ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ.
އޮމާންގެ ވެރިރަށް -- މަސްކަޓަށް ވަޑައިގަތުމުން ޝާހިދަށް މަރުހަބާ ދެންނެވީ އޮމާންގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލް ޖަރަޑީ އެވެ.
ޝާހިދުގެ މިދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު އަލްބުސައިދީއާ ބައްދަލުކުރައްވާނެ އެވެ. އަދި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އޮމާންގެ ރަސްގެފާން ހައިތަމް ބިން ތޯރިގަށް ފޮނުއްވާ ސިޓީފުޅެއް ރައްދު ކުރެއްވުމަށް ހަަމަޖެހިފައިވެ އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އޮމާން އަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މިމަޝްވަރާތަކުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރު ދާއިރާތަކުން ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ގުޅުން ހުރި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަ
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި އޮމާންގެ މިނިސްޓާ އޮފް ހެރިޓޭޖް އެންޑް ޓޫރިޒަމް ސާލިމް ބިން މުހައްމަދު އަލްމަހްރޫގީއާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ. މިބައްދަލުވުމުގައި އޮމާން އާއި ރާއްޖެއާ ދެމެދު ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ޝާހިދު އޮމާނަށް ވަޑައިގެންފައި މިވަނީ މިމަހުގެ ފަހަކުން އަށަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަހްރޭނަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެެވެ. މިދަތުރުފުޅުގައިވެސް ޝާހިދު ބައިވެރިވެވަޑައިގެންފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިފަހުން ގެންދަވަނީ މެދުއިރުމަތީގެ ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސައުދި އަރަބިއްޔާ، ގަތަރު، ޔޫއޭއީ، ބަހްރޭން އަދި އޮމާންއާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރެވެ އެވެ. އޮމާން އާއި ޔޫއޭއީ އަކީ ރާއްޖެއަށް އެންމެ ގިނަ އިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައިވެސް ހިމެނޭ ދެ ގައުމެވެ.