އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ކުރަން ރާއްޖެއަށް ލިބުނު ފުރުސަތަކީ މިހާތަނަށް ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ރައީސްގެ ދައުރު ހަމަވުުމުން އެ މަގާމުން މިއަދު ވަކިވެވަޑައިގެންނެވި އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިއަދު ދެއްވި ވަދާއީ ތަގުރީރުގައި ވިދާޅުވީ ރާއްޖެއިން ސާބިތުކޮށްދިނީ ކުޑަ ގައުމަކަށް ބޮޑު ކާމިޔާބެއް ހޯދިދާނެ ކަން ކަމަށެވެ.
އދ.ގެ ރައީސް ކަން ރާއްޖެއަށް ހޯދައިދިނުމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމަށް ދިވެހި ހާރިޖިއްޔާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން އެއް އަޒުމެއްގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމުގައި ޝާހިދު ވިދާޅުވި އެވެ.
""ހާރިޖިއްޔާގެ މުވައްޒަފުންނަށް ބުނެލަން އޮތީ ކުރެވިއްޖެއޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ވާހަކަފުޅުގައި ވަނީ އދ.ގެ ރައީސް ކަން ކުރަން ފުރުސަތު ދެއްވީތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަދި މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ބޭފުޅުންނަށް ވެސް ޝުކުރު އަދާކުރައްވާފަ އެވެ.
މަގާމުގައި ހުންނަވައިގެން ކުރެއްވި މުހިއްމު ކަންކަން
- މިދިޔަ 40 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާންމު މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުން
- ކޮވިޑުން އަރައިގަތުމަށް ގައުމުތަށް އަލުން އާރާސްތުކުރުމުގައި އެހީވުން
- އދ.ގެ ތާރީހުގައި އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ޓޫރިޒަމްއަށް ހާއްސަ މަޝްވަރާކުރުން
- އާންމު މަޖިލީހުގެ ޖަލްސާތައް އާންމުންނަށް ފުރަތަމަ ފަހަރަށް ހުޅުވާލުން
- ސުލްހަ ގާއިމުކުރުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތަކާ ގުޅޭ އެއްބަސްވުމެއް ހެދުން
- ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މައިގްރޭޝަން ރިވިއު ފޯރަމް ބޭއްވުން
- އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުން
އދ. ރައީސް ކަމަށް ޝާހިދު އިންތިހާބުވީ އެކަމާ ގުޅޭ ކެމްޕޭނަށް ދިވެހި ދައުލަތުުން ކަނޑައެޅި 4.3 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ ތެރެއިން ވަރުުގަދަ ކެމްޕޭނެއް ކުރައްވައިގެން މިއަހަރުގެ ޖޫން ހަތްވަނަ ދުވަހު އެވެ. އދ.ގައި ހިމެނޭ 193 ގައުމުގެ ތެރެއިން 143 ގައުމަކުން ޝާހިދުއަށް ވޯޓު ދެއްވާފައިވެ އެވެ.
ޝާހިދުއާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
ޝާހިދު މަގާމާ ހަވާލުވެވަޑައިގެން އެއް އަހަރު ދައުރު ފެއްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.
ޝާހިދުގެ ތަގުރީރުގައި އދ.ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އަންހެން ބޭފުޅަކު ގެނައުމަށް ގޮވާލައްވާ ގޮވާލެއްވުން ވަދާއީ ތަގުރީރުގައި ވެސް ވަނީ ތަކުރާރުކުރައްވާފަ އެވެ.