ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތީ ދެގައުމުގެ ރައްޔިތުންގެ ގުޅުމެއް ކަމަށާއި، މުސްތަގުބަލުގައިވެސް ރާއްޖޭގެ އިޖުތިމާއީ ތަރައްގީއަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެ ގައުމުގެ އިސްވެރިން ދެއްވާފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް އިއްޔެ ދެއްވި އިންޓަވިއު އެއްގައި ޝާހިދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ޗައިނާއާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި، އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަންއާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ އާ ޝާހިދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.
އެގޮތުން، ކުރީގެ ސަރުކާރުގައި ހިންގި ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ނެގި ލޯނުތަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އެގައުމަށް ކުރެއްވި ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އަދިވެސް ޗައިނާ އިން އެހީވާން ތައްޔާރަށް އޮތް ކަމަށެވެ.
""ޗައިނާގެ ހާރިޖީ ވަޒީރު ޔަގީންކޮށްދެއްވީ ރާއްޖެއާ ޗައިނާއާ ދެމެދު މިއޮތް ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށް. ކޮންމެ ސަރުކާރެއް އޮތްނަމަވެސް ރާއްޖޭގެ ތަރައްގައަށްކުރާ މަސައްކަތްތަކަށް ޗައިނާގެ އެހީ ލިބޭނެކަމުގައި،" ޝާހިދު ވިދާޅުވި އެވެ.
އަދި ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއިތަކެއް ލިބިގެންދާނެކަމުގެ އުއްމީދު ބޮޑުކަމަށްވެސް ޗައިނާ ދަތުރުފުޅަށްފަހު އދ. އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ނިއު ޔޯކަށް ފުރާވަޑައިގެންނެވުމުގެ ކުރިން ޝާހިދު އިތުރަށް ވިދާޅުވި އެވެ.
ޝާހިދުގެ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު މުހިންމު ތިން އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ އިތުރުން ޓެކްނިކަލް އެހީ އިތުރުކުރުން ހިމެނެ އެވެ.
އޭގެ އިތުރުން، ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމެއް ތަރައްގީ ކުރުމުގެ މަޝްރޫއުއެއްގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
ޗައިނާއިން ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.