ރިޕޯޓް

ހިސާން ބިލު: ސާފުކޮށް ނުލިޔެ ފޮރުވަނީ ކޮންކަމެއް؟

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ބިލެއް ހުށައަޅާފަ އެވެ. އެއީ ސަރުކާރުގެ ބިލެކެވެ. މިހާރު "ހިސާން ބިލު" ގެ ގޮތު މަޝްހޫރުވެފައިވާ ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ހުށަހަޅާފައިވެ އެވެ. ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށައަޅާފައި ވެއެވެ.

މި ބިލް ހުށައެޅުމާއެކު ބިލްގެ ހަގީގީ މަގުސަދާއި ބިލު ފާސްކޮށް ގާނޫނަކަށް ވެއްޖެނަމަ އެކަމުން ނުކުމެދާނެ ވަރަށް ނުރައްކާތެރި ބޮޑެތި މައްސަލަތަކެއް ހުންނާނެ ކަމަށް އެތައް ބަޔަކު ގެންދަނީ ބުނަމުންނެވެ. "ހިސާން ބިލާ" ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަވަނީ ދީނުގެ އިލްމު ލިބި ވަޑައިގެންފައިވާ ބޭފުޅުންނެވެ. ބިލް މިހާރު ފަރުމާ ކޮށްފައިވާ ގޮތާއި މާއްދާތަކުގައި އިބާރާތްތައް ބޭނުން ކޮށްފައިވާ އޮތްގޮތާމެދު އިލްމުވެރިން ވަރަށް ބޮޑަށް ސުވާލު އުފައްދަ އެވެ.

މުސްލިމަކަށް ނިސްބަތްކޮށް ކާފަރޭ ބުނުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ؛ އެކަން ކަނޑައަޅާ އެކަކު އަނެއް ކަކަށް ނިސްބަތް ކުރުމުގެ ފުރުސަތު އޮވެގެން ވެސް ނުވާނެ އެެވެ. ނަމަވެސް ބިލުން ހުއްޓުވަން އުޅެނީ އެކަން ނޫން ކަމަށް އެތައް ބަޔަކު ދެކެއެވެ. އަދި އެ ގާނޫނު ގެނައުމުގައި އޮތީ އެ އިހުލާސްތެރިކަން ނޫން ކަމަށް ވެސް ދެކެއެވެ. މި މައްސަލާގައި ވާހަކަ ދައްކަވާ ހުރިހާ އިލްމުވެރިން ވެސް ވިދާޅުވާ ވާހަކައަކީ އެއީ އެވެ.

ނަފުރަތުގެ އަމަލު ހިންގުން މި ބާބުގެ ކުށް ކަނޑައެޅުމުން ބަޔާން ކޮށްފައިވާ 24 ވަަނަ މާއްދާގެ އަކުރު (ހ) ގެ ފުރަތަމަ ނަންބަރުގައި ބުނެފައިވާ އޮންނަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމުގައި ތުހުމަތު ކުރުމެވެ. އެ މާއްދާގައި ބުނާ ގޮތުން އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކާ ދިމާއަށް ވެސް އެހެން ބުނުމަކީ ކުށަކަށް ވާނެ އެވެ. މި އިސްލާހުގެ މަގުސަދާއެކު އިލްމުވެރިންނާއި އާންމުން ވެސް އެންމެ ބޮޑަށް ސުވާލު އުފައްދަނީ މި ސަބަބާއި ގުޅިގެންނެވެ.

ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމުގައިވީ ނަމަވެސް އަދި އެ މަފުހޫމް ދެމެހެއްޓުމަށް ގާނޫނު އަސާސީގައި ކިތަންމެ ގިނަ މާއްދާއެއް ހިމެނި ނަމަވެސް ދިވެހިންގެ ތެރޭގައި ފާޅުގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުން އެބަތިއްބެވެ. އެފަދަ ލިޔުންތަކާއި ރިޕޯޓްތައް ނެރެ ބައިނަލްއަގްވާމީ މުޖްތަމައުގައި ވިއްކާ މީހުން އުޅެއެވެ. އެފަދަ މީހުންނަށް ހިތްވަރުދީ އެ މީހުންގެ މަސައްކަތަށް ތާއީދު ހޯދާ ރައްކާތެރިކަން ދެވޭތޯ ބަލާ ބަޔަކު ވެސް އެބަ ތިއްބެވެ. އޭގެ ތެރޭގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި އެތައް ބަޔަކުވެސް ހިމެނެއެވެ.

