މަޝްރޫއުތައް އިފްތިހާހު ކުރުމުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސަރުކާރުގެ ވެރިން ރަށްރަށަށް ދަތުރުތައް ކުރައްވައިގެން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭނު ކުރައްވަމުން ގެންދަވާއިރު، ކޮވިޑް-19 އިގެ ފިޔަވަޅުތައް ކަމަށް ބުނެ އިދިކޮޅަށް އެ ފުރުސަތު ނުދޭކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކޮށްފި އެވެ.
މިދިއަ ހަފްތާގައި ރައީސް ސޯލިހު ލ. ގަމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާފައިވާއިރު، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ސޯލިހާއި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން، ރަސްމީ ދަތުރުފުޅުތަކުގެ ނަމުގައި ކުރަމުންދާ ދަތުރުފުޅު ތަކަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ދަތުރުތަކެއް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ވާދަވެރި ސިޔާސީ ޕާޓީއަކަށް ވެ ތިބެ އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގެ އެއްވެސް ރަށަކަށް ނުވެސް ދެވިގެން މިއުޅެނީ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނަށް ވީ ބަޔަކު ގޮވައިގެން ރާއްޖޭގެ ރަށްތަކަށް ގޮސް ކެމްޕެއިންގައި އުޅުއްވާތަން މިފެންނަނީ،" ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވައި ޝިޔާމް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ކޮވިޑް-19 އިގެ ނިވަލުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބޭނުންކޮށްގެން، ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށެވެ.
އަދި ސަރުކާރުން އެޗްޕީއޭ ބޭނުން ކުރަނީ ސިޔާސީ ޖަރީމާ ހިންގަން ކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވައިފަ އެވެ.
ޝިޔާމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވެސް މިއަދުގެ ޖަލްސާގައި ވަނީ އެ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުންވާ ބައެއް މެންބަރުންތަކެއް ގޮވައިގެން އަތޮޅު ތެރެއަށް ދަތުރުކުރެވޭ ކަމަށާއި، ނަމަވެސް އިދިކޮޅު މެންބަރުންނަށް އަމިއްލަ ދާއިރާތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ނުލިބޭ ކަމަށެވެ.
މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.
އިންތިހާބު އަންނަ އަހަރު މާޗު މަހު ބޭއްވުމަށް ނިންމާފައިވާއިރު، ކެމްޕޭނު ފުރުސަތު ދިނުމަށް އިދިކޮޅުން މީގެ ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އިންތިހާބު މިހާރު އިއުލާނުކޮށްފައި އޮތް ތާރީހަށް ނުބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައި އެވެ.