ރާއްޖެ ދަރުވާލައި ފޭރިގަންނާކަށް ނޫޅޭ!

ޗައިނާއާއެކު ދިވެހި ރާއްޖެ ހާރިޖީ ގުޅުމެއް ގާއިމުކުރިތާ ބައި ގަރުނު ހަމަވާންދާއިރު، ދުނިޔޭގެ ބޮޑު އެއް ބާރަކީ ކުޑަ ކުޑަ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިންމު އެއް ބައިވެރިޔާ ކަމާމެދު ދެބަސްވާނެ އެއްވެސް ޖާގައެއް ނެތެވެ. އެ މުއްދަތުގެ ތެރޭގައި ދިވެހިންނަށް ފެނިފައިވާ އަދި ފެންނަމުންދާ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގައި ޗައިނާގެ ހިއްސާ ނުހަނު ބޮޑުވެފައި މުހިންމެވެ. މި ފަހުން ބިޔަ ކަނޑު މެދުން ހިއްލައިލި ސިނަމާލެ ބުރިޖާއި، ހުޅުމާލޭގައި އުސްކޮށް އަރާފައިވާ ބޯހިޔާވަހިކަމުގެ ބޮޑު ސްހަރު އެކަމަށް ހެކިދެ އެވެ.

ނަމަވެސް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު އިރުމަތިން ނެއްޓި، ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ވަނީ ބޮޑެތި ތުހުމަތުތަކާއި ފާޑުކިޔުންތަކުގެ ހިޔަނި އެޅިފަ އެވެ. އެ މަޝްރޫއުތަކުގައި ހިމެނޭ ބޮޑެތި ލޯނުތައް ދިވެހީންގެ ބޮލުގައި އަޅުވައިގެން މުޅި ގައުމު ދަރުވާލާފައިވާ ތުހުމަތެވެ. ދަރަނި އަނބުރާ ނުދެއްކޭފަދަ ގޮތަކަށް ލޯނުދީގެން، ދިވެހީންގެ ބިންތައް ފޭރިގަންނަން ޗައިނާގެ ހީލަތްތެރި ރޭވުމުގެ ވާހަކަވެސް މެއެވެ.

ޗައިނާއިން ބޭނުންވަނީ ރާއްޖެއަށް ދެމެހެއްޓެނެވި ތަރައްގީ ގެނެސްދޭން އެހީތެރިވެދޭން. ދަރަނި އިތުރު ނުވާފަދަ ގޮތްތަކަށް އިންވެސްޓަމަންޓުތައް ރާއްޖެއަށް ގެނެސްދީ، ރާއްޖޭން އެދޭ ކޮންމެ އެދުމަކަށް އެހީތެރިވާން. ގައުމަކުން ކުރަން ބޭނުން ނުވާ ކަމެއް ގަދަކަމުން ކުރުވުމަކީ ޗައިނާގެ ސިޔާސަތެއް ނޫން. ގައުމަކުން ނޭދޭ ކަމެއް ގަދަބާރުން ކުރުވުމަކީ އެއްވެސް އިރެއްގައި ޗައިނާއިން ކުރިކަމެއް ވެސް ނޫން.
ޗައިނާ ސަފީރު | ޖަންގް ލީ ޖޮންގް

ދެކެވޭ ހުރިހާ ވާހަކަތަކަށް ތަކުރާރުކޮށް ރައްދު ދެއްވައި، ދިފާއު ކުރެއްވުމުގެ އެންމެ އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް އެވެ. ދެގައުމުގެ ގުޅުން ބަދަހިކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ބަދަލުގައި، ސަފީރަށް ޖެހިވަޑައިގެންފައި ވަނީ އެ ގުޅުން ދިފާއު ކުރެއްވުމުގެ މަސައްކަތެވެ. އެކި ފަހަރުމަތިން އެކި މަރުހަލާތަކުގައި އެ ގުޅުން ހީނަރު ވެގެން ދިޔުމުގެ ފުރުސަތު ނުދިނުމަށެވެ. ތަފާތު ގޮތްގޮތަށް އެކި މޭރުމުން ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ޗައިނާއާމެދު ބައެއް ދިވެހިންގެ ހިތްތަކުގައި އޮތީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ. އަނެއް ބައި މީހުންގެ ކުރަނީ ސުވާލުތަކެވެ. މިއީ އެފަދަ ކަންބޮޑުވުންތަކާއި ސުވާލުތައް އުފެދިފައިތިބި އެންމެނަށް، އަދި ދިވެހި ރާއްޖެއަށް ހާއްސަ އިންޓަވިއުއެކެވެ.

