މެއި 6، 2021 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ އެމަނިކުފާނުގެ ފުރާނަފުޅަށް އަމާޒުކޮށް ހަރުކަށި ފިކުރުގެ ބަޔަކު ރާވައިގެން ދީފައިވާ ޓެރަރިސްޓް ހަމަލާއެއްކަން މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާތަނަށް އާންމު ކޮށްފައިވާ މައުލޫމާތުތަކުން ދޭހަވެއެވެ.
ރައީސް ނަޝީދުމެން ފަދަ ހައި ޕްރޮފައިލް އަދި ސިޔާސީ ގޮތުން މަގުބޫލު ބޭބޭފުޅުންނަކީ ޓެރަރިސްޓުން އަބަދުވެސް ޓާގެޓް ކުރާ އެއް އަމާޒެވެ. ޓެރަރިސްޓުންގެ މަގުސަދަކީ ހަމަލާއެއް ދީގެން އާންމުންގެ ސަމާލުކަން ހޯދުން ކަމަށް ވީހިނދު ގައުމުގެ ރައީސްކަން ކުރައްވާފައިވާ އަދި މިހާރު ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން ކުރައްވާ އަދި ޑިމޮކްރަސީގެ މިނިވަން ފިކުރުގެ އެންމެ ވަރުގަދަ އެއް ލީޑަރު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބޭފުޅަކަށް މިފަދަ ހަމަލާއެއް ދިނުމަކީ ހަމަ ޔަގީނުން ވެސް މުޅި ގައުމުގެ އަދި މުޅި ދުނިޔޭގެ ސަމާލުކަން ލިބޭނެ ކަމެކެވެ.
ނަޝީދަށް އޮތް ތްރެޓް އައީ އިތުރުވަމުން
ރައީސް ނަޝީދު ސިޔާސީ ހަރަކާތް ފެއްޓެވި ހިސާބުން އެމަނިކުފާނާއި ދެކޮޅަށް ތްރެޓް އަންނަމުން ދިޔައެވެ. ސިޔާސީ ވާދަވެރިންނާއި ފިކުރީ ގޮތުން ހިޔާލު ތަފާތު މީހުންނާއި ހަރުކަށި ފިކުރުގެ މީހުން އެމަނިކުފާނަށް ދެކޮޅު ހައްދަވާ ނުރައްކާތައް ކުރިމަތި ކުރަމުން ގެންގޮސްފައިވެއެވެ.
ހަރުކަށި ފިކުުރު ފަތުރަން މަސައްކަތް ކުރާ މީހުންނާއި އަދި ރައީސް ނަޝީދާއި ސިޔާސީ ގޮތުން ވާދަވެރިން ނަޝީދަކީ "ލާދީނީ" ވިސްނުން ފަތުރަން ފާޅުގައި މަަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ސިފަކުރަމުން ވެސް ގެންގޮސްފައި ވެއެވެ. ތަކުފީރީ ވިސްނުމުގެ ތެރެއިން "ލާދީނީ" މީހެއް ކަމަށް ކަނޑައަޅާ ލޭ ހުއްދަ ކަމަށް ނިންމާ އެމަނިކުފާނު "އަވަހާރަކޮށްލަން" ގޮވާލާ ސޯޝަލް މީޑިއާގައި މީގެ ކުރިންވެސް އެތައް މެސެޖްތަކެއް ދައުރުވެފައިވެއެވެ. ކުރުކޮށް ބުނަނީނަމަ ނަޝީދަކީ އަބަދުވެސް ތްރެޓް ހައި ބޭފުޅެކެވެ.
ނަޝީދުގެ ސިޔާސީ "ޕާސޯނާ"
ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ފަހުގެ ތާރީހުގައި ގެނެވިފައިވާ އެންމެ ބޮޑު ސިޔާސީ އިންގިލާބުގެ މުގުލުގައި ހުންނެވި ޑިމޮކްރެޓިކް ވިސްނުމާއި ފިކުރުގެ އައިކަން އެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ބޭފުޅެކެވެ.
