އެޗްއާރްސީއެމް

"އަފްޣާން ޖަލުގައި ތިބި ކުދިން ނުގެނެވުނީ އާއިލާ ދެކޮޅު ހެދުމުން"

އަފްޣާނިސްނތާނުގެ ޖަލުގައި ތިބި ދިވެހި އާއިލާގެ ހަތަރު ކުޑަކުދިން ރާއްޖެ ނުގެނެވުނީ އެ ކުދިންގެ މައިންބަފައިން އެކަމާ ދެކޮޅު ހެދުމުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އަބަދުވެސް މައްސަލައެއް ފެންމަތިވުމުން އެޗްއާރްސީއެމުން ކަންކަން ކުރާ އާދައިގެމަތީން، އަފްޣާން ޖަލުގައި ތިބި ދިވެހި އާއިލާއާ ގުޅޭ ގޮތުން ވެސް އެޗްއާރްސީއެމުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މ. މޫންލައިޓްވެލީ، އަލީ ޝާފިއު އާއި އޭނާގެ އަންހެނުންނާއި ހަތަރު ދަރިންނާބެހޭ ގޮތުން މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ގުޅޭ މައްސަލައަކީ ޑިސެންބަރު 12، 2019 ގައި ކޮމިޝަނަށް އަލީ ޝާފިއުގެ އާއިލާގެ ފަރާތުން ހުށަހެޅުމުން ތަހްގީގު ކުރާ މައްސަލައެއް ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން އެ ކޮމިޝަނުން އާއިލާއާ ބައްދަލު ކޮށްފައި ކަމަށާއި އެ މައްސަލަ އެ ކޮމިޝަނުގެ ސަމާލު ކަމަށް އައި ހިސާބުން ފެށިގެން އިސްކަމެއްދީ، ގުޅޭ އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް އެކަން ގެންގޮސް މައްސަލައާ ގުޅޭ މައުލޫމާތު ހޯދަމުން ދިޔަ ކަމަށެވެ.

މައްސަލައާ ގުޅިގެން ކޮމިޝަނުން ބެލިއިރު އަލީ ޝާފިއުއާ އޭނާގެ އަންހެނުންނަކީ އެ މީހުނަށް ތުހުމަތުވި މައްސަލައަކާ ގުޅިގެން އަފްޣާނު އިދާރާތަކުން އެ މައްސަލަ ތަހުގީގުކޮށް އެ ގައުމުގެ ސުޕްރީމް ކޯޓުން ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ ދެމަފިރިންކަން ފާހަގަ ކުރެވިފައި ކަމަށާއި އެ ދެމަފިރިންނާއެކު ހަތަރު ކުޑަކުދިން ވެސް ޖަލުގައި ތިބި ކަމަށް ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ވެއެވެ.

އަދި އެ ހާދިސާގެ ކުރީކޮޅު މައްސަލާގައި ހިމެނޭ ހަތަރު ކުދިން ރާއްޖެ ގެނައުމަށް އަފްޣާން ސަރުކާރުން ވެސް ދެކޮޅު ނުހަދާ ކަމަށާއި އޭރު ކުދިން ރާއްޖެ ގެނެވޭގޮތަށް އޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައިވާއިރު ކުދިންގެ ބެލެނިވެރިން އެކަމަށް ދެކޮޅު ހެދުމުގެ ސަބަބުން އޭރު ކުދިން ގެނައުމުގެ މަސައްކަތް ހުއްޓުނީ ކަމަށް ވެސް ވެސް ބުނެފައި ވެއެވެ.

އެޗްއާރްސީއެމުން ބުނި ގޮތުގައި އެ ހަތަރު ކުދިންނަކީ ކުށަކާއި ނުލައި ޖަލުގައި ތިބި ކުދިންތަކެކެވެ. އެހެންވެ އެކުދިން ރާއްޖެ ގެނައުމާ ގުޅޭގޮތުން އަލީ ޝާފިއުގެ އާއިލާއާ އެ ކޮމިޝަނުން އިސްވެ މަޝްވަރާކުރި އެވެ. އަދި ބެލެނިވެރިން އެ ކުދިން ގެނައުމަށް އެއްބަސްވާ ކަމަށް އާއިލާއިން ހިއްސާކުރުމުން، އެކަން އިދާރާތަކާ ހިއްސާކޮށްފައި ވާނެ އެވެ.

"... ކުދިން ގެނައުމުގެ މަސައްކަތް އެ އިދާރާތަކުން ކުރިއަށްދާގޮތް އެކޮމިޝަނުން ދަނީ ގާތުން ބަލަމުންނެވެ. ކޮވިޑް-19 އިގެ ހާލަތާ އަދި އެހެނިހެން މައްސަލަތަކާ ހެދި ކުދިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް ހުރިކަމަށް ކަމާބެހޭ މުއައްސަސާތަކުން ހިއްސާކުރި މައުލޫމާތުގައި ވަނީ ހާމަކޮށްފައެވެ،" ކޮމިޝަނުގެ އެ ބަޔާނުގައި ވެއެވެ.

މައްސަލައާ ގުޅިގެން ލިބޭ ކުރިއެރުންތަކުގެ މައުލޫމާތާއި އާއިލާއިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ޖަލުގައި ތިބި ހަތަރު ކުދިން ގެނައުމާ ގުޅޭގޮތުން، ކަމާގުޅުންހުރި މުއައްސަސާތަކާއެކު އެކިފަހަރުމަތިން ކޮމިޝަނުން ވަނީ ބައްދަލުވުންތަކެއް ބާއްވާފައި ކަމަށާއި މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު މިއަދާ ހަމަޔަށް އާއިލާއާ ވާނީ އެކިފަހަރުމަތިން ހިއްސާ ކޮށްފައި ކަމަށް ބަޔާނުގައި ވެއެވެ.

އެކޮމިޝަނުން ބުނީ މައްސަލާގައި އަފްޣާނުގެ އިންޑިޕެންޑެންޓް ހިއުމަން ރައިޓްސް ކޮމިޝަނާ ލިޔުމުން މުއާމަލާތްކޮށް އެ އާއިލާއަށް ޒިޔާރާތް ކުރުމަށް އެދިފައިވާނެ ކަމަށާއި އަފްޣާނުގެ އެ ކޮމިޝަނުން އެ އާއިލާއަށް ޒިޔާރާތްކޮށް ހާލަތު ބަލައި ފާހަގަވި ކަންކަން އެޗްއާރްސީއެމާ ހިއްސާ ކޮށްފައިވާއިރު ހަތަރު ކުދިން ރައްކާތެރި މައުހާލަކަށް ގެންދަން ކޮމިޝަނުގެ އެދުމުގެ މަތިން މަސައްކަތް ކުރި ކަމަށެވެ.

"... ނަމަވެސް ކުދިން ބަހައްޓާ މަރުކަޒުތަކުން އެކުދިން އެ މަރުކަޒުތަކަށް ނެގުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، އެކަން އަދި ހަމަޖެހިފައިނުވާ ކަމަށް ހިއްސާކޮށްފައިވެ އެވެ." ބަޔާނުގައި ވެއެވެ.