ރާއްޖެ-ޗައިނާ ގުޅުމަށް 47 އަހަރު ފުރޭ އިރު، އެ މުއްދަތު ސިފަ ކުރައްވާނީ ކިހިނެތް؟

ޗައިނާއަށް ލިބެމުން އަންނަ އިގުތިސޯދީ ތަރައްގީ މުޅި ދުނިޔެއާ ހިއްސާ ކުރުމަކީ މައިގަނޑު އަމާޒު. އެ އަމާޒުގެ ދަށުން އުފަންވި ބެލްޓް އެންޑް ރޯޑް [ބީއާރުއައި] ތަސައްވަރުގެ ފައިދާ ގިނަ ގައުމުތަކަށް ވަނީ ކޮށްފައި. ހާއްސަކޮށް ކުރިއަރަމުން އަންނަ ގައުމުތަކަށް. އޭގެ ވަރަށް ރަނގަޅު މިސާލެއް ރާއްޖެއަކީ. ފަހުގެ ތާރީހަށް ބަލާއިރު، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ޗައިނާއިން ވަނީ ބޮޑެތި އެހީތައް ފޯރުކޮށްދީފައި. ހާއްސަކޮށް ބީއާރުއައިގެ ފައިދާ ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ކޮށްފައި.

ރާއްޖެ ދަރަނިވެރިކުރުވައިގެން ދިވެހީންގެ ބިންތައް ޗައިނާއިން ފޭރިގަންނަން އުޅޭ ކަމަށް ވިދާޅުވެ ކުރައްވާ ތުހުމަތުތަކުން ހަގީގީ މައްސަލައަށް ހައްލެން ނުލިބޭނެ. އަދި ހަމައެކަނި ޗައިނާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްގެން ލިބޭނެ މޮޅެއް ވެސް ނެތް. ސަބަބަކީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް.
ޗައިނާ ސަފީރު ރައީސް ނަޝީދަށް ދެއްވާ މެސެޖު

ފާއިތުވި 47 އަހަރަށް ބަލާއިރު، ދެގައުމުގެ ގުޅުން އަންނަނީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން. އެގޮތުން ސިނަމާލޭ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތައް ފާހަގަކޮށްލެވޭ. ހަގީގަތުގައި ޗައިނާ އަދި ރާއްޖޭގެ ގުޅުމަކީ، ބޮޑު ގައުމަކާ ކުޑަ ގައުމެއްގެ ދެމެދު އޮންނަންޖެހޭ ގުޅުމުގެ ލާމަސީލު މިސާލެއް. އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކޮށް، ހަމަ ހަމަކަމާއެކު ދެ ފަރާތަށް ވެސް އެއްވަރަކަށް ފައިދާ ކުރަމުންދާ ގުޅުމެއް. އަޅުގަނޑަށް ޔަގީން ޗައިނާ ކުރިއަރަމުން އަންނަ މިންވަރަކަށް، ރާއްޖެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވަމުންދާނެ. އަދި މުސްތަގުބަލުގައި ވެސް ޗައިނާ އިން ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް އެހީވަމުންދާނެ،

ލޯނުތައް ދީ ރާއްޖެ ދަރަނިވެރި ކުރުވައި ދިވެހީންގެ ބިންތައް އަތުލަން ވިސްނާކަމުގެ ތުހުމަތުތަކަށް ވިދާޅުވާނީ ކީކޭ؟

