މަޖިލީހުން އެހެން ގޮތްތަކެއް ހޯދަން މި މަސައްކަތް ކުރަނީ ކީއްވެގެން ހެއްޔެވެ.
ސަރުކާރަށް، މަޖިލީހުގެ ބާރު އޮތްކަން ދައްކާލަނީ ހެއްޔެވެ. ނޫނީ މަޖިލީސްތެރެއިންވެސް ސަރުކާރަށް ކަންކަން ކުރެވޭނީ އުނދަގުލާ ދަތީގެ ތެރެއިން ކަމަށް ބުނެދޭން ބޭނުންވަނީ ހެއްޔެވެ. އެހެން ނޫންނަމަ މިހާރު އެ ހިނގާ މަގުން މަޖިލީސް ހިންގާންޖެހޭ ސަބަބެއް ނެތެވެ.
ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއަކީ ހަތް މިނެޓަށް ކުރިއަށް ގެންދިޔަ ޖަލްސާ އެކެވެ. އެ ޖަލްސާއަކީ މެންބަރު ހަސަން ހުށައެޅުއްވި ބިލް ތައާރަފްކުރުމަށް ބޭއްވި ޖަލްސާއެކެވެ. އެ ނޫން އެއްވެސް މަސައްކަތެއް އެ ޖަލްސާއަށް އެޖެންޑާކޮށްފައެއް ނެތެވެ. ހަތް މިނެޓްއިރު ވާހަކަ ދެއްކެވީ ރައީސް ނަޝީދެވެ. އެމަނިކުފާނަށް ފެނިވަޑައިގަންނަވާހާ ވާހަކައެއް ދެއްކެވިއެވެ.
ވިދާޅުވިއެވެ. މިއީ ގިނަ މެންބަރުންގެ ނަޒަރުގައި ގާނޫނު އަސާސީ އިސްލާހުކުރަންވީ ވަގުތެއް ނޫނެވެ. އަދި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދަންމާލާނަމަ، އެހެން ބަޔަކަށް ސުޕަމެޖޯރިޓީ ލިބޭ ދުވަހަކުން ރިޔާސީ ދައުރާއި، މަޖިލީހުގެ ދައުރުވެސް ދަންމަވާލައްވާފާނެއެވެ. ދެން ވިދާޅުވީ މަޖިލީހުން ވަކި ގޮތަކަށް ނިންމަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ.
ނަމަވެސް ހަސަން ލަތީފަކީ ވަރަށް ކުޅަދާނަ ގާނޫނީ ވަކީލެއް ކަމަށް ވިދާޅުވެ، ހައްލަކީ ހަސަން ހުށައެޅުއްވި ބިލް ކަމަށް ވިސްނަވައިދެއްވަން މަސައްކަތް ކުރެއްވިއެެވެ.
"...އަޅުގަނޑުދެން މި ހިތަށް އަރަނީ ކޮން ވަޑިއެއް ކައިރިއަށް ބާވައޭ ދާންވީ، ކޮން ވަޑިއެއްގެ ވަޅީގައި ބާއޭ ތުނޑުހުރީ. އިއްޒަތްތެރި މެންބަރުންގެ ވަޅީގައި ތުނޑު ހުންނާނެ. އަޅުގަނޑު މީގަ ދެކޭ ވަކި ގޮތެއް ނެތް. ތި ބޭފުޅުން ގާނޫނު އަސާސީ އިސްލާހު ކުރައްވާށޭ ވިދާޅުވެއްޖެ ނަމަ އެކަން ކުރާނަން. ތި ބޭފުޅުން ގާނޫނު އަސާސީ އިސްލާހުނުކޮށް، އެހެން ފަރުވާއެެއް ގާނޫނަކުން ހޯދަން ބުރަވެއްޖިއްޔާ އެގޮތަށްވެސް އަޅުގަނޑު ކުރިއަށް ގެންދާނަން." ހަތް މިނެޓްގެ ކުރު އެ ޖަލްސާ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މިސްރާބު މިހާރު ހުރި އަމާޒާމެދު ބައެއް މެންބަރުން ސުވާލު އުފައްދައެވެ. ހާއްސަކޮށް މެންބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމުގައި އެ މެންބަރުން ވިދާޅުވެއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ މިހާރު އުފެދިފައިވާ މައްސަލަތަކަށް އޮތް ހައްލު ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މަޖިލީހަށް މެންބަރު ހަސަން ލަތީފް ހުށައަޅުއްވާފައިވާ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށް އުޝާމް ވިދާޅުވިއެވެ. ބިލުގެ މަގްސަދަކީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު އިތުރު ކުރުން ކަމަށާ އެހެން ކަމުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އުޝާމް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 231 ވަނަ މާއްދާގައި ކައުންސިލްތަކުގައި ތިއްބަވަންވާނީ ރައްޔިތުން އިންތިހާބުކޮށްފައިވާ ކައުންސިލަރުން ކަމަށް ސާފުކޮށް ބުނާއިރު، އެ ނޫން ގޮތަކަށް އެކަން ކުރެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކަމަށް އުޝާމް ވިދާޅުވިއެވެ.
ގާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ނުރައްކާތެރިކަމެއް ކަމަށާ ނަޝީދު ވިދާޅުވެފައިވާތީ އެކަމަށްވެސް އުޝާމް ވަނީ ރައްދުދެއްވާފައެވެ. އުޝާމް ވިދާޅުވީ ގާނޫނު އަސާސީގައި ވަކި ގޮތަކަށް ކަމެއް ބަޔާންކޮށްފައިވަނިކޮށް މަޖިލީހަށް ހުށައަޅާ ފާސްކޮށްލާ ބިލަކުން އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބައެއްގެ ދައުރު ދިގު ކުރާނަމަ އެއީ މާ ނުރައްކާތެރި ކަމެއް ކަމަށެވެ.
އެހެންވީމަ އާންމު ގާނޫނަކުން އެކަން ކުރާނަަމަ ދެން އަންނަ ބަޔަކުވެސް އެކަން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާ އެއީ ގާއިމްކުރާ މާ ނުރައްކާތެރި އުސޫލެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
"...އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުން މިހާރު ހުށައަޅާފައިވާ ދެ ބިލާއެކު ކުރިއަށް ގޮސްގެން ކަމަށް މި މައްސަލަ ފުރިހަމައަށް ހައްލު ކުރެވޭނީ."
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލީހުން މިހާރު ކުރަމުންދަނީ ކުރަންޖެހޭ ބަހުސްތަކެއް ނޫނެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، މެންބަރުން އެކި ދުވަހު އެކި ރާގަށް ދައްކާ ވާހަކަތަކުން ސަރުކާރުން ބޭނުންވާ ހަގީގީ ގޮތަކީ ކޮބައިކަމެއްވެސް އަދި ގާނޫނީ ގޮތުން މިކަން އޮންނަ ގޮތް ބައެއް މެންބަރުންނަށް އެނގިވަޑައިގަންނަވާ މިންވަރާމެދުވެސް ސުވާލު އުފެދޭ ކަމަށެވެ.