ދެހާސް އަށް ވަނަ އަހަރުގެ ކުރީން ދިވެހިންނަށް އާދަވެފައި ތިބީ ރައީސް މައުމޫންގެ ހައި ސެކިއުރިޓީ އާއި އެ ބޭފުޅާގެ ހަރުކަށި ސެކިއުރިޓީގެ އިންތިޒާމުތަކަށެވެ. ބާރު ސްޕީޑްގައި ހުރިހާ ޓްރެފިކެއް އެއް ފަރާތް ކުރަމުން ވެހިކަލް ކޮންވޯއީގައި ތަންތަނަށް ވަޑައިގަންނަވާތަން ފެނުމަކީ އާންމު ކަމެކެވެ.
އީދު ދުވަހު އީދު ސަލާން ކުރުމަށް ދާއިރު ވެސް މެޓަލް ޑިޓެކްޓާއިން ޗެކްކުރެވިގެން ނޫނީ ނުވަދެވެ އެވެ. ނަމަވެސް 2008 ގައި ނަޝީދުގެ ވެރިކަން ފެށުމާއެކު ދިވެހީންނަށް ފެނިގެން ދިޔައީ މުޅީން އައު ވައްޓަފާޅި އެކެވެ. ސާދާ ކަމާއެކު ފައިމަގުގައި ހިންގަވާފައި ތަންތަނަށް ވަޑައިގަތުމާއި ފެންނަ ކޮންމެ މީހަކަށް ހިނިތުންވުމާއެކު ސަލާން ކުރެއްވުމާއި ޖޯލިފަތިތަކާއި މައިޒާންތަކުގައި ރައްޔިތުންނާއެކު ހިތްތިރިކަމާއެކު އިށީންދެވަޑައިގެން މަޝްވަރާ ކުރއްވުން ވެގެން ދިޔައީ ދިވެހިންނަށް ކުރިން ފެނިފައިވާ ރައީސުންގެ އަމަލުތަކާއި މުޅީން ތަފާތު އަމަލުތަކަކަށެވެ.
ނަޝީދުގެ ސިޔާސީ ވިސްނުމާއި ހަރަކާތްތަކަކީ އަބަދުވެސް ރައްޔިތުންނާއި ވަރަށް ގާތުން "ގްރާސް ރޫޓް" ލެވްލްގައި ހިންގޭ ހަރަކާތްތަކެކެވެ. އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނުގެ އަމަލުތަކުގައި ބަހައްޓަވާ ސާދާ ކަމާއި އާދައިގެ މީހާގެ އިހުސާސްތަކާއި ހަމައަށް ވާސިލުވެވޭ "ކޮމަން ޓަޗް" އެވެ.
ސިޔާސީ ހަރަކާތް އަދި ތްރެޓް އިތުރުވުން
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާ ރައީސްކަން ދޫކުރައްވާ ވަޑައިގަތުމާއި ޖަލުގައި އަދި ރާއްޖެއިން ބޭރުގައި އެތައް ދުވަސްތަކެއް ވަންދެން އުޅުއްވުމަށް ފަހު 2018 ވަނަ އަހަރުގެ އިންތިހާބަށް ފަހު ވެރިކަން ބަދަލުވުމުން ރާއްޖެ އެނބުރި ވަޑައިގެން ދެންވެސް މަސައްކަތް ކުރެއްވީ ކުރީންވެސް އެމަނިކުފާނު އަމަލު ކުރެއްވި ބީދައިންނެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުވެސް އެމަނިކުފާނުގެ އަމަލުފުޅުތައް ބަހައްޓަވަމުން ގެންދެވީ އެފަދައިންނެވެ. ތަންތަނަށް ހިންގަވާފައި ވަޑައިގަންނަވައެވެ. ބައްދަލްވުމާއި މީހުންނާއި ސަލާންގަލާން ކުރައްވައެވެ. ގޭގެއަށް ޒިޔާރަތް ކުރައްވާ ޖޯލިތަކާއި މައިޒާންތަކުގައި ވާހަކަ ދައްކަވައެވެ. ބައިބޯ، މީހުން ގިނަ އެއްވުންތަކުގެ މެދަށް އެއްވެސް ޖެހިލުމެއް ނެތި ވަދެވަޑައިގަންނަވައެވެ. މިކަންކަން ކައުންސިލް އިންތިހާބުގެ ކެންޕެއިނުގެ ތެރޭގައިވެސް ވަރަށް ސާފުކޮށް ފެނިގެންގޮސްފައިވެއެވެ.