ނަމަވެސް ދިވެހި ރައްޔިތުންގެ ބޮޑު މެޖޯރިޓީ ނުވަތަ ބޮޑު ފަޅި އޮތީ ރާއްޖެއިން އެފަދަ ކަންކަމަށް އަދި އެފަދަ މީހުންނަށް ވެސް ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. ދީނާ ހިލާފު ލާދީނީ ފިކުރުތައް މުޅި މުޖްތަމައުން އެކީ އެކަށް ފުހެލަން ދިވެހިން ބޭނުން ވެއެވެ. އެކަންކަން ފަތުރާ އެކަންކަމަށް ހިތްވަރުދޭ މީހުންނަށް އެ ފުރުސަތު ނުދޭނެކަަމަށް ސާފުކޮށް ދިވެހިން ބުނެ އެވެ.

މާތް ނަބިއްޔާ އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ހަރުކަށި، ލާދީނީ ޖަމާއަތަކުން ނެރުނު ރިޕޯޓަކާ ގުޅިގެން މުޅި ރާއްޖެ އެ ޖަމާއަތާއި ދެކޮޅަށް ތެދުވެ ދެއްކި ހިތްވަރަކީ އޭގެ ސާފު މިސާލެކެވެ. ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށް މަޖުބޫރު ކުރުވައިގެން އެ ޖަމިއްޔާ އުވާލާ ހިސާބަށް ގެންދިޔަ އެވެ. ނަމަވެސް އަދިވެސް މުޅި އެ ޖަމާއަތުގެ ހަރަކާތްތައް ހުއްޓޭ ގޮތެއް ނުވެއެވެ. އެކި ގޮތްގޮތުން އެކި ދިމަދިމާއިން ވާގި ހޯދައިގެން ތެދުވެވޭތޯ އެ ދަނީ މަސައްކަތް ކުރަމުންނެވެ.

އެހެން އެކަން ވެފައިވަނީ ދައުލަތުގެ އެކި މަގާމުތަކުގައި އެ ޖަމާއަތަށް އެކި ގޮތްގޮތުން ވާގިވެރިވާ ބަޔަކު ތިބީމައެވެ. ފާޅާއި ސިއްރުގައި އެ މީހުންގެ މަސައްކަތްތައް ދިފާއު ކުރާ ބަޔަކު އުޅޭތީ އެވެ. މިފަދަ ހާލަތެއްގައި އެފަދަ މީހުންނާ ދެކޮޅަށް ވާހަކަ ދެއްކުން ދިވެހީންގެ މައްޗަށް މަނާކުރާ ގާނޫނެއް ގެންނަން ސަރުކާރުން ހިފާލީމަ އެކަން ބަލައިގަންނަން ދަތިވަނީ އެވެ. އަދި އެއީ ނަފްރަތު އުފެއްދުން ހުއްޓުވުމުގެ ނިޔަތް އޮވެ ކުރާ ކަމެއް ނޫން ކަމަށް ސާފުކޮށް ތުހުމަތު އުފެއްދުމުގެ ފުރުސަތު ލިބެނީއެވެ.

ބިލު ހުށައެޅީ އެއްވެސް މަަޝްވަރާއެއް ނެތި

ސަރުކާރުން މެންބަރު ހިސާން މެދުވެރިކޮށް ހުށައެޅި ބިލްގެ މައްސަލަ ހޫނު ވެފައި ވާއިރު އަދި އެ ބިލާ ދެކޮޅަށް އެތައް ބަޔަކު ތެދުވެ ވާހަކަ ދައްކަމުން ދާއިރު މިފަދަ ބިލެއް ހުށައެޅުމުގައި ކަމާބެހޭ އެއްވެސް އިދާރާއެއްގެ މަޝްވަރާއެއް ހޯދާފައި ނުވާކަން ވަނީ ހާމަވެފައެވެ. ރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ހުރިއިރު މިފަދަ ބިލެއް މަޖިލީހަށް ދިއުމުގެ ކުރީން އެ މިނިސްޓްރީގެ ހިޔާލާއި މަޝްވަރާ ހޯދަން ޖެހެއެވެ. ނަމަވެސް އެކަން އޮތީ ނުކޮށެވެ. މިނިސްޓްރީން އެކަން ކަށަވަރުކޮށް ދެއެވެ.

