އަބްދުﷲ ޝާހިދު

ޝަރަފުވެރި މަގާމުގައި ޝާހިދު

Sep 21, 2021
1

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަ ކުރެވޭ ބޭފުޅެކެވެ. ދިވެހީންނަށް ހާއްސަ ބޭފުޅެއްވެސް މެއެވެ. އަދި ކުރިއަށް ވުރެ މާބޮޑަށް މިހާރު ޝާހިދު ހާއްސަވެއްޖެ އެވެ. އެއީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ 76 ރައީސެވެ. އާންމު މަޖިލީހުގެ ރިޔާސަތުގައި ކުރިއަށް އޮތް އަހަރު ދުވަހަށް އިންނަވާނީ އެމަނިކުފާނެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އާންމު މަޖިލީހުގެ 76 ސެޝަންގެ ރިޔާސަތާއި އެމަނިކުފާނު ހަވާލުވެވަޑައިގަތުމާއެކު ޝާހިދު ވެވަޑައިގެންފައިވަނީ އެފަދަ ޝަރަފުވެރި މަގާމަކަށް ވަޑައިގެންނެވި ފުރަތަމަ ދިވެއްސަށެވެ. އަދި ދިވެހި ގައުމު މިފަދަ ލެވެލްއެއްގައި ތަމްސީލުވާ ފުރަތަމަ ފަހަރު ވެސް މެއެވެ.

އާންމު މަޖިލީހަށް ރައީސަކު ހޮވަން މިދިޔަ ޖޫން މަހު ނެގި ވޯޓުގައި މިނިސްޓަރު ޝާހިދަށް 143 ވޯޓް ލިބިވަޑައިގަތެވެ. އާންމު މަޖިލީހުގައި ހިމެނޭ ބޮޑު އަދި ނުފޫޒު ގަދަ ގައުމުތަކުގެ ތާއީދު ރާއްޖެއަށް ދިނެވެ. އެއީވެސް މިނިސްޓަރު ޝާހިދާއި ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. ވަރަށް ބޮޑު ކާމިޔާބެކެވެ.

ދިވެހިންގެ ހާރިޖީ ސިޔާސަތު ރަނގަޅު ކަމުގެ ވަރަށް އަލިގަދަ ހެއްކެކެވެ. ރާއްޖެ އާއި ދުނިޔެ ގުޅިލާމެހިފައިވާ ކަމުގެ މުހިންމު ރަމްޒެކެވެ. އަދި އެއީ މިނިސްޓަރު ޝާހިދުގެ މަސައްކަތްޕުޅު ރަނގަޅު ކަމާއި ހަރުދަނާ ކަމުގެ ސާބިތު މިސާލެކެވެ. އެމަނިކުފާނު އެ މަގާމާއި ހަވާލުވެވަޑައިގެންއިރު ރާއްޖެ އޮތް ހާލަތު މަދު ދުވަސްތަކެއްގެ ތެރޭގައި ބަދަލުކޮށްލެވުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ.

އަބްދުﷲ ޝާހިދުގެ ކުރު ތައާރަފެއް
ދަރަވަންދޫގޭ މޫސާ ޖަމީލްގެ އަބްދުﷲ ޝާހިދު ނިސްބަތްވެ ވަޑައިގަންނަވަނީ ދިވެހި އަދަބާއި ސިޔާސަތުގެ އާއިލާއަކަށެވެ. ޖީލުލް އުސްތާޒު މުހައްމަދު ޖަމީލު ދީދީއަކީ މިނިސްޓަރުގެ ބޮޑުބޭބެ އެވެ. ރިހި ދުލުގެ ވެރިޔާ އިބްރާހިމް ޝިހާބަކީ ޝާހިދުގެ ބައްޕައާ ދެބެންގެ ދެދަރި ބޭފުޅެކެވެ. އޭގެ ފަހަށް ޝާހިދު ވަނީ މޮޅަށް ކިޔަވާ ވިދާޅުވެ އަދި މަތީ ތައުލީމް ހާސިލް ކުރައްވާ ރާއްޖޭގައި ވާހަކަ ދެއްކުމުގެ ގައުމީ ފުރަތަމަ އަދި ތާރީހީ މުބާރާތުން އެއްވަނަ ހޯއްދަވާފަ އެވެ.

