މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:27 ހާއިރު މާލޭގައި ގޮއްވާލި ބޮމާ އެކު މުޅި ރާއްޖެ ސިއްސުވާލައިފި އެވެ. ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުން އިތުރު ބިރުވެރިކަމާއި ހާސްކަމުގެ ތެރެއަށް ވައްޓާލައިފި އެވެ. މާލޭގެ އުދަނގޫ ދިރިއުޅުމަށް އިތުރު ތަކްލީފްތަކެއް އުފުލަން ޖައްސުވައިފި އެވެ.
މާލޭގެ ނީލޯފަރު މަގާއި މަޖީދީ މަގު ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލީ އާދައިގެ ރައްޔިތަކަށް އަމާޒުކޮށްފައެއް ނޫނެވެ. ހަމަލާއާއި ގުޅިގެން ކަންބޮޑުވެ ފިކުރު ބޮޑުވަނީ އެ ސަބަބާ ގުޅިގެންނެވެ. ހަމަލާ ދިން މީހުންގެ އަމާޒަކީ ރާއްޖޭގެ އެންމެ ގިނަ ބައެއް ތާއީދާއި ލޯބި އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަކީ ދައުލަތުގެ އެއް ބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށްވާތީ މިއީ ސީރިއަސް މައްސަލަ އެކެވެ. ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން ކިލަނބުވެ އިގްތިސޯދު އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.
ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެއިން ނިކުންނަވާ ކާރުކޮޅަށް އަރައިވަޑައިގެންނެވުމަށް ތައްޔާރުވަމުން ދަނިކޮށް ދިން އެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މިހާތަނަށް ހަަތަރު ސާޖަަރީ އެމަނިކުފާނު ކުރެއްވި އިރު އަދިވެސް އޮންނެވީ އައިސީޔޫގަ އެވެ. ހަމަލާއާ ގުޅިގެން އަރިހުގައި ތިއްބެވި ސިފައިންގެ ތިން ބޭފުޅަކާއި އާންމުންގެ މީހަކާއި އިނގިރޭސި ފަތުރުވެރިޔަކު ޒަހަމްވުމަކީ ކުޑަ ކަމެއް ނޫނެވެ. އެ ނުރައްކާތެރި ހަމަލާއަށް ތިން ދުވަސް ވެގެން ދިޔައިރުވެސް އާންމުން ކަންބޮޑުވަނީ އެ ސަބަބުތަކަކާ ގުޅިގެންނެވެ.
"[ހަމަލާއާއި ގުޅިގެން] ވަރަށް ބިރުވެރި އިހުސާސެއް ކުރެވުނީ. އަޅުގަނޑުމެން މި ގައުމުގައި މި ކަހަލަ ހަަމަޖެހުމެއް އޮންނަ ގައުމެއްގައި އަޅުގަނޑުމެންނަށް މިކަހަލަ ކަމެއް ދިމާވާކަމަށް ވަންޏާ މިއީ ވަރަށް ދެރަ ކަމެއް ނޫންތޯ. އަޅުގަނޑުމެން އުޅޭ ތަނެއްގައި މިކަހަލަ ކަންތައްތައް ކުރުން މިއީ ވަރަށް ނޭއްގާނީ އަމަލެއް. އަޅުގަނޑުމެން ވަރަށް ކުށްވެރިކުރާ ކަމެއް އެއީ" ނާފިއު ކިޔާ މީހެއްގެ ކަންބޮޑުވުން ހިއްސާކުރަމުން ބުންޏެވެ.
ބައެއް މީހުން ހަމަލާ ސިފަ ކުރީ ދާހީލާ ހަނގުރާމައެއް ރާއްޖޭގައި ފެށުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. ވަޅި ޖެހުމުން މަރުވަނީ ނޫނީ ޒަހަމް ވަނީ އެ އަނިޔާ ލިބޭ މީހާ އެވެ. އެކަމަކު ބޮމެއް ގޮއްވާލުމުން ކަމާ ނުގުޅޭ އެތައް ބަޔަކު މަރުވުން ނުވަތަ ޒަހަމްވުމަކީ ވެސް ހަމަލާއާ ގުޅިގެން އުފެދޭ ހާސްކަން ބޮޑުވި ކަމެކެވެ.
ހަމަލާ ދީފައިވާ ގޮތާއި ބޭނުންކުރި ތަކެތީގެ ގޮތުން އާންމުން ތިބީ ބިރުގަނެފަ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ހަރުކޮށްފައި ހުރީ ސައިކަލެއްގަ އެވެ. އެހެންވެ އާންމު މީހާގެ ކަންބޮޑުވުމަކީ އޭނާ ސައިކަލް ޕާކް ކޮށްފައި ގެއަށް ވަންނައިރު އެހެން މީހަކު އައިސް އޭނާގެ ސައިކަލްގައި ބޮމެއް ހަރުކޮށް ގޮއްވާލުމެވެ.
ހަމަލާއާ ގުޅިގެން ޝައްކު ކުރެވޭ ހަތަރު މީހުންގެ ތެރެއިން ދެ މީހުން ފުލުހުން ހައްޔަރުކުރީ ހަމަލާ ދިންތާ 48 ވާން އުޅެނިކޮށެވެ. ހަމަލާ ދިނީ ކުޑަކުޑަ މާލޭގައި އެންމެ ގިނަ މީހުން ދަތުރުކުރާ މަޖީދީ މަގަށްވާ ގޮތަށެވެ. އެންމެ ގިނަ ފިހާރަތަކާއި އެންމެ ގިނަ ސީސީޓީވީ ކެމަރާ ވެސް ހުރި ސަރަހައްދުގަ އެވެ. އެހެންވެ ކުށްވެރިން ހައްޔަރުކުރުމަށް ހޭދަވި
ވަގުތު މާލަސް ކަމުގައި އާންމުން ދެކެ އެވެ.
