ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެ ގައުމެއްގެ އެންމެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

Mar 5, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ދެ ގައުމެއްގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.

އެގޮތުން އެމަނިކުފާނު މިއަދު ބައްދަލުކުރެއްވީ ޓިމޯ-ލެސްޓޭގެ ރައީސް ޖޯސޭ ރާމޯސް ހޯތާ އާއި ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންއާ އެވެ.

މި ދެ ބޭފުޅުންގެ އިތުރުން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއާ ވެސް ރައީސް ސޯލިހް މިއަދު ބައްދަލުކުރެއްވީ ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގަ އެވެ.

މައިގަނޑު ގޮތެއްގައި މިބައްދަލުވުންތަކުގައި މަޝްވަރާކުރެއްވީ ރާއްޖެއާއި ޓިމޯ-ލެސްޓޭ އަދި ރާއްޖެއާއި ސީޝެލްސްއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ.

މީގެއިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކުގައި ގުޅިގެން އެއް އަމާޒަކަށް ދިއުމަށް މަސައްކަތް ކުރުމަށްވެސް ރައީސް ސޯލިހް ވަނީ މަޝްވަރާކުރައްވާފަ އެވެ.

އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް ދޯހާ އަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނު މިއަދު ވަނީ މި ކޮންފަރެންސްގައި ތަގުރީރުވެސް ކުރައްވާފަ އެވެ.