އެންމެ ފުރަތަމަވެސް ދަންނަވަން އޮތީ ރާއްޖެ ދަރަނިވެރިވެގެންނެއް ނޫނޭ އުޅެނީ. އެ ވާހަކަ ވަރަށް ސާފުވާން ޖެހޭ އެބަ. އަޅުގަނޑު ބަލާލައިފިން ބޭރުގެ މާލީ ބައެއް އިދާރާތަކުން ނެރެފައި ހުރި ރިޕޯޓުތައް. މޫޑީސް އަދި ފިޗުން ރާއްޖެއަށް ދީފައިވަނީ ބީ ޕްލަސް ރޭޓިންގް އެއް. އެއީ ރާއްޖޭގެ ޓޫރިޒަމް ތަރައްގީވަމުން އަންނަ ދުވެއްޔަށް ބަލާފައި. އެހެންވީމާ ރާއްޖެ ދަރަނިވެރިއެއް ނުވޭ. އެކަމަކު ދެމެހެއްޓެނެވި ގޮތެއްގައި އެ ދަރަނި ދެއްކުމުގެ ގާބިލް ކަމާމެދު ކަންބޮޑުވުންތައް އެބަހުރި. އެއީ ހަމައެކަނި ރާއްޖެއަށް އޮތް ކަންޑުވުމެއް ނޫން. ޗައިނާ އިން ވެސް އެކަމާ ކަންބޮޑުވޭ. ރާއްޖެ ދަރަނިވެރިވާ ދުވަހެއް ދެކެން ޗައިނާ އިން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ. އެކަމުގެ ގެއްލުން ކުރާނީ ހަމައެކަނި ރާއްޖެއަކަށް ނޫން. އެކަމުން ޗައިނާއަށް ވާނެ ގެއްލުން ވެސް ވަރަށް ބޮޑު،

ދަރަނީގެ މައްސަލައާ ގުޅިގެން މިހާރުގެ މި ސަރުކާރުން ދަނީ މާލީ އިގުތިސޯދީ ފުދުންތެރިކަން ފުޅާކުރަން ވަރަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މަސައްކަތް ކާމިޔާބު ކުރުމުގެ ދުރު ވިސްނުމާއި ގާބިލުކަން މި ސަރުކާރުގައި އެބަހުރި. އެކަމަކު ރާއްޖެއަށް އަދިވެސް އިތުރު ތަރައްގީ ބޭނުންވޭ. ދިވެހި ރައްޔިތުން އެބަ ބޭނުންވޭ އިތުރު ބޯހިޔާވަހިކަމާއި، ސްކޫލްތަކާއި ރަނގަޅު ސިއްހީ ހިދުމަތް. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި، ދަރަނީގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ، ގައުމުގެ ތަރައްގީ ކުރުމުގެ ގާބިލްކަން މި ސަރުކާރުގައި އެބަހުރި. އަދި ޗައިނާ އިން ރާއްޖެއަށް އިންވެސްޓްމަންޓުތައް ގެންނަން ކުރަމުންދާ މަސައްކަތް ކުރިއަށް ދާނެ. އަދި ޗައިނާގެ ގާބިލުކަން ހުރި މިންވަރަކުން ރާއްޖޭން ބޭނުންވާ ހުރިހާ އެހީތެރި ކަމެއް ފޯރުކޮށްދެމުން ދާނެ. އަދި ބީއާރްއައިގެ ދަށުން ދެ ފަރާތް ގުޅިގެން ކުރާ މަސައްކަތަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކޮށްދޭން ޗައިނާގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ،

ޗައިނާ ދަރަންޏާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ބޮޑެތި ދެބަސްވުންތަކެއް ވަނީ އުފެދިފައި. އެމަނިކުފާނު ގެންދަވަނީ ޗައިނާއަށް ބޮޑެތި ތުހުމަތުތައް ކުރައްވަމުން. އެކަމަށް ވިދާޅުވާނީ ކީކޭ؟

