ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިފާ ކުދިން ބަލަހައްޓާ ފިޔަވަތީގައި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެޗްއާރްސީއެމުން މައްސަލަ ބަލާކަމަށް ބުނެފައި ވަނީ ފިޔަވަތީގައި ދިރިއުޅޭ ކުޑަކުދިންތަކެއް ރޯ އަޑު އިވެގެން ރޭ ދަންވަރު ބައެއް މީހުން އެތަނުގެ ގޭޓު ކައިރިއަށް އެއްވެފައިވާ ވީޑިއޯއެއް އާންމުވެފައި ވަނިކޮށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލް އެކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އެ ތަނަށް މީހުން އެއްވެފައިވާ ވީޑިއޯއެއް އާންމުވެފައިވާއިރު ވީޑިއޯއިން ކުއްޖަކު ރޯ އަޑު އިވެ އެވެ. އެމީހުން ބުނަމުން ދިޔައީ އެކުއްޖާ ރޮނީ އެތަނުގެ މުވައްޒަފުން އަނިޔާކޮށްގެން ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ ފިޔަވަތީގައި މުވައްޒަފުން ކުދިންނަށް އަނިޔާކުރި މައްސަލައެއް ރިޕޯޓު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެތަނަށް މީހުން އެއްވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ދިޔަ ކަމަށާއި ނަމަވެސް އޭރު އެތަނުގައި މީހަކު ނެތް ކަމަށެވެ.
މި މައްސަލައިގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖެންޑާ މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.