އަބްދުﷲ ޝާހިދު

ސަފީރުންގެ ފަރާތުން ޝާހިދަށް ހާއްސަ ލަގަބެއް

Sep 12, 2021
1

ޖިންސުގެ ހަމަހަމަކަން ގާއިމުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަން ލަގަބު އެމަނިކުފާނަށް އަރުވައިފި އެވެ.

ޝާހިދަށް މި ލަގަބު އަރުވާފައިވަނީ ނިއުޔޯކްގައި ތިއްބަވާ އަންހެން ސަފީރުންނާއެކު މިނިސްޓަރު ޝާހިދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ ޖިންސުގެ ހަމަހަމަކަން ގާއިމުކުރެވިފައިވާ އޮފީހަކަށް ހައްދަވާނެ ކަމަށާއި، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި އެފަދަ ހަމަހަމަކަން އޮތް ޕެނަލްތަކުގައި ކަމަށް މިނިސްޓަރު ޝާހިދު މީގެކުރިން ވިދާޅުވެފައިވާތީ ސަފީރުން ވަނީ އެކަން ފާހަގަކުރައްވާފަ އެވެ.

ޖިންސުގެ ހަމަހަމަކަމާއި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީންތައް ފުރިހަމަކުރުމަށް ޝާހިދުގެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުވާނެ ކަމަށް ނިންމެވި ނިންމެވުމަށްވެސް ސަފީރުން ވަނީ މަރުހަބާ ވިދާޅުފަ އެވެ.

މިނިސްޓަރު ޝާހިދުގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންގެ ދެބައިކުޅަ އެއްބަޔަކީވެސް އަންހެނުންނެވެ.

އދ. އާންމު މަޖިލީހުގެ ރައީސް ކަމާ ހަވާލުވެވަޑައިގަތުމަށްޓަކައި ޝާހިދު މިވަގުތު ހުންނެވީ ނިއުޔޯކުގަ އެވެ. ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަންގާރަ ދުވަހު އެވެ.