ލެ ޓިން އެމެރިކާގެ ގައުމެއް ކަމަށްވާ މެކްސިކޯގެ އާބާދީ އަކީ 130 މިލިއަން މީހުންނެވެ. ތަފާތު ސަގާފަތްތަކުގެ މީހުން ދިރިއުޅޭ މެކްސިކޯ އަކީ މުއްސަދި ތާރީހެއް އޮތް ގައުމެކެވެ. ގުދުރަތީ ވަސީލަތްތައް ގިނަ ގައުމެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި 15 ގައުމުގެ ތެރޭގައި ވެސް މެކްސިކޯ ހިމެނެ އެވެ.
ލެޓިން އެމެރިކާ ސަރަހައްދުގައި ދެވަނަ އަށް އެންމެ ބޮޑު އިގްތިސޯދެއް އޮތީ ވެސް މެކްސިކޯގަ އެވެ. ބައިނަލްއަގްވާމީ ވިޔަފާރި އަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މެކްސިކޯ އަކީ ވަރުގަދަ މާލީ އިދާރާތަކެއް ގާއިމުކޮށްފައިވާ ގައުމެކެވެ.
ދިވެހިރާއްޖެ ފަދައިން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމުގައިވާ މެކްސިކޯއާއި އެކު ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 15، 1975 ގައެވެ. ދެ ގައުމުގެ ގުޅުމަށް މިއަހަރު 46 އަހަރު ވާނެ އެވެ. ނަމަވެސް މިގުޅުން ވަރުގަދަކުރުމަށް ހަރުދަނާ މަސައްކަތްތަކެއް މިދިޔަ ބައިގަރުނުގެ ތެރޭގައި ކުރެވިފައެއް ނުވެ އެވެ.
އެހެންވެ މެކްސިކޯ އިން ދިވެހިރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ފެޑެރީކޯ ސަލަސްގެ އަމާޒަކީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމެވެ. ތަފާތު ދާއިރާތަކުން ދިވެހިންނަށް ވީހާވެސް ގިނަ ފުރުސަތުތައް ފަހިކޮށްދީ ރާއްޖެއަށް އެހީތެރިވުމަށް ސަފީރު ހުންނެވީ ތައްޔާރަށެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިމަހުގެ އަށްވަނަ ދުވަހު މަގާމުގެ ފަތްކޮޅު އެރުއްވުމަށްފަހު މެކްސިކޯ ސަފީރު ވަނީ އަވަސް އަށް ހާއްސަ އިންޓަވިއުއެއް ދެއްވާފަ އެވެ. ތިރީގައި އެވަނީ މެކްސިކޯގެ ސަފީރު ދެއްވި އިންޓަވިއުގެ ހުލާސާ އެކެވެ.
އެންމެ ފުރަތަމަވެސް އަވަސް އަށް މިފަދަ ފުރުސަތެއް ދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއަށްފަހު އެންމެ ފުރަތަމަ ވެސް އޮޅުންފިލުވާލަން ބޭނުންވަނީ މިއީ މަނިކުފާނު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުތޯ؟
އާދެ. އަޅުގަނޑަށް ވެސް މިފުރުސަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ސުވާލުގެ ޖަވާބުގައި ދެންނެވޭނީ މިއީ އަޅުގަނޑު ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް. ރައްޖެ އާދެވުނީމަ ވަރަށް އުފާ ވެއްޖެ. އެކަމަކު އަދި ފުރުސަތު ލިބުނީ ހަމައެކަނި މާލެ އަދި ހުޅުމާލޭގައި ވަގުތު ހޭދަކޮށްލަން. އެކަމަކު މި ދެތިން ދުވަސްތެރޭ ވަރަށް ގިނަ ތަފާތު ކަންކަން ފާހަގަކުރެވިއްޖެ. އަދި ތަފާތު ތަންތަނަށް ދެވިއްޖެ. މިއީ ވަރަށް ރީތި ގައުމެއް.
