މިދިޔަ އަހަރުން ފެށިގެން މަޝްވަރާ ކުރެވެމުން އަންނަ ދަތުރުފުޅުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް އަންނަ ހަފުތާގެ ތެރޭގައި ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އަންނަ ހަފުތާގެ ފަހުކޮޅު ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ޝާހިދު ވަނީ ރާއްޖޭގައި ހުންނަ ޗައިނާ ސަފީރާ މިއަދު މެންދުރު ބައްދަލު ކުރައްވާފަ އެވެ.
މި ސަރުކާރަށް އަހަރެއް ހަމަވާންދާއިރު، ޝާހިދު ވަނީ 12 އަށް ވުރެ ގިނަ ގައުމަށް ރަސްމީ ދަތުރުފުޅުތައް ކުރައްވައިފަ އެވެ. ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅޭ ގޮތުން އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅު ކުރެވެމުން ދާއިރު، އެ ލޯނު އެއްބަސްވުންތަކާ ގުޅޭގޮތުން އެ ގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ދިވެހި ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކު އަދި އެ ގައުމަށް ވަޑައިގެންފައެއް ނުވެ އެވެ.
އެ މަޝްވަރާތަކަށް މިދިޔަ ޑިސެމްބަރު މަހު ޝާހިދު ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ ފަހަރުވެސް އެ ދަތުރުފުޅު ކުރައްވާފައެއް ނުވެ އެވެ.
ޗައިނާއިން ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލުތައް ފެންނަންނެތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ޗައިނާއާއެކު ވެފައިވާ ލޯނު އެއްބަސްވުންތައް މުރާޖައާކޮށް "ރީނެގޯޝިއޭޓް" ކުރުމުގެ މަޝްވަރާތައް ޗައިނާ ސަރުކާރާއެކު ކުރަމުންދާ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.
ޗައިނާއިން ނަގާފައިވާ ބައެއް ލޯނުތަކަށް އަންނަ އަހަރުން ފެށިގެން ފައިސާ ދައްކަންޖަހަންޖެހޭ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.