ސްކޫލް ނިންމެވި ގޮތަށް އަބްދުﷲ ޝާހިދު ފުރަތަމަ ވަދެވަޑައިގެންނެވީ ވެސް ފޮރިން މިނިސްޓްރީއަށެވެ. އޮފީހުގެ "ޕިއޯނު" ކަމާއި ސިޓީ ޗާޕް ކުރުމާއި ފޮށިތަންމަތި ބެލެހެއްޓުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ރާއްޖޭގެ ހާރިޖީ ހަރުގަނޑުގެ އެންމެ ތިރިން މައްޗަށް ވަޑައިގެންނެވިއިރު މިހާރު އެއީ ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެވެ. ފޮރިން މިނިސްޓްރީ އަތުރާލާފައިވާ ގޮތާއި މެނޭޖްކުރާ ގޮތް ޝާހިދު ހިތުދަހެވެ. ފޮރިން މިނިސްޓްރީގެ އިންސްޓިޓިއުޝަނަލް މެމޮރީއަކީ ނޫނީ މުޅި މިނިސްޓްރީގެ ވަތުއޮޑިއަކީ ވެސް ޝާހިދެވެ. ހުުރިހާ ޒަމާނެއްގައި އުޅުއްވި ބޭފުޅުންނާއި މިހާރުގެ މުވައްޒަފުންގެ ޝުއޫރުތަކާއި އިހުސާސާއި ގޮތް ފޮތް ޝާހިދަށް ރީއްޗަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ދެ ފަހަރަށް ކުރައްވާފައިވާ ހަމައެކަަނި ބޭފުޅަކީ ޝާހިދެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި އެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

އދ ގެ މަޖިލީސް މެދުވެރިކޮށް މުޅި ދުނިޔެއަށް އުންމީދު ގެނެސްދޭން ޖެހޭ ކަމަށް ދެކެވަޑައިގެން ޝާހިދުގެ ކެންޕެއިން ބިނާ ކުރެއްވީ "އުންމީދުގެ ރިޔާސަތު" އެ ނަމަށެވެ. އަދި އެ "އުންމީދުގެ ރިޔާސަތު ބިނާކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށެވެ.

"އުންމީދުގެ ރިޔާސަތު ބިނާ ކުރަން ގަސްތުކުރީ އުންމީދުގެ ފަސް ދޯދީގެ މައްޗަށް. އެއްވަނަ ދޯދި އެއީ ކޮވިޑް ވަބާއިން އަރައިގަތުން. ދެވަނަ ދޯދި އެއީ ދެމެހެއްޓެނިވި ތަރައްގީ. ތިންވަނަ ދޯދި އެއީ ތިމާވެށީ ނުރައްކަލުން ދިމާވަމުންދާ ކަންތައްތަކާއި ކުރިމަތިލެވޭނެ ގޮތްތައް ހަމަޖެއްސުން. ހަތަރުވަނަ ދޯދި އެއީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން މަސައްކަތް ކުރުން. ފަސްވަނަ ދޯދި އެއީ އދ މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރުން. އެހެންވީމަ މި ފަސް ދޯދީގެ މައްޗަށް އަޅުގަނޑުގެ ރިޔާސަތު އެއީ 'އުންމީދުގެ ރިޔާސަތު' ބިނާވެގެން ދަނީ،" އަވަސްއަށް ކުރިން ދެއްވި އިންޓަވިއުގައި މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ރިޔާސަތުގެ 365 ދުވަހަކީ ނަތީޖާ ނެރެވޭ ދުވަސްތަކަަކަށް ހެއްފެވުމަށް މިހާރުވެސް އަމާޒު ކަނޑަޅުއްވާ ވަނީ މަސައްކަތް ފައްޓަވާއެވެ. އެންމެ އިސްކަން އޮތީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމެވެ. ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމެވެ. އެއީ ކުރެވޭ ބަހުސަކަށް ނުހައްދަވާ އަމަލުން އެކަން ދެއްކެވުމެވެ. ޝާހިދު ވިދާޅުވި ގޮތުގައި ޖިންސުގެ ހަމަހަމަކަން ނެތް އެއްވެސް ޕެނަލެއްގައި އެމަނިކުފާނު ނީންނަވާނެ އެވެ. އެކަން މިހާރު ވަނީ މުޅި ދުނިޔެއަށް އިއުލާނު ކުރައްވާފައެވެ. އެމަނިކުފާނުގެ އެ އިއުލާނަށް މުޅި ދުނިޔޭގެ ތައުރީފު އެބައޮތެވެ.

އަދި މޫސުމީ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމާއި ސުލްހަވެރި ދުނިޔެެއެއް ކަށަވަރު ކުރުން ފަދަ ކަންކަމަކީވެސް އެޖެންޑާގެ އެންމެ ކުރީގައިވާ ކަންކަމެވެ. މި ހުރިހާ މަސައްކަތްތަކާއެކު ކާމިޔާބު ނަތީޖާތަކެއް ނެރުއްވުމަށް ޝާހިދު ހުންނެވީ ތައްޔާރަށެވެ. އޭރުންވެސް ދިވެހިންނާއި ދިވެހި ގައުމު އިތުރަށް ފަހުރުވެރިކޮށްދެވުނީއެވެ.

ޝަރަފުވެރި މަގާމުގައި އިންނަވައިގެން ޝާހިދު ވެވަޑައިގަންނަވާނީ ދިވެހިން ފަހުރުވެރި ކޮށްދޭނެ ދިވެހި ދަރިއަކަށެވެ.