ރާއްޖެ-މެކްސިކޯ ސިޔާސީ ގުޅުން ގާއިމުކުރިތާ 46 އަހަރު މިވަނީ. ދެ ގައުމުގެ ގުޅުމާމެދު މަނިކުފާނު ވިދާޅުވާނީ ކީކޭތޯ؟
ރަނގަޅަށް ތިވިދާޅުވީ. މި އަހަރު 46 އަހަރު ހަމަވާނެ ސިޔާސީ ގުޅުން ގާއިމު ކުރިތާ. އަޅުގަނޑު ދެކޭ ގޮތުގައި މިހާރު މިތިބީ މި ގުޅުން އިތުރަށް ބަދަހިކުރަން ޖެހިފައިވާ ހިސާބެއްގައި. ވޭތުވެދިޔަ ދުވަސްތަކުގައި ސިޔާސީ ގުޅުން ބަދަަހިކޮށްފައި ވިޔަސް، ދުރުގައި އޮންނަ ދެ ގައުމަށް ވާތީ ގުޅުންތައް އެހާ ހަރުދަނާކޮށް ކުރިއަށް ގެންދެވިފައި އޮތް ކަމަށް ބުނެވޭކަށް ނެތް. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި މިހާރު މިއީ މިގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރަން ރަނގަޅު ވަގުތެއް. މީގެ އިތުރުން މާލީ ގޮތުންްނާއި ސަގާފީ ގޮތުން އަދި ދެ ގައުމު ދޭތެރޭގައި މީހުން ދަތުރުކުރުން ފަދަ ގުޅުންތައް ބަދަހިކުރުމަކީ ކުރިއަށް ކުރަން ނިންމާފައިވާ މުހިއްމު ކަމެއް.
މެކްސިކޯ އަކީ ޖިއޮގްރަފީ ގޮތުން ރާއްޖެއާ ވަރަށް ދުރުގައި އޮތް ގައުމެއް. އެހެންކަމުން ރާއްޖޭގެ ކުރިއެރުމާއި ތަރައްގީއަށް މެކްސިކޯއަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ކޮން ގޮތަކަށްތޯ؟
ޖިއޮގްރަފީ ގޮތުން ބަލާއިރު އަސްލުވެސް ދެ ގައުމު ދުރު. އެކަމަކު މިޒަމާނުގައި ގައުމެއްގެ ދުރުމިނަކީ މުހިއްމު ކަމެއް ނޫން. މިހެން މި ދެންނެވީ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް އެއްވެސް އުނދަގުލަކާ ނުލާ އެތައް ބަޔަކު ދަތުރުކުރޭ. މިހާރު މިދަނީ ދެ ގައުމު ގުޅިގެން ކުރެވޭނެ ކަންކަން ބަލަމުން. އެއީ އަޅުގަނޑުގެ މި ދަތުރުގެ މައިގަނޑު އެއް ބޭނުމަކީ ވެސް. މައިގަނޑު ބޭނުމަކީ މަގާމުގެ ފަތްކޮޅު ރައީސްްއާއި ހަވާލުކުރުން. އެކަމަކު މި ދަތުރުގައި މައިގަނޑު ގޮތެއްގައި ބޭނުންވޭ ދެ ގައުމުގެ ގުޅުން ބަދަހިކޮށް ދެ ގައުމުން ވެސް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ފާހަގަކޮށް އެކަމާ ވާހަކަ ދައްކަން. އެގޮތުން ތިމާވެށްޓާ ބެހޭ ވާހަކަތަކާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކޭނެ މިސާލަކަށް.
ކޮވިޑް-19 ޕެންޑެމިކްގެ ކުރިން ރާއްޖެއާއި މެކްސިކޯއާއި ދެމެދު ވިޔަފާރީގެ މާބޮޑު މުއާމަލާތްތަކެއްް ކޮށްފައި ނުވިޔަސް ރަނގަޅު ވިޔަފާރީގެ ގުޅުމެއް މިވަގުތު އޮތް. މަގުސަދަކީ ޕެންޑެމިކުން އަރައިގަނެ އަނބުރާ އެފަދަ ގުޅުމެއް ގާއިމުކުރުން. އަދި މުސްތަގުބަލުގައި ދެ ގައުމަށް ފައިދާވާނެ ފަދަ އިންވެސްޓްމެންޓްތަކެއް ކުރުމާއި މެކްސިކޯއިން ރާއްޖެއަށް އެހީ ވެވޭނީ ކޮން ދާއިރާތަކަކުން ކަމާއި، އެހީވެވޭނީ ކިހިނެއްކަން ބަލާނަން.
މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގެ ތެރޭގައި ރާއްޖެއާ މެކްސިކޯގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަން ރާއްވަވާފައިވާ މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތަކީ ކޮބައިތޯ؟
އެންމެ ފުރަތަމަ ކުރަން ބޭނުންވެފައި ހުރި ކަންތައްތައް މިހާރު ފަށައިފިން. އެއީ ދެ ގައުމު ދޭތެރޭގައި މުއާމަލާތު ކުރުމާއި މުވާސަލާތު ކުރެވޭނެ ފަސޭހަ ގޮތްތައް ހުޅުވާލުން. އެގޮތުން ނިއުދިއްލީގައި ހުންނަ މެކްސިކޯގެ އެމްބަސީން އަޅުގަނޑާ ވާހަކަ ދެކެވޭނެ ގޮތާއި ދެ ގައުމުގެ އޮފިޝަލުންނަށް ކަންކަމާއި ގުޅިގެން ވާހަކަދެކެވޭނެ ނިޒާމެއް މިހާރު ވާނީ ގާއިމްކޮށްފައި.
އަޅުގަނޑު މިހާރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އާއި ވެސް ބައްދަލު ކޮށްފިން. މި ބައްދަލުވުމުގައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާ ކުރިން. އުއްމީދު ކުރަނީ މިއީ މުސްތަގުބަލުގައި ކުރެވޭނެ ކަމެއް ކަމަށް. މީގެ އިތުރުންވެސް ކުރަން ބޭނުން ގިނަ ކަންތައްތަކެއް އެބަހުރި. އެގޮތުން ފޮރިން މިނިސްޓްރީއާއި އެކު ވެސް ބައްދަލުވުމެއް ބޭއްވިން. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން ދެ ގައުމުގެ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތުތައް ދެވިދާނެ ގޮތާއި ބެހޭގޮތުން ވާހަކަ ދެކެވުނު. އެހެންކަމުން ކުރެވޭނެ ވަރަށް ބައިވަރު ކަންތައްް އެބަހުރި. އަދި އަޅުގަނޑު ދެކޭ ގޮތުގައި މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފަންޖެހޭނެ.
އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެފައިވާތީ އާއި އދ.ގެ ސެކިއުރިޓީ ކައުންސިލްގައި މެކްސިކޯ ހިމެނޭތީ މިނިސްޓަރު ޝާހިދުގެ ރިޔާސަތުގައި މެކްސިކޯ އިން ކިހާވަރެއްގެ އެއްބާރުލުމެއް ދެއްވާނަންތޯ؟
ޔަގީނުންވެސް [ޝާހިދަށް] އެހީތެރިވާނަން. މެކްސިކޯއިން އެ މަނިކުފާނުގެ ކެމްޕޭނަށް ވެސް ވަރަށް ބޮޑަށް ތާއީދު ކުރިން. އެ މަނިކުފާނަށް ވޯޓު ވެސް ދިނިން. ބޮޑު ތަފާތަކުން އެ މަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވުމުން އުފާވެސް ކުރަން. މެކްސިކޯ އަކީ އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރެއް. މިނިސްޓަރު ޝާހިދުގެ ރައީސް ކަމުގައި މެކްސިކޯއަށް ވެވެން އޮތް އެހީތެރިކަމެއް ވެދޭނަން. އަޅުގަނޑު ބޭނުން ވަނީ ކައުންސިލް އާއި ޖެނެރަލް އެސެމްބްލީގެ ދެމެދުގައި މަޝްވަރާތައް ހަރުދަނާ ކޮށްގެން ކުރަންޖެހޭ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސް މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުން. އެގޮތުން އިކުއިޓޯރިއަލްކޮށް ވެކްސިންތަކާއި ބޭސްތައް ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމާއި މިނޫންވެސް އިތުރު ސިއްހީ މައްސަލަތަކަށް ހައްލެއް ހޯދުމަށް ޖެނެރަލް އެސެމްބްލީއާއި ގާތުން ގުޅިގެން މަސައްކަތް ކުރުން ހިމެނޭ.
