އަބްދުﷲ ޝާހިދު

ޝާހިދު ޗައިނާއަށް ފުރާވަޑައިގެންފި

Nov 24, 2021
3

އދ. އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާއަށް ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާ އަށް ތިން ދުވަހަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

ޝާހިދުގެ ޗައިނާ ދަތުރުފުޅުގައި ސީދާ ދިވެހި ސަރުކާރުގެ ރަސްމީ ކަމެެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައެއް ނުވެ އެވެ. އެކަމަކު ރާއްޖެއާއި ގުޅުންހުރި މައްސަލަތަކެއްގައި ޗައިނާ ސަރުކާރާ މަޝްވަރާ ކުރާނެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މަޝްވަރާ ކުރައްވާނެ ކަންކަމުގެ ތެރޭގައި ހިމެނެނީ ކޮވިޑް 19 އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކުގެ އިތުރުން އދ. އަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތަކެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމާ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ 6 އިން 9 އަށް ޝާހިދު ވަނީ އދގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އޭގެފަހުން ޝާހިދު ހުންނަވަނީ އދ.ގެ މައި މަރުކަޒު ގާއިމުކޮށްފައިވާ އެމެރިކާގެ ނިއުޔޯކުގަ އެވެ.

ޝާހިދު ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އދ.ގެ ރައީސް ކަން ކުރެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.