ފިގުހު އެކަޑަމީގެ މަޝްވަރާ އާއި ހިޔާލު ހޯދާފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ބިލްގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އިސްލާމިކް މިނިސްޓަރު އިސްވެ ފިގުހު އެކަޑަމީގެ ލަފަޔަކަށް އެދިވަޑައިގެންނެވި އެވެ. ބިލް ދިރާސާ ކުރުމަށް ފަހު ފިގުހު އެކަޑަމީން ބުނެފައި ވަނީ ބިލްގައި ދިވެހިންގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ހިލާފު ކަންކަން ހިމެނެ އެވެ. އަދި ދީނާ ފުށުއަރާ ކަންތައްތަކެއް ބިލްގައި ވެއެވެ.

އެކަންކަން ބަޔާންކޮށް ފިގުހު އެކަޑަމީން ވަނީ އިސްލާމިކް މިނިސްޓަރު އެދިވަޑައިގަތް އެދިވަޑައިގަތުމާއި ގުޅިގެން ސިޓީއަކުން އަންގާފަ އެވެ. މިނިސްޓަރު ވެސް އެކަން ޔަގީން ކޮށްދެއްވަ އެވެ. ފިގުހު އެކަޑަމީގެ ވިސްނުން މަޖިލީހާ ހިއްސާ ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީތަކުން ވެސް ދަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އަދި މިފަދަ ބިލެއް ގެނައީ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް ވެސް ޕާޓީތަކުން ބުނެއެވެ. ޕާޓީތަކުން އެ ވާހަކަ ދެއްކީ އެއީ ކޯލިޝަން ޕާޓީތަކުގެ ތާއީދު އޮތް ބިލެއް ކަމަށް ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރެއްވުމުންނެވެ. މިދިއަ ހޯމަ ދުވަހު އޮތް ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ބިލް މަޖިލީހަށް ގެންދިޔައީ އަދާލަތު ޕާޓީ އާއި އިލްމުވެރިންގެ ވެސް ރުހުން އޮވެގެނެވެ.

އެ ވާހަކަތައް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ރަސްމީކޮށް ދޮގު ކުރި އެވެ. އަދި އެމްއާރްއެމްގެ އޮފިޝަލަކު ވެސް އެކަން ދޮގުކުރެއްވި އެވެ.

ތިން ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ އެ ބިލާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައެވެ. އެ ބޭފުޅުން ވިދާޅުވަ ގޮތުގައި ކޯލިޝަންގެ ތިން ލީޑަރުން ވެސް ބިލާ ދެކޮޅެވެ. ބައެއް ލީޑަރުން އެ ވާހަކަ ރައީސް އަރިހުގައި ދަންނަވާފައިވާ ކަމަށްވެސް ވެއެެވެ.

އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވަނީ ބަޔާނެއް ނެރެ ބިލާ ދެކޮޅުކަން ސާފުކޮށް ބަޔާން ކޮށްފައެވެ. ޖުމްހޫރީ ޕާޓީން ދެކޭ ގޮތުގައި ސަރުކާރު ދެމި އޮންނަން އެދޭ އެއްވެސް މީހަކު ބިލާ އެއްކޮޅެއް ނުވާނެ އެވެ. ސަރުކާރު ދެމި އޮތުމާއި ބިލާ ގުޅުވައި ޖުމްހޫރީ ޕާޓީން ބުނީ އެއީ އެހާވެސް ނުރައްކާ ބިލެކެވެ. އަދާލަތު ޕާޓީން ވެސް ވަނީ ބިލްގައި ހުރި އެތައް މައްސަލަތަކެއް ފާހަގަ ކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާ އެކި ޕްލެޓް ފޯމްތަކުގައި އެޕާޓީގެ ރަސްމީ އެކައުންޓްތަކުން ދަނީ އެ ބިލާ ދެކޮޅަށް ވަރުގަދަ ކެންޕެއިނެއް ކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ކައުންސިލްތަކުން ވެސް ދަނީ ބިލް ފާސް ކުރުމާއި ދެކޮޅަށް ބަޔާންތައް ނެރެމުންނެވެ. ރެއާއި ހަމައަށް 67 ކައުންސިލަކުން ވަނީ ބަޔާން ނެރެފައެވެ. ފުވައްމުލަކު ސިޓީގެ އެމްޑީޕީގެ މޭޔަރު ހިމެނޭހެން އިތުުރު ތިން ކައުންސިލަރަކު ވަނީ ކައުންސިލްގެ އަޣުލަބިއްޔަތު ނުލިބުމުން އަމިއްލައަށް ވެސް ބަޔާން ނެރެ ބިލާ ދެކޮޅުކަން ހާމަ ކޮށްފަ އެވެ. އެ ހުރިހާ ބަޔާންތަކެއްގައި އެއީ ދީނާ ހިލާފު ވާހަކަތައް ދައްކާ، ފަތުރަމުންދާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ގެންނަ ގާނޫނެއް ކަމަށް ބުނެފައި ވެއެވެ.

މީގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ބިލާ ދެކޮޅު ހައްދަވާފައެވެ. އެމްޑީޕީގެ ހަތަރު މެންބަރުންވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އެ މެންބަރުންވެސް ވަނީ ބިލުގެ ހަގީގީ މަގުސަދާމެދު ވަރަށް ބޮޑަށް ސުވާލު އުފަައްދަވާފައެވެ. އަދި އެމްޑީޕީގެ ދީނީ ގޮފީގެ ހަރަކާތް ހުއްޓި މެންބަރުން އިންތިހާބުކުރަން ޖެހިފައިވާއިރު އެކަން ކުރުން ބުއްދިވެރި ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވަރަށް ފާޅުގައި އެ ބިލާ ދެކޮޅު ހެއްދެވިއެވެ.

ބިލް، އާންމުންގެ ހިޔާލަށް

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ހުށައަޅާފައިވާ ބިލްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިހާރު ވަނީ ފަށާފަ އެވެ. އަންގާރަ ދުވަހުގެ ރޭ އެ ކޮމެޓީގެ ފުރަތަމަ ބައްދަލްވުން އޮތެވެ. އެ ބައްދަލްވުމުގައި ނިންމާފައި ވަނީ ބިލަށް ބައެއް އިދާރާތަކުގެ ހިޔާލު ހޯދާށެވެ.

އެ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާއި ހިއުމަންރައިޓްސް ކޮމިޝަންގެ ހިޔާލު ހޯދަން ނިންމި އެވެ. އިތުރު އިދާރާތަކާއި ޖަމިއްޔާތަކުގެ ހިޔާލު ނުހޯދާ ބިލްގެ މަސައްކަތް އަވަހަށް ނިންމަންވެސް މެންބަރަކު ހުށައެޅުއްވިއެވެ.

އޭގެ ފަހަށް ބުދަ ދުވަހުގެ ރޭ މަޖިލީހުގެ އިދާރާއިން ވަނީ އެ ބިލް އާންމުންގެ ހިޔާލަށްވެސް ހުޅުވާލާފައެވެ. ކޮމެޓީން އަމާޒު ހިފާފައިވަނީ މި މަހުގެ ކުރީން ބިލްގެ މަސައްކަތް ނިންމާށެވެ.

މެންބަރު ހިސާންގެ އިސްލާހުތަކާމެދު ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ސޯޝަލް މީޑިއާގައި އެތައް ޝުއޫރުތަކެއް ބަނޑުން ކޮށްލާފައި ވަނިކޮށް ފެންޖަހައި ފިނިކޮށްލަން ސަރުކާރުން ބަޔާނެއް މެދުވެރިކޮށް އިތުރު ބިލެއް ހުށައަޅަން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާއިރު އެ ބިލާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެއީ މި މަހުގެ ފުރަތަމަ ދުވަހު އެ އޮފީހުން ބުނި ވާހަކަ އެކެވެ.