"މިވަރުގެ ނުރައްކާތެރި ހަމަލާއެއްގައި މީހަކު ހައްޔަރުކުރަން ހަމަ ހަގީގަތުގައިވެސް 48 ގަޑިއިރަކީ ގިނަ ވަގުތު. ބަޔަކު ހައްޔަރުކުރުމުގެ ކުރިން އެމީހުންގެ ފޮޓޯތައް ވެސް ދައުރުވި. އެކަމަކުވެސް ހައްޔަރުކުރުން މާލަސްވި. އަނެއްކާ އަދިވެސް ޕޮލިހުންނަށް ނުދެވޭ ޔަގީންކަމެއް ރައްޔިތުންނަށްވެސް ރައީސް ނަޝީދަށް ވެސް ހަމަލާ ނުދެވޭނެ ކަމަކަށް. އެހެންވެ ޕަބްލިކް ސޭފްޓީ ނެތެއް ނޫންތޯ" ކަންބޮޑުވެފައި ހުރި ޝަފްތާ ކުރީ ސުވާލަކަށް ފަހު ސުވާލެކެވެ.
މީހުން މަރަން ޖެހިލުން ނުވާ ވަރުގެ 1300 އެއްހާ މީހުން މުޖުތަމައު ތެރޭގައި މިނިވަންކަމާ އެކު އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާތީ އާންމުން ވަނީ އެ ކަންބޮޑުވުން ވެސް ފާހަގަކޮށްފަ އެވެ. އޭގެތެރެއިން
ބައެއް މީހުންނަކީ ދާހިލާ ހަނގުރާމަތައް ހިނގަމުންދާ ގައުމުތަކަށް ގޮސް ބޮމާއި ހަތިޔާރު އުފައްދާ ގޮތް ދަސްކޮށް، އަސްކަރީ ތަމްރީން ހަދާފައިވާ މީހުންނެވެ. އެކަމަކު ސަލާމަތީ އެޖެންސީތަކުން އެންމެ ވަރުގަދައަށް ސެކިއުރިޓީ ފޯރުކޮށްދޭ ބޭފުޅާގެ ސެކިއުރިޓީއާ ގުޅޭ ޖާސޫސީ މައުލޫމާތެއް ނުލިބި ހަމަލާ ދިނުމަކީ އާންމުން އުފައްދާ ސުވާލެކެވެ. އެހެންވެ އާންމު މީހާގެ ސަލާމަތާއި ރައްކާތެރިކަމާ ދޭތެރޭ އެމީހުންނަށް އެއްވެސް ޔަގީންކަމެއް ނެތެވެ.
"ރާއްޖޭގެ އާބާދީ ކުޑަވިޔަސ އެބަތިބި އެކި ގިންތީގެ އެކި ފަންތީގެ ހައި ލެވަލް ބޭފުޅުން. އަސްލު ބޮމެއް ގޮއްވާލުމަކީ ކުޑަ ކަމެއް ނޫން. އެފަދަ ކަމެއް ކުރާނީ ވަރަށް ގިނަ މުއާމަލާތްތައް ކުރުމަށްފަހު ގިނަ ދުވަހުގެ މަސައްކަތުން. އެހެންވީމާ އެކަކު އެކަނި އެވަރުކަމެއް ކުރާނެ ކަމަަކަށް ވެސް ގަބޫލެއްވެސް ނުކުރަން. އެހެންވީމާ އެވަރުގެ ބޮޑު ކަމެއް ހިނގަމުންދާއިރު އިންޓެލިޖެންސަށް ނޭނގިދާނެ ކަމަކަށް ގަބޫލެއް ނުކުރަން" ގާދިރު ކިޔާ މީހަކު ސުވާލު އުފެއްދީ އިންޓެލިޖެންސްގެ ދޯހަޅި ކަމަށެވެ.
ހަމަލާއާ ގުޅިގެން އަވަސް އިން ވާހަކަ ދެއްކި އާންމުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެ ބިރުގެންފަ އެވެ. އެ މީހުން އެދުނީ ދައުލަތުގެ ސަލާމަތާ ގުޅޭ ކަންކަން އަލުން ދިރާސާކޮށް، ބަދަލުތަކަކާ އެކު ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.
"އަޅުގަނޑު މުޖުތަމައުއަށް ދޭން ބޭނުންވާ މެސެޖަކީ މިއީ އެއްބަނޑު އެއްބަފާ މީހުން ދިރިއުޅޭ ތަނެކޭ. އެއް ލެއެއް ހިނގާ ތަނެކޭ. އެއް ދީނަަކަށް އުޅޭ ތަނެކޭ. އެެހެންވީމާ މިތަނުގައި އަދި މީހަކާ ހިޔާލު ތަފާތު ވިޔަސް މިބާވަތުގެ އަނިޔާވެރި އަމަލުތައް ހިންގައިގެން ނުވާނެޔޭ. ކަންކަން ހައްލުކުރަންވާނީ ވާހަކަ ދައްކައިގެން" ސަރުކާރުގައި ކުރިން މަސައްކަތް ކޮށްފައިވާ އަހްމަދު އަލީގެ މެސެޖު ވަރަށް ސާފެވެ.