އަޅުގަނޑުކަށް އެއްގޮތަކަށް ވެސް ނަޝީދު އިސްވެ އެ ކުރައްވާ ތުހުމަތުތައް ބަލައެއް ނުގަނެވޭނެ. ސަބަބަކީ އެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް. އަޅުގަނޑު ނަޝީދާ ވަކިން ދެ ފަހަރެއްގެ މަތިން ބައްދަލު ކޮށްފިން. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާބެހޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާ ކުރިން. އެ ބައްދަލުވުންތަކުގައި ނަޝީދު ވަނީ ޓޫރިޒަމާއި، އިންވެސްޓް އަދި ތިމާވެށި ހިމާޔަތް ކުރުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކަށް ވަރަށް ތައުރީފު ކުރައްވާފައި. އެހެންވީމާ، ނަޝީދުގެ ވާހަކަފުޅުން އަޅުގަނޑަށް ދޭހަވީ، ދެ ގައުމުގެ ގުޅުމަށް އެމަނިކުފާނު ވަރަށް ސަޕޯޓު ކުރައްވާ ކަން. އަދި ނަޝީދުގެ ވެރިކަމުގައި ވެސް ޗައިނާ - ރާއްޖޭގެ ގުޅުން އޮތީ ވަރަށް ރަނގަޅަށް. އެކި ދާއިރާތަކުން އޭރުވެސް ޗައިނާ އިން ރާއްޖެއަށް ގިނަ އެހީތަކެއް ވަނީ ވެފައި. އަދި ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ދައުރު ރަނގަޅަށް އަދާ ކުރައްވާފައި. އަޅުގަނޑުގެ އުއްމީދަކީ އެ މަސައްކަތް މުސްތަގުބަލުގައި ވެސް ނަޝީދު ކުރައްވާނެ ކަމަށް... އެހެންވީމާ، ދެ ގައުމުގެ ގުޅުމާމެދު ނަޝީދުގެ ވިސްނުންފުޅު ހުރި ގޮތް ސީދާ ދިވެހި ރައްޔިތުންނަށް ނަޝީދު އެބަ ސާފުކޮށްދެއްވަން ޖެހޭ،

އެކަމަކު ރާއްޖެ ދަރަނިވެރި ކުރުވައިގެން ދިވެހީންގެ ބިންތައް ޗައިނާއިން ފޭރިގަންނަން އުޅޭ ކަމަށް ވިދާޅުވެ ކުރައްވާ ތުހުމަތުތަކުން ހަގީގީ މައްސަލައަށް ހައްލެން ނުލިބޭނެ. އަދި ހަމައެކަނި ޗައިނާއަށް ތުހުމަތުގެ އިނގިލި ދިއްކޮށްގެން ލިބޭނެ މޮޅެއް ވެސް ނެތް. ސަބަބަކީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް. ރާއްޖެ ތަރައްގީ ކުރުމަށް ޗައިނާއިން ވަނީ މުހިއްމު އެހީތަކެއްވެފައި. ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ، އިހުތިރާމާއި، އިތުބާރާއި ހަމަހަމަ މަންފާގެ މަތީގައި. އެކަމަކު ދަރަނީގެ މައްސަލާގައި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ގަބޫލު ކުރެވޭ. ނަމަވެސް، ދަރަނީގެ މައްސަލަ ސިޔާސީ ކޮށްގެންވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނުރަނގަޅު މައުލޫމާތުތަކެއް ބޭނުން ކޮށްގެން ޗައިނާ ބޮލުގައި އިލްޒާމް އެޅުވުމުން، ހަގީގީ މައްސަލައަށް ދޭންޖެހޭ ސަމާލުކަން އެނބުރިގެންދޭ. ސަބަބަކީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބައިވެރިއެއް. ރާއްޖޭން ވަނީ އެކި ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުން ލޯނުތައް ނަގާފައި. އެހެންވީމާ، މުސްތަގުބަލުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާއިރު، އެ މައްސަލައަށް ބިނާކުރަނިވި މަޝްވަރާތައް އެބަ ބޭނުންވޭ. އެ މައްސަލަތައް ހައްލު ކުރެވޭނެ މަގެއް ހޯދަން މަސައްކަތް ކުރުން ރާއްޖެއަށް މާ މުހިއްމު،

