ހަންގޭރީގެ ފޮރިން އަދި ޓްރޭޑް މިނިސްޓަރު ޕީޓާ ޒިޔާޓޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ޕީޓާ އަށް އަލްވަދާއު ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއި އެ މިނިސްޓްރީގެ އިސްވެރިންނެެވެ.
މިނިސްޓަރު ޝާހިދުގެ ދައުވަތަށް ޕީޓާ ރާއްޖެ ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.
ޕީޓާ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅުގައި ވަނީ މިނިސްޓަރު ޝާހިދުއާ އެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާފަ އެވެ. އަދި އެމަނިކުފާނު މިއަދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފަ އެވެ.
ޕީޓާގެ މިދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިގްތިސާދީ ދާއިރާއިން ކުރިއަށްދާ މަޝްރޫއުތަކުގެ ކަންކަން ބަލައި ދިރާސާ ކުރުމަށްޓަކައި ދެ ގައުމު ހިއްސާވާ ކޮމިޝަނެއް އެކުލަވާލުމުގެ އެއްބަސްވުމަކާއި ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކަށް އިންވެސްޓްމަންޓު ހޯދުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ދެ ގައުމުގެ ފަންނީ ބޭފުޅުންނާއި އޮފިޝަލުންގެ އެކްސްޗޭންޖް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމާ ގުޅޭ އެއްބަސްވުމެކެވެ.
މީގެއިތުރުން ހަންގޭރީ ސަރުކާރުން ދިވެހިންނަށް ހަމަޖައްސައިދީފައިވާ 15 ސްކޮލާޝިޕްގެ ފުރުސަތު އަހަރަކު 25 ސްކޮލާޝިޕަށް އިތުރުކޮށްދިނުމަށްވެސް އެއްބަސްވެފައިވެ އެވެ.
ރާއްޖެއާއި ހަންގޭރީގެ ގުޅުން ބަދަހިކުރުމާއި ޔޫރަޕުން ރާއްޖެއަށް ލިބޭ އެކި ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހަންގޭރީގެ ކޮންސިއުލޭޓް އޮފީހެއް މިދިޔަ އަހަރު ވަނީ ރާއްޖޭގައި ހުޅުވާފަ އެވެ.
ހަންގޭރީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް ޖެނެރަލް އަކީ މަސީގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އެވެ.
ރާއްޖެއާއި ހަންގޭރީގެ ގުޅުމަށް 47 އަހަރުވެފައިވާއިރު އެ ގައުމުގެ ވަޒީރަކު މީގެކުރިން ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.