އަޅުގަނޑުމެންނަށް އެނގޭ މިނިސްޓަރު ޝާހިދު އދ. ރައީސްގެ މަގާމުގައި ހުންނަވައިގެން ކުރަން ބޭނުންވާ ކަންކަން އެބަހުރިކަން. އެހެންވެ އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭނަން. އިންޓަނޭޝަނަލް އެޖެންޑާގައި ކުރަންޖެހޭ ކަންކަމަށް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން. އެގޮތުން 2030 ވަނަ އަހަރުގެ އެޖެންޑާގެ އަމާޒަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތުގައި ގައުމުތަކުގެ އެއްބާރުލުން ހޯދާ މުޅި އދ. އެކީ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެކަމުން ރަނގަޅު ނަތީޖާއެއް ނެރެން މަސައްކަތް ކުރުން ހިމެނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިސްޓަރު ޝާހިދު ކުރި ކެމްޕޭން ގެ ޝިޔާރު "ޕްރެޒިޑެންސީ އޮފް ހޯޕް" އަކީ އަޅުގަނޑުމެންވެސް ގެންގުޅޭ ވިސްނުމެއް. އަދި އުންމީދު ކުރަނީ އެކަމުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް.
ދުނިޔޭގެ ގިނަ ބަޔަކަށް ރާއްޖެ އެނގެނީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި. އެހެންކަމުން މެކްސިކޯ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ ވަކި ހާއްސަ ކަންތައްތަކެއް އެބަހުރިތޯ؟
ޔަގީނުންވެސް ރާއްޖެއަކީ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއް. އަދި މެކްސިކޯ އިން ރާއްޖެއަށް ގިނަ ފަތުރުވެރިން އެތެރެވޭ. ކޮވިޑްގެ ކުރިން ރާއްްޖޭގައި މެކްސިކޯ ފަތުރުވެރިން ތަކެއް ރަނގަޅު އަދަދަކަށް ތިބި. ކޮވިޑާ ގުޅިގެން އެމީހުން އަނބުރާ މެކްސިކޯއަށް ދިޔަ ނަމަވެސް ގިނަ ބަޔަކު މިހާރު ތިބީ ޗުއްޓީ ހޭދަ ކޮށްލަން ރާއްޖެ އަންނަ ބޭނުންވެފައި. މީގެ ތެރޭގައި ހަނީމޫން ހޭދަކޮށްލަން އަންނަން ބޭނުންވެފައި ތިބި މީހުންވެސް ހިމެނޭ. އުންމީދު ކުރަނީ ވީހާވެސް އަވަހަށް އެމީހުންނަށް ރާއްޖެ އާދެވޭނެ ކަމަށް. މިކަމަށް ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. އެގޮތުން ދެ ގައުމު ދޭތެރޭ ދަތުރު ކުރުމަށް އިތުރު ލުއިތަކެއް ހޯދަން މަސައްކަތް ކުރުން ހިމެނޭ. މިދުވަަސްކޮޅު ދަތުރުފަތުރު ކުރުމަކީ އުނދަގޫ ކަމަކަށް ވުމުން އެމަށް ހައްލެއް ހޯދަން އެބަ ޖެހޭ.
މިހާރުވެސް މިދަނީ ރާއްޖެއަށް މެކްސިކޯއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން މަސައްކަތްތަކެއް ކުރަމުން. ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ޕްރޮމޯޝަންތަކެއް މެކްސިކޯގައި މިހާރުވެސް ކުރިއަށް އެބަދޭ. ރާއްޖެއަކީ އެންމެންވެސް އަންނަން ބޭނުންވާ މަންޒިލެއް. ދެ ގައުމު ދޭތެރޭ އިތުރަށް ގުޅުން ބަދަހިވެ، މެކްސިކޯ ރައްޔިތުންނަށް ރާއްޖެއާ ބެހޭ އިތުރަށް މައުލޫމާތު ލިބޭ ވަރަކުން ރާއްޖެ އަންނަ މެކްސިކޯގެ ފަތުރުވެރިންގެ އަދަދު އިތުރު ވާނެ ކަމަށް ގަބޫލުކުރެވޭ.
