ހަބަރު

ޝާހިދުގެ ދަތުރުފުޅުގައި ޗައިނާއިން ދީފައިވާ ލޯނުތަކުގެ ތަފްސީލް ހޯއްދަވާނެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަންނަ މަހު ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކަށް ދީފައިވާ ލޯނުތަކާއި ހިލޭ އެހީތަކުގެ ފުރިހަމަ މައުލޫމާތުތައް ހޯއްދަވާނެކަމަށް އެމަނިކުފާނު
ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމް ކުރި މިނިވަން ވިޔާފާރީގެ އެއްބަސްވުމަކީ "އެއް ފަރާތަށް ބުރަވެފައިވާ" އެއްބަސްވުމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު، މިއަދު ފޮރިން މިނިސްޓްރީގައި "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އާ ސަރުކާރުން އެކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނާނީ ހުރިހާ މައުލޫމާތުތައް ހޯދުމަށްފަހު އެވެ.

"ޗައިނާގެ އެއްބަސްވުމަކީ ސޮއިކޮށް ނިމިފައިވާ އެއްބަސްވުމެއް، ސަރުކާރުން ވަކި އެއްޗެއް ބުނަންވާނީ އޭގެ ތަފްސީލުތައް ހޯދުމަށްފަހު،" މަޖިލީހުގެ ތެރެއިން އަވަސް އަރުވާލައިގެން އެ އެބަސްވުމުގައި ސޮއި ކުރަން ނިންމި ނިންމުން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

ނުބަލާ އެއްޗެއްބުނެ ދެގައުމުގެ ދޭތެރޭ އޮތް ގުޅުމަށް ބުރޫ އަރާފަދަ ގޮތަކަށް ކަންތައް ކުރާކަށްނުވާނެ، އޭގެ ބަދަލު ޒިންމާދާރުކަމާއެކު ކަން އޮތްގޮތް ބަލާފަ މައުލޫމާތު އެނގިތިބެ އެއްޗެއް ބުނަންވާނީ."

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ ވަނީ ޗައިނާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ. އެގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ޗައިނާއާ ހަވާލު ކުރުމާއި ރާއްޖެ އާއި ޗައިނާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެ ސަރުކާރުން އެކުލަވާލި އެވެ. އަދި މަޝްރޫއުތަކަށް ޗައިނާގެ ބޭންކްތަކުން ބޮޑެތި ލޯންތަކެއް ނެންގެވި އެވެ.

ޗައިނާއާއެކުވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން މުޅި ރާއްޖެ ދަރަނިވެރިވެ، އަޅުވަތިކަމަކަށް ހިނގައިދާނެކަމަށް
ތަކުރާރުކޮށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

އަންނަ ހަފްތާގައި ފައްޓަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އަވަށްޓެރި އިންޑިއާއަށް ކަމަށާއި، އެއަށްފަހު މެދު އިރުމަތީގެ ދެ ގައުމަކަށް ވަޑައިގަންނަވާނެކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

އެ ދަތުރުފުޅުގައި، ޝާހިދުގެ އިތުރުން، އިކޮނޮމިކް މިނިސްޓަރާއި، ފައިނޭންސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެންމެ ފަހު ގައުމަކަށް ވަޑައިގަންނަވާނީ ޗައިނާއަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޗައިނާއަށް ވަޑައިގެން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކަށް ދީފައިވާ ހިލޭ އެހީ އާއި ލޯނުތައް ބައްދަލުވާ ހިސާބާއި ނުބައްދަލުވާ ހިސާބު ސާފުކުރަން އެބަޖެހޭ، އެވާހަކަތައް ދައްކާ އެ ލޯނުތަކުގެ ބުރަ ރާއްޖެއަށް އޮތް މިންވަރު ވަޒަންކޮށް ރާއްޖެއަށް ހިންދެމިލެވޭނެ ގޮތަކަށް ލޯނުތައް ބައްޓަންކުރުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް." ޝާހިދު ވިދާޅުވި
އެވެ.