ސިޔާސީ މަސައްކަތުގައި ރައީސް ނަޝީދު ކުރިއަށް ވަޑައިގަންނަވަމުން ގެންދެވިވަރަކުން އެމަނިކުފާނަށް އޮތް ތްރެޓްވެސް ދިޔައީ މައްޗަށެވެ. ނަޝީދުގެ ސިޔާސީ ވިސްނުމާއި ހިޔާލުތަކަކީ ބައެއް މީހުންނަށް އަދި ބައެއް ފަހަރު ގިނަ ބަޔަކަށް ބަލައިގަނެވޭ ކަމަކަށް ނުވެއެވެ. މިއާއެކު އެޅި ހަރުކަށި ވިސްނުމުގެ ކަންކަން ފުޅާގެ އިތުރަށް ނުރައްކާވަމުން ދިޔައެވެ.
މިކަންކަން އެމަނިކުފާނުގެ ސަމާލު ކަމަށް އެކި ފަހަރު އެކި ގޮތްގޮތުން ގެނެވިފައިވާނެ ކަން ޔަގީނެވެ. ނަމަވެސް އެ ތްރެޓް އޮތްކަން އެނގިވަޑައިގެން ހުންނަވާވެސް އެކަމަށް ބެއްލެވުމެއް ނެތި އެމަނިކުފާނުގެ ވިސްނުންފުޅާއި ފިކުރުފުޅާ އެއްގޮތަށް ވާހަކަފުޅު ދައްކަވާ އަދި ސިޔާސީ ބްރޭންޑްގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ދެމި ހުންނެވުމަކީ ނެންގެވި ވަރަށް ބޮޑު ރިސްކެކެވެ.
ލީޑަރުންނަށް އޮތް ސެކިއުރިޓީ ރިސްކް - މި ސަރަހައްދުން
ސިޔާސީ ލީޑަރުން ނަންގަވާ ރިސްކުތަކާއެކު އެ ބޭފުޅުންނަށް އޮތް ތްރެޓް އާއި ބެހޭ ގޮތުން ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތްތަކުން ކިޔައިދީ ކަންކަން ކުރަންވީ ގޮތް އަންގަމުންދާނެ ކަން ކަށަވަރެވެ. ނަމަވެސް ލީޑަރަކަށް އޭނާ ސިޔާސީ ހަރަކާތްތަކާއި ނުވަތަ ސިޔާސީ "ޕާސޯނާ" އާއި ދުރަށް ޖެހި ސެކިއުރިޓީގެ ބަނދެވުންތަކުގައި ބަނދެވިގެން އުޅުމަށްވުރެ އަބަދުވެސް މުހިންމު ވަނީ ސިޔާސީ މަގުބޫލު ކަމާއި ވޯޓާއި ސިޔާސީ ހަރަކާތްތަކެވެ.
މީގެ އެންމެ ހިތާމަވެރި އެއް މިސާލަކީ 1991 ވަނަ އަހަރު އިންޑިއާގެ އޭރުގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަ ކޮށްލި ހާދިސާ އެވެ. އެ ދުވަސްވަރު ރަޖީވް ގާންދީ ގެންދެވީ އިންޑިއާގެ އުތުރުގެ ޝަހަރުތަކުގައި ކެންޕޭން ން ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ކެންޕެއިންގެ އެންމެ މުހިންމު އެއް މެސެޖަކަށް ވެފައި އޮތީ ބޮޑުވަޒީރުކަން ލިބިވަޑައިގެންފިނަމަ އިންޑިއާގެ އަސްކަރިއްޔާ އަލުން ސްރީލަންކާއަށް ފޮނުވާ ތަމަޅަ ޓައިގަރުން (އެލްޓީޓީއީ) ގެ ބާރު މުޅީން ނެތިކޮށްލުމުގެ ވައުދެވެ. މިކަން އެހެން ވިޔަ ނުދިނުމަށް އެލްޓީޓީއިން އެމަނިކުފާނު އަވަހާރަ ކޮށްލަން މަސައްކަތް ކުރާ ކަަމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް އިދާރާތަކުން އެތައް ފަަހަރަކު ރަޖީވް ގާންދީއަށް މައުލޫމާތު އެރުވިއެވެ.