ސަރުކާރު ބުނާ ގޮތުން މި ބިލް ހުށައެޅުމުގެ ބޭނުމަކީ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލު ކޮށްދީ އެ ކުށުގެ އަމަލުތަކުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނާ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް އެ މާއްދާގައި ބަޔާން ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުއް ގެނައުމެވެ. އެ ގޮތުން މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތަައުހީނު ކުރުމުގެ -- ފުރައްސާރަ ކުރުމުގެ -- ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރުމަށް އެ ބިލްގައި ހުށައަޅާފައިވާނެ އެވެ.

ނަމަވެސް އޭގެ ފަހަށް އެ ބިލްގެ ހަބަރެއް އަދި ނެތެވެ. "ހިސާން ބިލް" ގެ މަަސައްކަތުގެ ކޮމެޓީ މަރުހަލާގައި ބާރަށް ކުރިއަށް ދަނީއެވެ.

މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ބިލް ފާސްކުރާނެ ކަމަށްވެސް ބައެއް މެންބަރުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެކަން އެގޮތަށް ކޮށްފިނަމަ އެކުރެވެނީ ރައްޔިތުންގެ ވިންދާ ދެކޮޅު ކަމެކެވެ. އެކަމުގެ ސަބަބުން ދެން ނިކުންނާނެ ނަތީޖާ މާބޮޑަށްވެސް ގޯސްވެދާނެ އެވެ. އެއީ ރާއްޖޭގައި މީހުން ކާފަރު ކުރުން އިތުރުވެ އެކަން އިތުރު ހަރުފަތަކަށް ހިނގައިދާނެ ކަމުގެ ބިރެވެ. އަދި އެފަދަ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފިނަމަ ހަރުކަށިކަން ބޮޑުވެ އިތުރު ގޯސްތަކެއް ފެނުން ގާތްވުމުގެ ކަންބޮޑުވުމެވެ.

އެއްވެސް މީހަކު ކާފަރު ކުރުމަކީ އަނެކަކަށް އޮތް ހައްގެއް ނޫނެވެ. ނަމަވެސް ފާޅުގައި ދީނުގައި ދެކޮޅު ހަދާ އޭނާ އަމިއްލައަށް ކާފަރެއް ކަަމަށް އިއުލާނު ކުުރުމުން ވެސް އެފަދަ މީހަކާ ދިމާއަށް ކާފަރެކޭ ބުނެގެން ކުށްވެރިވާ ގޮތަށް ގާނޫނެއް ހެދުމުގައި އެހެން ނިޔަތެއް އޮންނާނެ އެވެ. އޭރުން އެނގިގެން ނަމަވެސް ނުވަތަ ނޭންގި ނަމަވެސް ހިތްވަރު ދެވެނީ ދީނާ ދެކޮޅު މީހުނަށެވެ. އެ މީހުންގެ އަމަލުތަކަށެވެ.

އެހެންވީމަ މި ބިލް ފާސްވެ ގާނޫނަށް ވެގެން އަންނައިރު ސާފުކޮށް އެކަން ލިޔާން ޖެހެއެވެ. މިހާރު މާއްދާ އެ އޮތްގޮތް ބަދަލު ކުރަން ޖެހެއެވެ. ބިލްގެ ހަގީގީ ބޭނުމަކީ އަދި މަގްސަދަކީ ނަފްރަތު އުފެއްދުން ހުއްޓުވުމާއި މުސްލިމަކަށް ކާފަރޭ ބުނުން ހުއްޓުވުން ކަމަށްވާނަމަ ސާފުކޮށް އެކަން ލިޔާން ފަސްޖެހެންވީ ސަބަބެއް ނެތެވެ. އެހެން ނުލިޔާން ދައްކާ ކޮންމެ ބަހަނާއަކީ ދީނާ ދެކޮޅު އަދުއްވުންނަށް ދެވޭ ހިތްވަރެކެވެ.