މެކްސިކޯގެ ސިއްހީ ދާއިރާ އަކީ މަތީ ފެންވަރުގައި ގުނާލެވޭ ގައުމެއް. އެމެރިކާއިން ވެސް ބައެއް ކުދިން މެޑިސިން ހަދަން މެކްސިކޯއަށް ދަތުރުކުރޭ. ރާއްޖޭގެ ދަރިވަރުންނަށް އެފަދަ ފުރުސަތުތަކެއް އެބަހުރިތޯ؟ އަދި މުސްތަގްބަލުގައި ދިވެހިންނަށް ސްކޯލާޝިޕްތަކެއް ހަމަޖައްސައިދެވިދާނެ ކަމަށް ފެނޭތޯ؟
ތިއީ މިހާރު ބަލަމުން ގެންދާ ކަމެއް. ތިކަމާ ގުޅޭ ގޮތުން މަޝްވަރާތައް ވެސް ކުރާނަން. ކުރިންވެސް ބުނި ގޮތަށް މިހާރު އެބަބަލަން ރާއްޖެއިން މެކްސިކޯއަށް ދަރިވަރުން ކިޔަވަން ފޮނުވޭނެ ގޮތްތައް. ހަމަ އެކަނި ސިއްހީ ދާއިރާއެއް ނޫން. މަތީ ތައުލީމު ބޭނުންވާ އިތުރު ދާއިރާތަކާއި ސްޕެޝަލައިޒް ވެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި މެކްސިކޯއިން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިވެހިންނަށް ފަހިކުރެވޭނެ މަގު ހުޅުވާލުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އަމާޒެއް.
މީގެ އިތުރުން މެކްސިކޯގެ ދަރިވަރުން ރާއްޖެ ގެނައުންވެސް މިކަމުގެ ތެރޭގައި ހިމެނޭނެ. މިހާރުވެސްް ރާއްޖޭގައި މެކްސިކޯގެ ރައްޔިތުން އަންނަނީ ވަޒީފާ އަދާކުރަމުން. ރިސޯޓުތަކުގެ މެނޭޖީރިއަލް މަގާމުތަކުގައާއި ރިސޯޓުތަކުގެ ޝެފުންގެ ގޮތުގައި މެކްސިކޯ ރައްޔިތުން ގެންދަނީ ރާއްޖޭގައި ވަޒީފާ އަދާކުރަމުން. އެހެންކަމުން ދެގައުމު ދޭތެރޭގައި ރައްޔިތުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކޮށް ވަޒީފާ އަދާކުރުން ފަހިކުރުމަކީ ރަނގަޅުކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަދި ދަރިވަރުންނަށް ކިޔެވުމުގެ ފުރަސަތު ފަހި ކޮށްދިނުމަކީ އެއަށްވުރެ މުހިއްމު އަދި ރަނގަޅު ކަމެއް ކަމުގައި ދެކެން. މިހާރު ވެސް ރާއްޖޭގެ ދަރިވަރުންނަށް ހިންގޭނެ ސްކޯލާޝިޕް ޕްރޮގްރާމްތަކެއް ހުންނާނެ. މުސްތަގުބަލުގައި އެ ޕްރޮގްރާމްތައް މިހާރަށް ވުރެ ބޮޑަށް ރާއްޖޭގައި އިޝްތިހާރު ކުރުމަކީ ކުރަން ނިންމާފައިވާ ކަމެއް. ރާއްޖޭގެ ދަރިވަރުން މި ޕްރޮގްރާމްތަކަށް އެޕްލައި ކުރަން ބޭނުންވާނަމަ އެ ފުރުސަތު އެބައޮތް.
ވަކިވެވަޑައިގަންނަވަމުން ވަކި ކަމެއް އިތުރަށް ފާހަގަކުރެއްވުމަށް ބޭނުންފުޅުވޭތޯ؟
ނިންމާލަމުން އިތުރުކޮށްލަން ބޭނުން ވަނީ ރާއްޖެ އާދެވުނީމަ ވަރަށް ހިތްހަމަ ޖެހިއްޖެކަން. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި. އެހެންކަމުން ވަރަށް އުފާވެއްޖެ. ކުރިއަށް ރޭވިފައި ހުރި އަދި ކުރަން ބޭނުން ވެފައިވާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ރާއްޖެއާއި ގުޅިގެން ގާތުން މަސައްކަތް ކުރަން ވަރަށް ބޭނުންވެފަ މިހުރީ. އަދި ދެ ގައުމު ދޭތެރޭ އޮތް ގުޅުން އަދި ރަހްމަތްތެރިކަން އިތުރަށް ވަރުގަދަ ކުރުމަކީ މުސްތަގުބަލުގައި ހަމަޔަގީނުން ވެސް ކުރާނެ ކަމެއް.