އަދި ޓެމިލް ނާޑޫގެ އޭރު ހުންނެވި ގަވަރުނަރުވެސް ރަޖީވް އަރިހުގައި އެ ވާހަކަ ދެންނެވިއެވެ. ނަމަވެސް އަމިއްލަފުޅު ފުރާނަ އާއި ހަށިކޮޅުގެ ސަލާމަތާއި ރައްކާތެރި ކަމަށްވުރެ ސިޔާސީ ކެންޕެއިން ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިއުން ރަޖީވްއަށް މުހިންމުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޖާނުން ފިދާވުމުގެ ހަމަލާ ދިނުމަށް ތަމްރީންވެފައި ތިބި "ބްލެޓް ޓައިގާސް" ގެ އަންހެނެއް އޭނާގެ ގައިގައި އަޅާފައި އޮތް އެކްސްޕްލޯސިވް ބެލްޓް ގޮއްވާލާ ރަޖީވް އަވަހާރަކޮށްލީއެވެ.
މި ސަރަހައްދުން ދުރަށް ނުޖެހި އަވައްޓެރި ސްރީލަންކާއަށް ބަލައިލުމުންވެސް މިފަދަ ހިތާމަވެރި ހާދިސާތައް ފެންނަން އެބަހުއްޓެވެ. 1993 ގައި "މޭޑޭ" ގެ މުޒާހަރާ ބައްލަވާލެއްވުމަށް ހުންނަވަނިކޮށް އެލްޓީޓީއީ އިން ދިން ބޮމުގެ ހަމަލާއެއްގައި އޭރުގެ ރައީސް ޕްރެމަދާސާ އަވަހާރަކޮށްލިއެވެ.
އަދި 1999 ވަނަ އަހަރު އޭރުގެ ރައީސް ޗަންދުރިކާ ކުމާރަތުންގައަށް އަމާޒުކޮށް އެކަމަނާ ބައިވެރިވެ ވަޑައިގެންނެވި ސިޔާސީ އެއްވުމަކަށް އެލްޓީޓީއިން ދިން ޖާނުން ފިދާވުމުގެ ހަމަލާގައި އެކަމަނާއަށް އެތައް ޒަހަމުތަކެއް ލިބިވަޑައިގެންނެވިއެވެ.
ޕާކިސްތާނގައި ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ބޭނަޒީރު ބުއްޓޫ، އަލްގައިދާއިން ރާވާއިގެން ދިން ހަމަލާއެއްގައި އަވަހާރަކޮށްލާފައިވަނީ ސިޔާސީ ހަރަކާތެއްގެ ތެރެއިންނެވެ. މިފަދަ ތަންތަނަށް އެކަމަނާ ވަޑައިނުގަތުމަށާއި ކާރުކޮޅުން ބޭރަށް ތެދުވެ ވަޑައިނުގެންނެވުމަށް އެކަމަނާއަށް އެތައް ފަހަރެއްގެ މަތިން ދެންނެވިފައިވެއެވެ.