ރާއްޖޭގެ ފޮރިން މިނިސްޓަރު މިހާރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފައި. އެ ދަތުރުފުޅުގެ މުހިއްމުކަން ވަޒަން ކުރައްވާނީ ކިހިނެތް؟

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެންމެ މަތީ ފަންތީގައި ދަނީ މަޝްވަރާތައް ކުރެވި ވާހަކަ ދެކެވެމުން. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެހެން ވަޒީރުން ވެސް ގެންދަވަނީ ޗައިނާ ސަރުކާރާއެކު ގާތްގުޅުމެއް ބާއްވަމުން. ރައީސް ސޯލިހު ވެސް ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންފުޅުވާކަން ވަރަށް ސާފު.

މި ގުޅުން ދަމަހައްޓައި އިތުރަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ދެ ފަރާތަށްވެސް ވިސްނޭ. އެހެންވީމާ، ފޮރިން މިނިސްޓަރު ޗައިނާއަށް ވަޑައިގެންނެވުމުން ހައިރާންވާކަށް ނުޖެހޭ. މިއީ ދެ ގައުމުގެ ގުޅިގެން ހޯދާފައިވާ ކާމީޔާބީތައް މުރާޖައާކޮށް، މުސްތަގުބަލުގައި އެ ގުޅުން ކުރިއަށް ގެންދަން ލިބޭ ރަނުގެ ފުރުސަތެއް. އެ ދަތުރުފުޅުގައި ޝާހިދު ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާ، ގިނަ ދައިރާތަކުން މަޝްވަރާ ކުރައްވާނެ. އެ ދަތުރުފުޅަކީ ޗައިނާ -ރާއްޖޭގެ ގުޅުމުގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ ދަތުރުފުޅެއް. އެއް ގައުމުން އަނެއް ގައުމުން ކުރާ އިތުބާރު ފުޅާވެގެންދާނެ ދަތުރުފުޅެއް. ދެ ގައުމުގެ ގުޅުމާމެދު ތަފާތު ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މުސްތަގުބަލު އޮންނާނެ ގޮތުގެ ތަސައްވަރު ރައްޔިތުންނަށް ސާފުވާން އެބަޖެހޭ. އޭރުން ކުރިއަށް އޮތް ތަނުގައި އެ ގުޅުން ފުޅާ ކުރެވޭނީ.

"ހަގީގަތަކީ އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ދެ ގައުމުގެ ގުޅުން ހުއްޓުމަކަށް ނާދޭ. ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ޗައިނާއިން އެހީވާން ތައްޔާރަށް އޮތް މިންވަރަށް ފަނޑުކަމެއް ވެސް ނާދޭ. އެކަމަކު ރާއްޖޭގެ ނާޒުކު އިގުތިސޯދަށް ބޮޑެތި ލޯނުތަކުގެ ބުރަ އުފުލަން ދަތިވާނެކަން ގަބޫލު ކުރަން. އެހެންވީމާ، ޗައިނާއިން ބޭނުންވަނީ ރާއްޖެއަށް ދެމެހެއްޓެނެވި ތަރައްގީ ގެނެސްދޭން އެހީތެރި ވެދޭން. ދަރަނި އިތުރު ނުވާފަދަ ގޮތްތަކަށް އިންވެސްޓަމަންޓުތައް ރާއްޖެއަށް ގެނެސްދީ، ރާއްޖޭން އެދޭ ކޮންމެ އެދުމަކަށް އެހީތެރިވާން. ގައުމަކުން ކުރަން ބޭނުން ނުވާކަމެއް ގަދަކަމުން ކުރުވުމަކީ ޗައިނާގެ ސިޔާސަތެއް ނޫން. ގައުމަކުން ނޭދޭކަމެއް ގަދަބާރުން ކުރުވުމަކީ އެއްވެސް އިރެއްގައި ޗައިނާއިން ކުރިކަމެއްވެސް ނޫން. އަދި ބީއާރުއައިގެ ދަށުން ކުރާ މަސައްކަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން ހައްލު ހޯދަން މަސައްކަތް ކުރަންޖެހޭ.