ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

"ވަން ޗައިނާ" ސިޔާސަތު ރާއްޖެއިން ދަމަހައްޓާނެ: ފޮރިން

"ވަން ޗައިނާ" ސިޔާސަތު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފި އެވެ.

މި ޔަގީންކަން ދީފައިވަނީ ފޮރިން މިނިސްޓްރީ އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ދެމެދު ޑިރެކްޓަރު ޖެނެރަލް ލެވެލްގައި މިއަދު ބޭއްވި މަޝްވަރާތަކުގައެވެ.

ވަރޗުއަލްކޮށް މިއަދު މެންދުރު ބޭއްވި މި މަޝްވަރާގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވޫ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޗެންގް ސޮންގް އެވެ.

މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޑިޝަނަލް ސެކްރެޓަރީ ޖާވިދު ވަނީ ދިވެހިރާއްޖެއިން "ވަންޗައިނާ" ސިޔާސަތު ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ. އަދި ކޮވިޑް-19 ގެ ހާލަތުގައި ޗައިނާ ސަރުކާރާއި ވިޔަފާރިތަކުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް ދިވެހިރާއްޖެއިން ޝުކުރު އަދާކުރާ ކޮށްފައިވެއެވެ. ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި އަވަސް މުސްތަގްބަލެއްގައި ދެ ގައުމުގެ ދެމެދު ދަތުރުފަތުރު އަލުން ފެށި، ވިޔަފާރިކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޖާވިދު ވިދާޅުވިއެވެ.

ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި ޗެންގް ސޮންގް ވިދާޅުވީ ދިވެހިރާއްޖެ އާއި ޗައިނާއަކީ ވަރަށް ގާތް ދެ ގައުމު ކަމަށެވެ. އަދި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. ބައިނަލްއަގްވާމީ މައިދާނުގައި ޗައިނާއަށް ދިވެހިރާއްޖޭގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހިރާއްޖެއަކީ ޗައިނާގެ މުހިއްމު ބައިވެރިއެއްކަމަށް ޗެންގް ސޮންގް ވިދާޅުވިއެވެ.

މިއަދުގެ މަޝްވަރާތަކުގައި ދެ ގައުމުންވެސް ވަނީ އެކި ދައިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެފައެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި އިގްތިސާދީ އަދި މާލީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރެވުނެވެ. އަދި ހާރިޖީ ވަޒީރުންގެ ފެންވަރުގައި ދެ ގައުމުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހިރާއްޖެއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.