ހަބަރު

ލޯނުތަކާ ގުޅޭ ކަންބޮޑުވުންތައް އަޑުއަހަން ޗައިނާ ތައްޔާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބިޔަ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކާ ގުޅޭ ގޮތުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް އަޑުއަހަން ތައްޔާރު ކަމަށް ޗައިނާ އިން މިއަދު ބުނެފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ޗައިނާގެ ބިޔަ މަޝްރޫއު "ބެލްޓް އެންޑް ރޯޑް" ދެ ދެވަނަ ފޯރަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު މާލޭގައި ހުންނަ ޗައިނާ އެމްބަސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކަކީ ރާއްޖެއަށް އާމްދަނީ ލިބޭ މަޝްރޫއުތަކަކަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ނަމަވެސް، ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަތީ ފެންވަރުގެ މަޝްވަރާތަކެއްގެ ތެރެއިން ލޯނުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެވި ހައްލު ކުރެވޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

"ޗައިނާއިން ރާއްޖެ އަށް ލޯނު ދޫކޮށްފައިވާ ގިނަ މަޝްރޫއުތަކަކީ އެ މަޝްރޫއުތަކުން އާމްދަނީ ލިބޭނެ މަޝްރޫއުތައް. ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަޝްރޫއުތައް. އެހެނަސް ރާއްޖޭގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ، އެކަން މަތީ ފަންތީގެ ދަތުރުފުޅެއްގެ ތެރެއިން ހިއްސާކުރުމުގެ ފުރުސަތު ލިބޭނެ،" ލިޖޮންގް އިތުރަށް ވިދާޅުވި އެވެ.

އެގޮތުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ވަރަށް އަވަހަށް ދަތުރުފުޅެއް ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަން ސަފީރު މިއަދު ހާމަކުރެއްވި އެވެ.

ޗައިނާއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލުތައް ފެންނަންނެތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އެގޮތުން ކުރީގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތައް ވަރަށް ތަފްސީލުކޮށް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.