ޝިޔާމްވެސް ވިދާޅުވީ ކައުންސިލް އިންތިހާބުގެ މައްސަލައާ ގުޅިގެން އެކަން ހައްލުކުރުމަށް ސަރުކާރުން ދެ ބިލެއް މަޖިލީހަށް ހުށައަޅާފައިވަނިކޮށް، ސަރުކާރުގެ މައި ޕާޓީގެ ޗެެއާޕާސަން މެދުވެރިކުރައްވާ އިތުރު ބިލެއް ހުށައަޅަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އަމުދުން ގާނޫނު އަސާސީއާ ހިލާފް ނިންމުމެއް ނިންމަން މަޖިލީހަށް އެމްޑީޕީގެ މެންބަރަކު ބިލެއް ހުށައެޅުމުން އިތުރަށް ސުވާލު އުފެދޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"...ހަސަން ލަތީފްގެ ބިލް ގާނޫނު އަސާސީއާ ހިލާފް ކަމަށް އަޅުގަނޑުވެސް ދެކެނީ. އަނެއްކޮޅުން އެމްޑީޕީގެ ދެ މެންބަރަކު ދެ ބިލެއް ހުށައަޅާފައިވަނިކޮށް އިތުރު ބިލެއް މި އައީ، އަދި ބައެއް މެންބަރުން މީގެ ކުރިން ވަނީ ކައުންސިލަރުންގެ މުއްދަތު ހަމަވުމުން އެ ކައުންސިލަރުން ބައިތިއްބަން އަދި ރައީސް ކައުންސިލަރުން އައްޔަންކުރަންވެސް ވާހަކަ ދައްކަވާފައި. މިއީވެސް މުޅިންވެސް ސަރުކާރުގެ މައި ޕާޓީއަށް ނިސްބަތްވާ މެންބަރުން. އެހެންވީމަ ކުރައްވަން އެ އުޅުއްވަނީ ކޮންކަމެއް ކަމެއް ނޭންގޭ. ސަރުކާރުގެ މިސްރާބަކީ ވިސްނުމަކީ ކޮބައިކަމެއް ނޭންގޭ. އަޅުގަނޑަށް ހީވަނީ މި އުޅެނީ ގާނޫނު މާނަކުރުމުގެ މައްސަލައެއްވެސް އެ ބޭފުޅުންނަށް ދިމާވެގެންހެން."
ޝިޔާމް ވިދާޅުވީ މިހާރު އޮތް މައްސަލައަށް ހަގީގީ ފަރުވާ އޮތީ ސުޕްރީމް ކޯޓްގައެވެ. މިހާރު މި އޮތީ ގާނޫނީ ފުސްކަމެއްގެ ތެރޭގައި ކަމަށާ އެކަމަށް ބޭހެއް ދެވެން އޮތީ ސްޕްރީމް ކޯޓަށް ކަމަށެވެ. ނަމަވެސް މަޖިލީހަށް ހުރިހާ ބާރުތައް ޖަމާކުރުމަށް ބަޔަކު ފަށާފައިވާ މަސައްކަތުގައި މިކަންވެސް މަޖިލީސްތެރެއިން ނިންމަން ބޭނުންވަނީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"..މިސާލަކަށް ދައުރު ދިގުކުރަން ގާނޫނު އަސާސީއަށް ބަދަލު ގެންނަންވީ. އެކަން މަޖިލީހަށް ކުރެވޭނެ. ނަމަވެސް މިހާރު އިންތިހާބު ބޭއްވުމަށް މި އޮތް މުއްދަތު ސުޕްރީމް ކޯޓަށް ވަޑައިގެން ފަސްކޮށްލެވިދާނެ. އެކަން އެގޮތަށް ނުކުރަންވީ ކީއްވެގެންތޯ."
ރާއްޖެ މިހާރު އޮތް ހާލަތުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހިފައިވާއިރު ސަރުކާރުން ހުށައެޅި ދެ ބިލް ދޫކޮށްލާ މަޖިލީހުން އެހެން ގޮތްތަކެއް ހޯދަން މަސައްކަތް ކުރުމަކީ ސަރުކާރަށް އެކަމުން އެތައް އުނދަގޫތަކެއްވެސް ކުރިމަތިވާނެ ކަމެއް ކަމަށް ބައެއް މެންބަރުން ދެކެއެވެ.
އަދި ގައުމަށް އުނދަގޫ، ހައްސާސް މިވަގުތު މަޖިލީހުގެ ބާރު ދައްކާ، ތަފާތު ޑްރާމާތަކާއި ބަހުސްތަކުގައި ވަގުތު ބޭކާރުނުކޮށް ގާނޫނީ ދާއިރާގެ ބޭފުޅުންގެ މަޝްވަރާގެ މަތިން އަވަސް ނިންމުންތަކެއް ނިންމަންޖެހޭ ކަމަށްވެސް އެ މެންބަރުން ދެކެވަޑައިގަންނަވައެވެ.