ހަބަރު

ޝާހިދުގެ ދަތުރު: ޗައިނާ ގުޅުމުގެ މުސްތަގުބަލާ ގުޅިފައި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުން ދެގައުމުގެ ގުޅުމުގެ މުސްތަގުބަލު ކަނޑައެޅިގެންދާނެކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ޝާހިދު ޗައިނާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ދަތުރުފުޅުގައި އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަން އާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޝާހިދުގެ އެ ދަތުރުފުޅާ ގުޅޭގޮތުން އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގެ ތެރެއިން ސަފީރު ވިދާޅުވީ ޝާހިދުގެ އެދަތުރުފުޅުގައި ދެގައުމުގެ ގުޅިގެން ހޯދާފައިވާ ކާމީޔާބީތައް މުރާޖައާކޮށް، މުސްތަގުބަލުގައި އެ ގުޅުން ކުރިއަށް ގެންދަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

"އެ ދަތުރުފުޅަކީ ޗައިނާ-ރާއްޖޭގެ ގުޅުމުގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ ދަތުރުފުޅެއް. އެއް ގައުމުން އަނެއް ގައުމުން ކުރާ އިތުބާރު ފުޅާވެގެންދާނެ ދަތުރުފުޅެއް،" ސަފީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ހިންގި ސިނަމާލެ ބްރިޖު ފަދަ ބިޔަ މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅުވައިގެން ދެގައުމުގެ ގުޅުމާމެދު ތަފާތު ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މުސްތަގުބަލު އޮންނާނެ ގޮތުގެ ތަސައްވަރު ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށެވެ.

އެއީ މުސްތަގުބަލުގައި ދެގައުމުގެ ގުޅުން ހަރުދަނާކޮށް އިތުރަށް ފުޅާކުރަން މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވި އެވެ.

ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް، އާ ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ދެ ގައުމުގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ. އަދި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް ޗައިނާއިން އެހީވާން ތައްޔާރަށް އޮތް މިންވަރަށް ފަނޑުކަމެއް ވެސް ނާންނަކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

"އެކަމަކު ރާއްޖޭގެ ނާޒުކު އިގުތިސޯދަށް ބޮޑެތި ލޯނުތަކުގެ ބުރަ އުފުލަން ދަތިވާނެކަން ގަބޫލުކުރަން. އެހެންވީމާ، ޗައިނާއިން ބޭނުންވަނީ ރާއްޖެއަށް ދެމެހެއްޓެނެވި ތަރައްގީ ގެނެސްދޭން އެހީތެރިވެދޭން. ދަރަނި އިތުރުނުވާފަދަ ގޮތްތަކަށް އިންވެސްޓަމަންޓުތައް ރާއްޖެއަށް ގެނެސްދީ، ރާއްޖޭން އެދޭ ކޮންމެ އެދުމަކަށް އެހީތެރިވާން،" ސަފީރު ވިދާޅުވި އެވެ.

ޗައިނާއިން ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލުތައް ފެންނަންނެތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ޗައިނާ ދަތުރުފުޅުގެ ތެރެއިން ލޯނުތަކުގެ ސަބަބުން ހުރި ދަތިތައް ވެސް ޗައިނާގެ ސަރުކާރުގެ ސަމާލު ކަމަށް ގެންނަވައި ހައްލުތަކެއް ހޯދުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.