ނަޝީދު އެނބުރިވަޑައިގަތުން: ބަދަލު ފެންނަން ޖެހޭ
މެއި ހައެއްގެ ހަމަލާއަށް ފަހު ބޭސް ފަރުވާއަށް ރައީސް ނަޝީދު ޖަރުމަންވިލާތަށް ގެންދިއުމަށްޓަކައި ދަތުކުރި ކޮންވޯއީ އަކީ ފިލްމަކުން ވެސް ފެންނާނެ ވަރުގެ ވަރުގަދަ ކޮންވޯއީ އެކެވެ. އޭގައި ހުރީ ކޮންކޮން އާލަތްތަކެއް ކަމެއް ނޭނގެއެވެ. ނަމަވެސް ސްޕެޝަލް ފޯސަސްގެ ސިފައިން ހަތިޔާރާއެކު ސައިކަލްތަކުގައި ދެ އަރިމަތިން ދުއްވާތަން ފެނުނެވެ. ކޮންވޯއީގައި ދެ އެމްބިއުލާންސް އޮތެވެ. ކޮންވޯއީ ދަތުރުކުރި މަގު އޮތީ ހަތިޔާރު އެޅި ސިފައިން ނިކުމެ ބަންދުކޮށްފައެވެ. ބްރިޖްގެ ދެކޮޅާއި ބްރިޖްއަށް އެރެން އޮތް ހުރިހާ މަގުތަކެއް އޮތީ ފުލުހުން ބަންދުކޮށްފައެވެ. ބްރިޖްގެ ދަށުގައި ކޯސްޓްގާޑްގެ ލޯންޗުތައް ހަރަކާތްތެރިވިއެވެ.
ނަޝީދު ފަދަ ތްރެޓް ހައި ބޭބޭފުޅުން ދަތުރު ކުރައްވާން ޖެހިވަޑައިގަންނަވަންވީ މިފަދަ ކޮންވޯއީތަކުގަ އެވެ. ހަމަލާއެއް ދޭން މީހަކު ހިތަށް އަރުވާލަން ވެސް ނުކުރޭ ވަރުގެ ހައި ސެކިއުރިޓީއާއެކުގަ އެވެ. ބޭސްފަރުވާއަށް ފަހު އެނބުރި ވަޑައިގަތުމުން ކުރިއަށް އޮތް ތަނުގައި ރައީސް ނަޝީދު އުޅުއްވަން ޖެހިވަޑައިގަންނަވާނީ މިފަދަ ހައި ސެކިއުރިޓީގަ އެވެ. މިފަހަރުގެ ނުރައްކާތެރި ހަމަލާއިން އެމަނިކުފާނު ސަލާމަތްވެ ހެޔޮ ހާލުގައި ވަޑައިގަންނަވާނެ އެވެ. މިފަދަ ދެވަނަ ހަމަލާއެއް ދޭކަށް ދެނެއް ފުުރުސަތެއް ނުދެވޭނެ އެވެ. އަޅަންޖެހޭ ސެކިއުރިޓީ ފިޔަވަޅުތައް އޮންނަން ޖެހޭނީ އެޅިފައެވެ. އެ ނޫން ގޮތަކަށް އުޅުއްވުމުގެ އިހުތިޔާރު ނަޝީދުގެ އަތްމައްޗަށް ދޫކޮށްލެވިގެން ނުވާނެ އެވެ.
ނަމަވެސް ސުވާލަކީ މިފަދަ ހައި ސެކިއުރިޓީއަކާއެކު އެމަނިކުފާނު އުޅުއްވާނެތޯ އެވެ. ސިޔާސީ ލީޑަރުންނަށް އެ ބޭފުޅުންނަށް ނުރައްކާ އޮތްކަން ނޭންގެނީ ކަމަށް ބަލައިގެން ނުވާނެ އެވެ. މީގެ ބަދަލުގައި ތްރެޓް ނުވަތަ ނުރައްކާ އޮންނާނެކަން ދެކި އެހެނަސް އަމިއްލަ ދިރިއުޅުމާއި ސިޔާސީ ހަޔާތް ކުރިއެކޭ އެއްގޮތަށް ގެންގުޅުން މުހިންމު ކަމަށް ދެކި އެގޮތް އިސްކުރެވެނީއެވެ. ހަމަ މިއާއެކު ސެކިއުރިޓީގެ މައްޗަށް ސިޔާސީ ހަރަކާތާއި ސިޔާސީ ބޭނުންތައް އިސްކުރެވެނީ އެވެ.